18 Nov 2022, 10:48
މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ގްރެމީ"ގެ ނޯމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި މަޝްހޫރު ޕަފޯމާ އަދި ލަވަކިޔުންތެރިޔާ ބިޔޯންސޭ ހިމެނިއްޖެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 65 ވަނަ ގްރެމީ އެވޯޑުގެ ނޯމިނޭޝަންސް ލިސްޓު ވަނީ އިއްޔެ އިއުލާނުކޮށްފައެވެ. މިއަހަރުގެ ނޯމިނޭޝަންސް ލިސްޓުގައި ބިޔޯންސޭ އެންމެ ކުރީގައި ހިމެނިފައިވަނީ ނުވަ އެވޯޑުގެ ނޯމިނޭޝަނަކާއެކުގައެވެ.
ބިޔޯންސޭގެ ނޯމިނޭޝަން އާއެކު އޭނާ މިހާރު ވަނީ ގްރެމީގެ ތާރީހުގައި ވެސް އެންމެ ގިނަ ނޯމިނޭޝަން ހިމެނޭ އާޓިސްޓުގެ މަގާމުގައި ހިމެނިފައެވެ. އެގޮތުން އޭނާ ނޯމިނޭޓްވި އެވޯޑުތަކުގެ އަދަދު މިހާރު 88 އަށް އަރާފައިވާއިރު އެ ރެކޯޑު ކުރީން ގާއިމުކޮށްފައިވަނީ އޭނާގެ ފިރިމީހާ ޖޭ ޒީ އެވެ. މިހާރު 88 އަށް އެވޯޑާއެކު ދެމީހުން ވަނީ އެންމެ ގިނަ ނޯމިނޭޝަން ލިސްޓުގައި ހިމެނިފައެވެ.
ބިޔޯންސޭ ނޯމިނޭޓްވި ކެޓަގަރީގެ ތެރޭގައި އެންމެ ޝަރަފުވެރި އެވޯޑު "އަލްބަމް އޮފް ދަ އިޔާ" ވެސް ހިމެނެއެވެ. އެ އެވޯޑަށް ވާދަކުރާނީ ބިޔޯންސޭގެ "ރިނޭސޯންސް"ގެ އިތުރުން އެޑެލްގެ "30" އާއި ހެރީ ސްޓައިލްސްގެ "ހެރީސް ހައުސް"ގެ އިތުރުން ލިޒޯގެ "ސްޕެޝަލް" އާއި އެބާގެ "ވޮޔޭޖް" އާއި ބޭޑް ބަނީގެ "އުން ވެރޯނީ ސިން ތީ" އަދި މެރީ ޖޭ ބްލައިޖްގެ "ގުޑްމޯނިން ގޯޖަސް" އެވެ.
އެންމެ މޮޅު "ނިއު އާޓިސްޓް"ގެ އެވޯޑަކީ ވެސް ވަރަށް ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑަށް 10 އާޓިސްޓެއް ވާދަކުރާއިރު އޭގެތެރޭގައި ބޭންޑެއް ވެސް ހިމެނެއެވެ.
މިފަހަރުގެ ގްރެމީ އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގައެވެ.