07 Apr 2012, 12:53
ގދ. އަތޮޅު ކައުންސިލްގެ ރައީސް ހުންނަވާ އަތޮޅު ގޭގެ ބިއްލޫރިގަނޑެއް ރޭ ފަތިހު ބަޔަކު ތަޅާލައިފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިޒާމް މިއަދު ވިދާޅުވީ އޭނާ ދިރިއުޅުއްވާ، ތިނަދޫގައި ހުންނަ އަތޮޅުގޭގެ ކުޑަދޮރެއްގެ ބިއްލޫރި ގަނޑު ތަޅާލާފައި ވަނީ ރޭ ދަންވަރު 2:50 އެހާކަންހާއިރު ގާބުރިއަކުން ޖަހައި ކަމަށެވެ.
ނިޒާމް ވިދާޅުވީ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލި ނަމަވެސް ދޮރުގައި ތޭރިޖަހާފައި ފަރުދާއެއް ދަމާފައި ހުރުމުން މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި އަތޮޅުގޭގެ ތެރެއަށް ވެސް ވަދެވިފައިނުވާ ކަމަށެވެ.
"ބާރު އަޑެއް އިވިގެން އަޅުގަނޑު ނުކުތް އިރު ބާރަށް ދުވާށޭ އެކަކު ބުނި އަޑު އިވުނު،" ނާޒިމް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި އިރު އަތޮޅުގޭގައި ތިއްބަވާ އެހެން ކައުންސިލަރުން ވަނީ ހަފުތާ ބަންދަށް އެ ބޭފުޅުންގެ ރަށްރަށް ވަޑައިގެންފަ އެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާ އަށް ހަމަލޭދޭން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ވާހަކަ ދޭތެރެ ދޭތެރެއިން އަޑު އިވޭ ކަމަށެވެ.
އަތޮޅު ކައުންސިލްގެ ކައުންސިލަރުން ކުއްޔަށް ތިއްބަވާ އަތޮޅުގެ އަށް ރޭ ހަމަލަދީފައި މި ވަނީ އަތޮޅު ކައުންސިލުން ތިނަދޫގެ ތަރައްގީއަށް ކަންތައްތައް ނުކޮށްދޭ ކަމަށް ބުނެ، އެ ރަށު ޒުވާނުންތަކެއް ނިޒާމާ ރޭ ބައްދަލުކޮށްފައިވަނި ކޮށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ކައުންސިލް މެމްބަރަކާ އެކު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާތްގަނޑަކަށް 40 ވަރަކަށް ޒުވާނުން ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.