މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ ބަންދުން ދޫކޮށްލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ފުލުހުން ވަނީ ރިޝްފާ ބަންދުން ދޫކޮށްލާފައެވެ.

މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި މައްސަލައިގައި ހައްޔަރު ކުރި ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ ބަންދެއް ޖެހީ މިދިޔަ ހުކުރު ދުވަހުއެވެ.

މި މައްސަލާގައި ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހައްޔަރުރިއެވެ. ހުނޫގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހުއެވެ.

އެ މައްސަލައިގައި ރިޝްފާ އާއި ހުނޫގެ އިތުރުން ދެ އަންހެނަކާ އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުހެއްވެސް ހިމެނެއެވެ.