ބައެއް ފަހަރަށް ނިދަން އުނދަގޫ ވުމަކީ ކޮންމެ މީހަކަށް ވެސް އެއް ފަހަރު ނަމަވެސް ދިމާވެފައި ހުންނާނެ މައްސަލައެކެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަސޭހައިން ނިދުމަށް ތަފާތު އެކި ކަހަލަ ކަންތައް ކޮށް އުޅެއެވެ.

ނިދަން އުނދަގޫވެގެން އުޅޭ ވަގުތު ދެން ކިތަންމެ ވަރަކަށް ނިދަން މަސައްކަތް ކުރި ނަމަވެސް ގިނަ ފަހަރަށް ނިދި ނާދެއެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަގާފަތާ ގުޅުންހުރި ކަންތައްތަކަށް އަލިއަޅުވާލައިގެން ވަނީ ނިދުމަށް އެހީތެރިވުމަށް އެކި ކަހަލަ އުކުޅުތައް ހޯދާފައެވެ.

އެކި މީހުންނަށް ނިދި އަންނާނީ އެކި ކަންތައް ކޮށްގެންނެވެ. ގިނަ ކަންތައްތަކުގެ ތެރޭގައި މަސައްކަތް ކުރާ ކަންތައްތަކާއި މަސައްކަތް ނުކުރާ ކަންތައް ހުންނާނެއެވެ. އެކަމެއް އެނގޭނީ ޓެސްޓުކޮށްލުމުންނެވެ.

ހޫނު ފެނުން ފައި ތެންމުން

ޗައިނާއަށް ނިސްބަތްވާ މި އާދަ އަކީ ހޫނު ފެން އެއްޗެއް ތެރޭގައި ފައި ބައިންދައިގެން ނިދުމަށް ފަސޭހަކުރުމަށް ކުރާ ކަމެކެވެ. ޗައިނާގައި އެތައް ސަތޭކަ އަހަރެއް ކުރީން ފެށިގެން ބޭނުންކުރަމުން އަންނަ މި ޕްރެކްޓިސް އަކީ ފަޔަށް ހޫނުކަން ފޯރުކޮށްދޭ ވަރުގެ ފެން އެއްޗަކަށް އިރުކޮޅަކު ފައި ލައިގެން އިނުމަށްފަހު ނިދަން ބޭނުންކުރާ އުކުޅެކެވެ.

މިކަމަށް ބޭނުންވާނީ ދެ ފައި ލެވޭ ވަރުގެ ފެން އެއްޗެކެވެ. އަދި ފަޔަށް އުނދަގޫ ނުވާ ވަރުގެ ހޫނު ފެން އެއަށް އެޅުމަށްފަހު ބޭނުން މޭވާއެއްގެ ތޮށިކޮޅެއް ވެސް އަޅާށެވެ. އަދި އެސެންޝަލް އޮއިލް ވެސް އެޅުމަށްފަހު އެ ފެން އެތި ތެރެއަށް 10 ވަރަކަށް މިނެޓު ފައި ލައިގެން އިންނާށެވެ. މީގެ ސަބަބުން ލިމްބިކް ސިސްޓަމަށް ފަސޭހަކަން ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ނިދުމަށް ފަސޭހަ ވެއެވެ.

ހާބަލް ރެމެޑީ

ހާބަލް ރެމެޑީއަކީ އިންޑިއާއިން އުފެދިގެން އައި ޕްރެކްޓިސްއެކެވެ. މިކަމަށް އާންމުކޮށް ބޭނުންކުރަނީ އަޝްވަންދާ ނަމަކަށް ކިޔާ ގަހެއްގެ ފަތާއި ގޮފިގަނޑެވެ. ވިންޓާ ޗެރީ ވެސް ކިޔައި އުޅޭ މިގަހުގެ ތޮށި ބޭނުންކޮށްގެން ހަދާފައި ހުންނަ ހާއްސަ ސިރަޕް އަކީ އިންޑިއާގައި މަގުބޫލު އެއްޗެކެވެ.

މިދިޔަ އަހަރު ހެދި ސިސްޓަމިކް ރިވިއު އަދި މެޓަ އެނާލަލިސް އަކުން އެނގުނު ގޮތުގައި އަޝްވަގަންދާ ބޭނުންކުރުމުގެ ސަބަބުން ނިދުމަށް ފަސޭހަވެއެވެ. އަދި އެންޒާއިޓީގެ ހާލަތު ވެސް ރަނގަޅު ކޮށްދިނުމުގައި އެހީތެރިވާ ކަމަށާއި ނިދުމުގެ ކޮލިޓީ ވެސް މީގެ ސަބަބުން ރަނގަޅު ކޮށްދޭ ކަމަށް އިންޑިއާގެ ރިސާޗަރުން ހެދި މެޓާ އެނާލަސިސް ދިރާސާއިން އެނގެއެވެ.

ކެމޮމައިލް ސައި

ކެމޮމައިލް ސައި ބޭނުން ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ އަހަރުތަކެއް ކުރީން ވެސް ކުރަމުން އައި ކަމެކެވެ. މި ސައި މަގުބޫލު ވެފައިވަނީ މީހާ އަށް ހަމަޖެހުމާއި "ކާމިން އަދި ސޫތިން" އިހުސާސްތައް ގެނުވައިދޭ އެއްޗަކަށް ވާތީއެވެ. ކެމޮމައިލްގައި ހިމެނޭ ކެމިކަލެއް ކަމަށްވާ އެޕިޖެނިން އަކީ މީހާ ރިލެކްސް ކޮށްލައި ނިދުމަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. އެހެންވީމާ ނިދުމުގެ ކުރީން މި ސައި ބޯ ނަމަ ނިދުމަށް ފަސޭހަ ވެގެންދާނެއެވެ.