17 Nov 2022, 09:50
އެކްޓަރު ރަންދީޕް ހުޑާ ނެޓްފްލިކްސްއާއި ގުޅިގެން މަސައްކަތްކުރާ ދެވަނަ ފިލްމީ ޕްރޮޖެކްޓް "ކެޓް" ރިލީޒްކުރާ ތާރީޚަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަސްކަމުގައި ނެޓްފްލިކްސްއިން ބުނެފިއެވެ.
ބަދަލު ހިފުންތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މިޕްރޮޖެކްޓަކީ، ކްރައިމް ތްރިލާ ވެބް ސީރީސްއެކެވެ. ގުރްނާމް ކިޔާ މީހެއްގެ ރޯލްއިން ރަންދީޕް ފެންނަ ވެބް ސީރީސްގައި އެކްޓަރު ދައްކުވައިދޭނީ ސިޔާސީ އަދި އަސްކަރިއްޔާއަށް ސިއްރު މައުލޫމާތު ފޯރުކޮށްދޭ މީހެއްގެ ރޯލެވެ.
ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މައުސޫމް މީހަކު މަސްތުވާތަކެތީގެ ޓްރެފިކިގިންގެ ޝިކާރައަކަށްވެ ސިޔާސީ ބާރުގެ ދަށުވެ އެކަންތަކުން އެމީހާ ސަލާމަތްކުރުމަށް ރަންދީޕްކުރާ މަސައްކަތް މިސީރީސްއިން ފެނިގެންދާނެއެވެ. ނެޓްފްލިކްސްއާއި ގުޅިގެން ގެނެސްދޭ މިސީރީސް ޕްރޮޑިއުސްކޮށްފައިވަނީ މޫވީ ޓަނަލް ޕްރޮޑަކްޝަންސްއާއި ޖެލީ ބީން އެންޓަޓެއިންމަންޓް ނަމަކަށްކިޔާ ދެ ކުންފުންޏަކާ ގުޅިގެންނެވެ. "ކެޓް" ސީރީސްގެ ވާހަކަ ލިޔެފައިވަނީ 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ސާންޑްކީ އާންކް"ގެ ލިޔުންތެރިޔާ ބަލްވިންދަރް ސިންގް ޖަންޖުއާއެވެ. މީގެއިތުރުން ބަލްވިންދަރްވަނީ ފިލްމު "އަބް ތުމާރޭ ހަވާލޭ ވަޠަން ސާތިޔޯ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކޮށްފައެވެ.
އެކްޓަރު ރަންދީޕް ހުޑާއަކީ އަބަދުވެސް ވަރަށް ތަފާތު މޮޅު ވާހަކަތަކަށް ބިނާކޮށްގެން އުފައްދާ ފިލްމުތައް ކުޅެން ޝައުޤުވެރިކަން ހުންނަ އެކްޓަރެކެވެ. އެކްޓަރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަކީ، މިފަދަ ވާހަކަތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމުތަކެވެ.
ހަމައެހެންމެ ފިލްމުގައި ރަންދީޕް ކުޅެން ލިބޭ ރޯލަށް އެންމެފުރިހަމައަށް އިންސާފުކުރުމުގައި ދެމިހުންނަ އެކްޓަރުންގެތެރޭގައި ރަންދީޕް ހިމެނެއެވެ. ރަންދީޕްގެ އެކްޓިންގް ކެރިއަރުގައި ގެނެސްދީފައިވާ މަޤުބޫލު ފިލްމުތަކުގެތެރޭގައި، 2016ވަނަ އަހަރު ރިލީޒްވި ފިލްމު "ސަރްބްޖީތް"، "ޖޯން ޑެއި" އަދި ފިލްމު "ހައިވެއި" ހިމެނެއެވެ.
މީގެއިތުރުން 2020ވަނަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރި އެކްޝަން ތްރިލާ "އެކްސްޓްރެކްޝަން" ހިމެނެއެވެ. މިފިލްމަކީ، އެކްޓަރު ރަންދީޕްގެ އަލަތު ބައިނަލް އަޤްވާމީ ފިލްމުވެސްމެއެވެ.