ރާއްޖޭގައި މީޓަރެއް ޓެސްޓު ކުރަން ބޭނުންވެގެން ތިން ހަތަރު ދުވަސް ނުވަތަ ހަފުތާއެއް ވޭތުވުން މާޒީވެ ހިނގައްޖެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ގަޑިއިރަކުން 75 މީޓަރު ޓެސްޓުކުރެވޭ ގޮތަށް، މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް ފެނަކައިން އިފްތިތާހްކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ. މީޓަރު ޓެސްޓް ކުރުމުގެ ޚިދުމަތް މިހާތަނަށް ދިނީ ސްޓެލްކޯއިން އެކަންޏެވެ.

ފެނަކައިން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް އިފްތިތާހް ކުރަނީ ---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އެންމެ މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި ސްމާޓް މީޓާވެސް ޓެސްޓު ކުރެވޭނެ ބެންޗެއް ފެނަކައިގައި ގާއިމް ވެގެން ދިޔުމީ ރާއްޖޭގެ ރައްޔިތުންނަށް އަދި މި ޚިދުމަތް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމުގައި އަޅުގަނޑު ދެކެން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މި ޚިދުމަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށާއި އަދި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން އިޚްލާސްތެރިކަމާއެކުވެސް މަސައްކަތް ކޮށްދިނުމަށެވެ.

މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ ދެ އިތުރު ދެ ސަރަހައްދެއްގައި ގާއިމް ކުރައްވާނެ ކަމުގެ ޚަބަރުވެސް ސައީދުވަނީ ދެއްވާފައެވެ. އެގޮތުން މި ޚިދުތަމް ފެށޭނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ ގެ އަތޮޅު ތަކުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައެވެ.

ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް ތައާރަފްކުރުން ---- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ޚިދުމަތް ހޯއްދެވުމަށް ފެނަކަވެބްސައިޓްމެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބޭއިރު، މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގެ ކައުންޓަރަށް މީޓަރު ހުށަހެޅުއްވުމުންވެސް އެ ޚިދުމަތް ލިބޭނެއެވެ. އަދި މީގެ އިތުރުން އެރަށެއްގެ ފެނަކަ އިންޖީނުގެއަށް ނުވަތަ ސައިޓަށް މީޓަރު ހިފައިގެން ދުރުވުމުންވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވާނެއެވެ.