16 Nov 2022, 11:14
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
މިހާރު ކުރިއަށް ދާ ޖަލްސާގައި މި ބިލް ފާސްކުރުމަށް 55 މެމްބަރުން ވޯޓުދެއްވާފައިވާއިރު، ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.
މި ބިލް ފާސްކޮށްފައި މިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް ދެ ދުވަހެއްގެ މަތިން ތާވަލް ކުރުމަށް ފަހުއެވެ.
ބިލަށް ވޯޓަށް އެހުމާއެކު މަޖިލީހުގެ ތަޅުން ހޫނުވެފައިވާއިރު، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަޅުމުގައި ކޮޅަށް ތެދުވެ އަޑުގަދަކޮށްފައެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަތު ތާރިގް (ޓޮމް) ވަނީ އިހުތިޖާޖު ކުރައްވާފައެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.
ބިލް ފާސްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ، މިބާވަތުގެ ގާނޫނުތައް ފާސްކުރަން، ބޮޑު އަގުލަބިއްޔަތެއް އޮތުމަށް ގާނޫނޫއަސާސީ ލާޒިމް ކުރާ ކަމަށާއި މެމްބަރުން އެކަން ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި، ސަރުކާރުން ހުށަހެޅިގޮތަށް ބިލް ފާސްވި ނަމަވެސް، ބިލް ފާސްވީ ހަނި އަގުލަބިއްޔަތަކުންކަން ސަރުކާރުން ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ބިލް ފާސްކޮށްފައި މިވަނީ ދެ ދުވަސް މަތީން ބިލަށް ވޯޓަށް ނާހައި، މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ވެސް ގެނެސްފައިވަނިކޮށެވެ.
އެގޮތުން، ބިލަށް ވޯޓަށް އެހުން ލަސްވެ، އެކަމާ ގުޅުހުންހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށް، އެކަން ރައީސްގެ ސަމާލުކަމަށް އިއްޔެ ގެނެސްފައިވާ ކަމަށް މަޖިލީހުގެ މެމްބަރަކު އިއްޔެ "ސަން" އަށް ވިދާޅުވިއެވެ.
އެ ބިލާމެދު އެމްޑީޕީގެ މެދުގައި ވެސް ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެމްޑީޕީގެ ދެ ފެކްޝަނެއް މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާއިރު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުން މި ބިލް ފާސްކޮށްފައި މިވަނީ އެކަމާ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ. އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މަޖިލިސް ސަރަހައްދަށް އެއްވެ ބިލު ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ.
ޓެކްސް ބޮޑުކުރާ ގޮތަށް ފާސް ކުރުމަށްފަހު މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.