17 Nov 2022, 14:10
އއ. އުކުޅަހު ސްކޫލުގައި ބާއްވާ ކޮންސެޓަކަށް ދަރިވަރުންނަށް މިއުޒިކާއެކު ނަށަން ދަސްކޮށް ނުދީގެން އެ ސްކޫލުގެ ތިން ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު ޒިންމާއަކީ ގައުމީ މަންޙަޖާ އެއްގޮތަށް، ހަވާލުކުރާ ކީސްޓޭޖެއް ނުވަތަަ ގްރޭޑެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގެ ލަނޑުދަނޑިތައް ހާސިލްކުރަން ކުރަންޖެހޭ ކަންކަން ކުރުންކަމަށެވެ.
އެހެންކަމުން އެކަން ހާސިލްކުރަން ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއްކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށްގެން ނުވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެއާއެކު އެ ތިން ޓީޗަރުންނާ މެދު ވެސް ފިޔަވަޅު އަޅައިފައިވަނީ ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުމުންކަމަށް މިނިސްޓްރީން ބުންޏެވެ.
"މި މައްސަލައިގެ އިދާރީ ތަޙުޤީޤު ހިންގުމަށްޓަކައި، ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން، 17 ނޮވެންބަރު 2022 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، އުކުޅަހު ސުކޫލުގެ 3 މުދައްރިސަކަށް ވަނީ އޮފީހަށް ނިކުތުން މަނާކުރެވިފައެވެ." އެޑިއުކޭޝަނުން ބުނެފައިވެއެވެ.