ބޭރުގެ ހިއްސާ އޮތް ކުންފުނި ތަކަށް ރީ ބްރޯޑްކާސްޓް ނުކުރެވޭގޮތަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހު، ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އެ ކޮމިޝަނަށް އަންގައިފިއެވެ.

ބްރޯޑްކޮމްއިން ވަނީ، ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފައެވެ.

މިއަދު ބޭއްވި ގަވާއިދު ކޮމިޓީން ވަނީ އެ އިސްލާހު ދިރާސާކުރުމަށްފަހު އެ ކޮމެޓީއަށް ފާހަގަކުރެވޭ ކަންކަން ބްރޮޑްކާސްޓިން ކޮމިޝަނަށް އެންގުމަށް ނިންމައިފައެވެ.

ގަވާއިދު ކޮމެޓީގެ މުގައްރަރު އަދި ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު "ސަން"އަށް ވިދާޅުވީ އެ ކޮމެޓީން ބެލި ބެލުމުން ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނާއި ގަވައިދަށް ފުށޫއަރާ އިސްލާހެއްކަމަށް ގަބޫލުކުރެވޭތީ އެ އިސްލާހު ބަދަލުކުރުމަށް އަންގަން ނިންމާފައިވާ ކަމަށެވެ.

"ހުރިހާ ބްރޮޑްކާސްޓަރުންނާ އެއްކޮށް އަޅުގަނޑުމެން ބައްދަލުވުންތަކެއް ބާއްވައި ޕްރައިވެޓް ރީ ބްރޮޑްކާސްޓުކުރާ ކުންފުނިތަކުގެ ކޮންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް އަޅުގަނޑުމެން ނިންމީ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މި މައްސަލަ އަދި އެއްކޮށް ބަލައި ނުނިމޭ ކަމަށެވެ. މަޖިލީހުގެ ދެ ކޮމެޓީއަކުން މައްސަލަ ބަލަމުން އަންނަ ކަމަށާއި އަދި ތަޅުމުން ވެސް ވަކި ގޮތެއް ނިންމާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އެ އިސްލާހުގެ ސަބަބުން ދިރާގު ޓީވީ ފަދަ ރީ ބްރޮޑްކާސްޓިން ހިދުމަތް ދޭ ކުންފުނިތަކަށް އެ ހިދުމަތް ދިނުމުގެ ފުރުސަތު ގެއްލޭނެއެވެ. ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯއަށެވެ.

އެ އިސްލާހާ ގުޅިގެން އުރީދުންއިން ވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ. އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް މަޖިލީހުގެ ގަވައިދު ކޮމެޓީއަށް ހާޒިރުވެ ވިދާޅުވީ، ވީހާވެސް ގިނަ ބަޔަކަށް ވިޔަފާރީގެ ތެރެއަށް ނުކުމެވޭ ގޮތަށް ގާނޫނުތައް ހަދަމުން ދާއިރު ގަވާއިދެއްގެ ސަބަބުން މިއައި ބަދަލާއެކު އެކަމަށް ހުރަހެއް ކުރިމަތި ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ބްރޯޑްކާސްޓިން ގާނޫނަށް ވުރެ ފުޅާކޮށް ރެގިއުލޭޝަންސް އެއޮތީ ހެދިފަ. ގާނޫނު ހެދުމުގެ މިންގަނޑުތަކަށް ބަލާއިރުވެސް އެއީ ރަނގަޅު ގާނޫނެއް ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ނިޔާޒް ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮރްޑްކާސްޓިން ކޮމިޝަންގެ އިސްލާހަށް އަމަލުކުރަންޖެހޭއިރު ޓީވީގެ ރީބްރޯޑްކަސްޓިން ލައިސަންސް އާ ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ހުށަހެޅުމުން ބްރޯޑްކޮމްއިމް ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ދިރާގުން ވަނީ ބްރޯޑްކޮމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ދިރާގުން ކުރި ދައުވާގައި ވަނީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންނަކަށް ނުވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު، ބާތިލު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑާއަޅާފައިވާ މުއްދަތުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އެދި ދިރާގުން ހުށަހަޅާފައިވާ ކަމަށާއި ދިރާގު ޓީވީގެ ލައިސަންސް އާކޮށްދިނުމަށް ބްރޯޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދިރާގުން ރީބްރޯޑްކާސްޓިން ޚިދުމަތް ގެނައުމަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ވުމާއި މި މުއާމަލާތުގައި ތިން ވަނަ ފަރާތެއްގެ ހައްގުތައް ހިމެނިގެންވާކަން އެނގެން އޮންނާތީ ދިރާގުން އެދިފައިވާ ފަދަ އަމުރެއް ނެރެނުދީފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދިރާގުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ދިރާގު ޓީވީ ލައިސަންސް ދެމެހެއްޓުމަށެވެ. އެކަމަށް އަންގައި ވަގުތީ އަމުރެއް އެކޯޓުން ނެރެދިނެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.