ގދ. ގައްދޫގައި ހިންގި މާރާމާރީއެއްގައި މީހެއްގެ އަރިކައްޓަށް ކަތުރެއް ހަރާލައިފި އެވެ.

ފުލުހުން ބުނީ ގައްދޫގައި އިއްޔެރޭ ދެ ގުރޫޕެއްގެ މެދުގައި ހިނގި މާރާމާރީގައި އެކަކުގެ އަރިކައްޓަށް ކަތުރެއް ހަރާލުމާއި ގުޅިގެން އެމީހާއާ ފަރުވާދީފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އެމީހާ އަށް ސީރިއަސް ޒަޚަމްތަކެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެތަނުން އެއް ކުއްޖަކު ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަރިކައްޓާދިމާލުން ބަނޑަށްވާ ގޮތަށް ކަތުރު ހެރިފައި ހުރީ ދެ ސެންޓިމީޓަރަށް ކަމަށާއި އެ މާރާމާރީގައި އިތުރު މީހެއްގެ އަތަށް ވެސް ފުންކޮށް ކަތުރު ހެރިފައި ހުރި ކަމަށެވެ. އޭނާ އަދި ބުނީ ދެ ގުރޫޕްގެ މެދުގައި ހިންގި އެ މާރާމާރީގައި އެއްކޮޅުގައި ތިބީ މިދިޔަ އަހަރު ސްކޫލް ނިންމި ކުދިން ތަކެއް ކަމަށާއި އަނެއްކޮޅުގައި ތިބީ ތަންކޮޅެއް ބޮޑެތި މީހުން ތަކެއް ކަމަށެވެ.

"އޭގެ ތެރެއިން ބައެއް ކުދިންނަށް ކިރިރިޔާ 18 އަހަރު ފުރޭނީ. އެމީހުން ދިޔައީ ބޮޑެތި މީހުން ތަކަށް ހަމަލަދޭން. އެއީ ވަރަށް ކުރިންސުރެ ހަމަނުޖެހުން ބޮޑު ދެ ގުރޫޕް،" އެމީހާ ބުންޏެވެ.