އޮފީހާއި އާންމު ދިރިއުޅުމުގެ ބިޒީ ހަފުތާއަކަށް ފަހު މިއޮތީ ހަފުތާ ބަންދު އައިސްފައެވެ. އެންމެ ގިނަ ބަޔަކު ހަފުތާ ބަންދުގައި ކުރާ އެއް ކަމަކީ ނިކުމެފައި ހުރި ޝޯތަކާއި ފިލްމުތައް ބަލައި ކެޗަޕް ކުރުމުގެ މަސައްކަތެވެ.

މި ހަފުތާ ބަންދުގައި ބަލާނެ އެއްޗެއް ނޭނގިގެން އުޅޭ ނަމަ ބަލާލަން އާ ޝޯތަކެއް އެބަހުއްޓެވެ. ތަފާތު އެކި ޖޯންރާގެ ޝޯތައް މި މަހުގެ ތެރޭގައި ނިކުމެފައިވާއިރު ލިސްޓު ބޮޑުކަމުން ފަށާނެ ދިމާލެއް ނޭނގިފައި ވެސް ގިނަ ބަޔަކު ތިބެދާނެއެވެ. ބަލާނެ އެއްޗެއް ނޭނގިގެން އުޅޭ މީހުންނަށް މި ދެނީ ކުޑަ ލިސްޓެކެވެ.

ޕެރިފްރަލް

ކްލޯއީ ގްރޭޒް މޮރެޓްސް ލީޑް ރޯލުން ފެންނަ ޕެރިފްރަލް އަކީ ސައިފައި އަދި ތުރިލާ ޝޯއެކެވެ. މިދިޔަ މަހުން ފެށިގެން ދައްކަމުން އަންނަ މި ޝޯގައި ފެނިގެންދާނީ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ މުސްތަގުބަލު ބަދަލުވެފައިވާ މަންޒަރެވެ. އޭގެތެރެއިން ލީޑް ކެރެކްޓާއަކީ ފްލިން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަށް އޮޅިގެން އޯލްޓަނޭޓިވް ރިއޭލިޓީއެއް ފެނިގެންދެއެވެ. އެ ރިއޭލިޓީގައި އޭނާގެ މުސްތަގުބަލަށް ތަފާތު ބަދަލުތައް އަންނަ ތަން ފެނިގެންދެއެވެ. އަދި އެއީ ނުރައްކާތެރި ރިއޭލިޓީއެއްކަން ވެސް އެނގެއެވެ.

މި ޝޯއަކީ އެމޭޒަން ޕްރައިމްގެ އޮރިޖިނަލް އަކަށް ވާއިރު އެ ސްޓްރީމިން ސާވިސް އިން މިހާރު ޝޯގެ ފުރަތަމަ ފަސް އެޕިސޯޑު ސްޓްރީމް ކޮށްލެވޭނެއެވެ.

އާކައިވް 81

މިއަހަރުގެ ކުރީ ކޮޅުގައި އަލަށް ދައްކަން ފެށި މި ޝޯއަކީ މިސްޓްރީ އާއި ސުޕަނެޗުރަލް އަދި ތުރިލާގެ ރަހަތަށް ވަރަށް ފުރިހަމައަށް ހެޔޮވަރު ކޮށް، ގެނެސްދީފައިވާ ޝޯއެކެވެ. ބިރުވެރި ބައެއް ވެސް ހިމެނޭ މި ޝޯގައި ފެންނަނީ ޑޭން ނަމަކަށް ކިޔާ އާކައިވިސްޓެއްގެ ވާހަކައެވެ. އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ އެކި ގޮތްގޮތުން ބޭނުން ނުކުރެވޭ ވަރުވެފައިވާ ދުވަސްވީ ވީއެޗްއެސް ޓޭޕްތައް ރިސްޓޯ ކުރުމެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި ގޮތް ނޭނގޭ ކުންފުންޏަކުން ޑޭންއަށް ލިބެނީ ވަރުގަދަ އޮފާއެކެވެ. އޭނާ އަށް ދެން ޖެހެނީ އަލިފާނެއްގައި ގެއްލުންވި މެލަޑީ ނަމަކަށް ކިޔާ ޒުވާނެއްގެ ޓޭޕްތަކެއް ރިސްޓޯ ކުރުމުގެ މަސައްކަތެވެ. އެ ޓޭޕްތައް އަޑު އަހާ ވަރަކަށް ޑޭން އަށް ކުރިމަތި ވަނީ ސުވާލުތަކެކެވެ. އަދި މެލަޑީ އާއި ޑޭން އާ ގުޅުމެއް އޮތް ކަން ޓޭޕް މެދުވެރިކޮށް ޑޭންއަށް އެނގިގެން ދާ ހިސާބުން މެލަޑީގެ ހަގީގަތް ހޯދަން އޭނާ ބޭނުންވެއެވެ.

ނެޓްފްލިކްސް އިން މި ޝޯގެ ފުރަތަމަ ސީޒަން އެއްކޮށް ސްޓްރީމް ކޮށްލެވޭނެއެވެ.

ބާސްޓަޑް ސަން އެންޑް ޑެވިލް ހިމްސެލްފް

އަލަށް ދައްކަން ފެށި މި ޝޯއަކީ ސުޕަނެޗުރަލް ޝޯއެކެވެ. ދެ ވައްތަރެއްގެ ވިޗުން އުޅޭ މި ޝޯގައި "ބްލަޑް ވިޗު" އަކީ ގިނަ ބައެއްގެ މެދުގައި ނަފުރަތު އޮންނަ ބައެކެވެ. މި މީހުން މެރުމަށް އެހެން ވިޗުން މަސައްކަތް ކުރެއެވެ. ޝޯގެ ލީޑް ކެރެކްޓާ އަކީ ނޭތަންއެވެ. ނޭތަންގެ ބައްޕަ އަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ބްލަޑް ވިޗެވެ. އެއާއެކު ނޭތަން ބަލަމުން ގެންދަނީ ވަރަށް ރަނގަޅަށް މޮނިޓާކުރަމުންނެވެ. އޭނާގެ ބައްޕަ ފިލައިގެން އުޅޭއިރު އޭނާގެ ބައްޕަ ފަދަ މީހަކަށް ނޭތަން ވެދާނެތީ ގިނަ ބަޔަކު އޭނާ އަށް ކަންތައް ކުރަނީ ވަރަށް ގޯސްކޮށެވެ. ނަމަވެސް އެންމެފަހުން ނޭތަން ބޭނުންކޮށްގެން އޭނާގެ ބައްޕަ ހޯދައި އޭނާ މަރާލުމަށް އިދިކޮޅުން މަސައްކަތް ކުރެއެވެ.

މި ޝޯގެ ފުރަތަމަ ސީޒަން މިހާރު ނިކުމެފައިވާއިރު ޝޯ ނެޓްފްލިކްސް އިން ސްޓްރީމް ކޮށްލެވޭނެއެވެ.