16 Nov 2022, 14:40
ފްލޮރިޑާ (16 ނޮވެމްބަރު 2022): އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
މިކަން އިއުލާނު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީ ބަލިކުރަންޖެހޭ ކަމަށާއި އެކަމަށް މިހާރުން ފެށިގެން މަސައްކަތް ކުރަން ނިންމައިފި ކަމަށެވެ. ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭން ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލިކަން ހާމަކުރައްވާފައެވެ.
މި ކޮމިޓީގެ ނަމަކީ "ޑޮނަލްޑްޓްރަމްޕު ފޯ ޕްރެޒިޑެންޓް 2024" އެވެ. ޓްރަމްޕް މިކަން އިއުލާނުކުރެއްވީ އޭނާ ދިރިއުޅުއްވާ ރިސޯޓް ކަމަށްވާ މަރްއާލޯގޯ ރިސޯޓްގައެވެ. މިއީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާމްބީޗް ގައި ހުންނަ ރިސޯޓެކެވެ. ޓްރަމްޕް އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށްވާއިރު އޭނާ ފުރަތަމަ ޖެހޭނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން ޕްރައިމަރީ ކާމިޔާބު ކުރައްވާށެވެ. މިއީ އެމެރިކާގެ ރިޔާސީ ރޭހުގެ އެންމެ އުނދަނގޫ މަރުހަލާއެވެ.
ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ފެށޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރައްވާނެ ގިނަ ބޭފުޅުންތަކެއް ތިއްބަވާނެކަމަށް ބެލެވިފައިވާއިރު އޭގެތެރޭގައި ޓްރަމްޕްގެ ރިޔާސަތުގައި އެމެރިކާގެ ނައިބު ރައީސް އަކަށް ހުންނެވި މައިކް ޕެންސްއާއި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑީސެންޓިސް ހިމެނިވަޑައިގަންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ރޮން ޑީސެންޓިސް އަކީ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ޝަޚްސިއްޔަތެކެވެ. ޑީސެންޓިސް ގެ ސަޕޯޓު ޓްރަމްޕަށްވުރެ މާމަތި ކަމަށް ވެއެވެ. އަނެއްކޮޅުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ގާނޫނުތަކާ ޚިލާފަށް އޭނާ ހިންގެވި ކަމަށް ބެލެވޭ އަމަލުތަކާމެދު މިހާރު އޭނާވަނީ ޖަވާބުދާރީ ވާންޖެހިވަޑައިގެންފައެވެ.
މިގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ހަ ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސްއަށް ގަދަބާރުން ވަދެގަތް މައްސަލަ ތަހްގީގުކުރާ ކޮމިޓީންވަނީ ޓްރަމްޕާ ސުވާލުކުރަން ނިންމައި އެކޮމީޓީގެ ކުރިމައްޗަށް ހާޒިރުވުމަށް ޓްރަމްޕަށް އަންގާފައެވެ. ނަމަވެސް ޓްރަމްޕްވަނީ އެކަމަށް އިޖަބަ ދިނުމަށް ދެކޮޅު ހައްދަވާފައެވެ.
ޓްރަމްޕްގެ ސަޕޯޓް އެމެރިކާގެ އާންމުންގެ މެދުގައި މިހާރު ދަށަށްގޮސްފައިވާކަން ހާމަވީ މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށް ކުރިމަތިލެއްވި ޓްރަމްޕަށް ސަޕޯޓްކުރާ ކެންޑިޑޭޓުންގެ ގިނަ ބަޔަކަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުމުންނެވެ. ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީގެ ލީޑަރުން ހީކުރިގޮތަށް ކޮންގްރެސްގެ އިންތިޚާބު ކާމިޔާބު ކުރުމުގައި އެޕާޓީވަނީ ނާކާމިޔާބުވެފައެވެ.
ކޮންގްރެސްގެ ދެގޭގެ ތެރެއިން ސެނެޓް ގެ އިންތިޚާބު ހަނި އަޣްލަބިއްޔަތަކުން ކާމިޔާބުކުރީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ބަލާއިރު އެތަނުގެ އަޣުލަބިއްޔަތުވެސް ރިޕަބްލިކަނުންނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ޑިމޮކްރެޓިކް ޕާޓީއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރީ ރިޕަބްލިކަން ޕާޓީންނެވެ.
ކޮންގްރެސްގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ނުކުރެވުނު މައްސަލާގައި ރިޕަބްލިކަން ޕާޓީގެ ލީޑަރުންގެ މެދުގައިވަނީ ދެބަސްވުންތައް އުފެދިފައެވެ. އެއްބަޔަކުދަނީ އަނެއް ބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވަމުންނެވެ.