29 Jul 2010, 09:47
14:30
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފައިވާ މިބިލް ރައީސް ނަޝީދު، ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.
މިޤާނޫނަކީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި، އަދި އިންތިޚާބުގެ އެންމެހާ އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުތަކަށް ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވޯޓްލެވޭނޭ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ވޯޓްލުން އިންތިޒާމު ކުރަންވާނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓްލެވޭނޭ ގޮތަކަށް ވޯޓްލުން އިންތިޒާމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ވާނެ ކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި، އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެންބަރުން އިންތިޚާބު ކުރާއިރު، ދެ އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރާނީ، ކޮންމެ އިންތިޚާބީ ދާއިރާއަކުން ދެ މެންބަރުންނެވެ. އަދި ދެ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރާނީ، ކޮންމެ އިންތިޚާބީ ދާއިރާއަކުން ތިން މެންބަރުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންމެ ސިޓީ ކައުންސިލެއް އެކުލެވިގެންވާނީ، އެ ސިޓީ ކައުންސިލްގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބުކުރާ މެންބަރެއް ހިމަނައިގެން އެކުލަވައިލެވޭ މެންބަރުންގެ މައްޗަށް ކަމަށްވެސް އެޤާނޫނުގައިވެ އެވެ.
ރަށްރަށުގެ ރަށު ކައުންސިލަށް މެންބަރުން އިންތިޚާބު ކުރެވޭގޮތްވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މިގޮތުން، ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ތިންހާސް މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 5 މެންބަރުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހާއި ދިހަހާހާ ދެމެދުގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ހަތް މެންބަރުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ދިހަހާސް މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ނުވަ މެންބަރުންނެވެ. އެހެން ނަމަވެސް، ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަކަށް އިންތިޚާބު ކުރާނީ ތިން މެންބަރުން ކަމަށްވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައިވެ އެވެ.