07 Apr 2012, 12:09
ޓްރާންޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި ތަރައްގީކޮށް އިންޑިއާ އިން ސީދާ ރާއްޖެ އަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭ ފެންވަރަށް ހަނިމާދޫގެ ވައިގެ ބަނދަރު ތަރައްގީކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް އެކޮނަމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިކޮނަމިކް މިނިސްޓަރު އަހުމަދު މުހަންމަދު ބުރާސްފަތި ދުވަހު ސަން އޮންލައިނަށް ވިދާޅުވީ އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ރާވަން ޖެހިފައިވާ ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ ކާގޯ ބޯޓުތަކެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އިރު ބޯޓުތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ ބަނދަރެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދެކުނާއި އުތުރަކީ ޓްރާންޝިޕްމަންޓް ބަނދަރަކަށް ރަނގަޅު ދެ ސަރަހައްދު ކަމަށެވެ.
"ރާއްޖޭގެ އިރުން ހުޅަނގަށް ހުޅަކުން އިރަށް ދަތުރުކުރާ ގާތްގަނޑަކަށް ހުރިހާ ބޮޑަތި ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުތެރެއިން ލާފައި މިދަނީ. ދެކުނުގައި އެބަ އޮވޭ އެގޮތަށް އޮންނަ އިންޓަނޭޝަނަލް ޗެނަލެއް. އުތުރުގައި އެބަ އޮވޭ އިންޓަނޭޝަނަލް ޗަނަލެއް. ހަނދާންވާ ގޮތުގައި އެއީ ހަތް ޑިގްރީ ނޫނީ ހަތަރު ޑިގްރީ ޗެނަލެއް. އެދެ ޗެނަލްތެރެ އިން ދާ ބޮޑަތި ބޯޓުފަހަރުތަކަށް ބޭނުންވާ ބަންކަރަކާއި ޓްރާންޝިޕް ކުރެވޭނެ ހިދުމަތާއި މިކަންކަން ގާއިމްކުރެވިއްޖިއްޔާ އެއީ އަނެއްކާ ވެސް އިގްތިސޯދަށް އަންނާނެ ދިރުމެއް ކަމަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ އާއި އެންމެ ކައިރިން އޮންނަ، ހަނިމާދޫ ވައިގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެ ބަނދަރު މެދުވެރިކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އިގްތިސޯދީ މަސައްކަތްތައް ފެއްޓުވުމުގެ ވިސްނުމެއް ސަރުކާރުގައި އެބަހުރި ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް އޮތް ސަރަހައްދު. ހަނިމާދުއަކީ ވައިގެ މަގުން އިންޑިއާއާ އެންމެ ކައިރީ ހިސާބު. އެހެންވީމާ އިންޑިއާ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު މާކެޓަށް ވެފައި ވިޔަފާރީގެ އެކި މަޝްރޫއުތައް އެ އެއާޕޯޓް މެދުވެރިކޮށް ހިންގޭ ގޮތް ހޯދިއްޖިއްޔާ އެއީ ރާއްޖެ އަށް ލިބޭ ނަފާ ވެސް އަދި އިގްތިސޯދަށް ވެސް ކުރިއެރުމަކަށް ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް މިއަހަރުގެ އޮގަސްޓް ނޫނީ ސެޕްޓެމްބަރުގެ ތެރޭގައި އިންވެސްޓާ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ އެ ފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާނޭ ބޮޑަތި ދެތިން މަޝްރޫއަކާއި އަދި އާންމު ވިޔަފާރިވެރިން ފަށާފައިވާ ބައެއް މަޝްރޫއުތަކަށް ފައިސާ ހޯދުމަށް މަގުތައް ފަހިވެގެން ދާނެ ކަމަށެވެ.
"މިކަންކަން އަޅުގަނޑުމެން އެކޮނޮމިކް ކޮމެޓީ އަށް ގެންގޮސް ކެބިނެޓުން ނިންމައިގެން މި ކަންތައްތައް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ޕްލޭން ކުރެވިފައި ވަނީ އިންޑަސްޓްރިއަލް ޒޯނަކަށް ޖާގަލިބޭ ގޮތަށް ކަމަށާއި އެގޮތުންވެސް ރާއްޖޭގެ އާމްދަނީ އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.