16 Nov 2022, 15:10
"ބައްޕާ..." މާކިން ގޮވައިލުމާއެކު ފޯނުން ނަޒަރު ވަކިކޮށްލަމުން ރިފްއަތު އިސް އުފުލައިލާ ބަލައިލިއެވެ.
ފެންނަ ފެނުމަށް ނައިރާ ޖަހަނީ ވަރަށް ރަނގަޅު ކުއްޖެއް ވައްތަރެވެ. ހުރީ ރީތިވެލައިގެންނެވެ. މަޑުމައިތިރިކަމާއި ލަދުވެތިކަން ރިފްއަތަށް ނައިރާގެ ފުށުން ފެނުން ވެގެން ދިޔައީ އޭނާ ނައިރާއާއި އިތުރަށް ގަޔާވި ސަބަބަކަށެވެ. މާކިންގެ ހޮވުން ކިތަންމެ ހާވެސް ފުރިހަމައޭ އޭނާގެ ހިތަށް އެރިއެވެ. ނައިރާ ކަންބޮޑުވުމާއެކު ބަަލަން ހުއްޓާ ރިފްއަތު ހިނިތުންވެލުމަށްފަހު، ވާހަކަ ދެއްކުމާއެކު ނައިރާގެ ހާސްކަމަށް ލުޔެއް ލިބިގެން ދިޔައެވެ. އޭނާ ވެސް ރައްދުގައި ހިނިތުންވެލލިއެވެ.
"މީތަ ނައިރާ އަކީ؟ އަވަހަށް އިށީނދޭ ދެ ކުދިން..." ރިފްއަތު ބުނެލިއެވެ.
"ލައްބަ ބައްޕާ! މީ ނައިރާ އަކީ..." މާކިން ނައިރާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. ނައިރާއާއި މާކިންއާއި ދެމީހުން އިށީނުމުން އަނެއްފަރާތުގައި މިޝްޔާވެސް އިށީނދެލިއެވެ. ރިފްއަތު ފަހަރަކު މީހަކަށް ބަލައިލުމަށްފަހު ކެއުން ކުރިއަށް ގެންދަން ބުނެލިއެވެ. ކަމުން ވެސް ވާހަކަ ދެއްކޭނެ ކަމުގައި އޭނާ ބުނެލިއެވެ.
"ދެކުދިން މިހާރު ތި ނިންމަނީ ކޮން އިރަކުން ކައިވެނީގެ ކަންތައްތައް ނިންމަންތަ؟" ރިފްއަތު ސުވާލުކޮށްލިއެވެ.
"މިހާރު މި ވިސްނަނީ އަންނަ މަހުގެ ތެރޭގައި. ލަސްކުރާކަށް ދެމީހުންވެސް ބޭނުމެއް ނުވޭ...." މާކިން ބުނެލުމާއެކު ރިފްއަތު ބޯ ޖަހައިއެވެ.
"އެހެންވީމަ ކައިވެނި ކުރާނެ ތަނަކާ ކައިވެނީގެ ވަލީމާއަށް ދައުވަތު ދޭ މީހުންނާ އެހެނިހެން ކަންތައްތައް ވެސް އަވަހަށް ކުރަން ފަށަންވީނު. ހުންނާނެއެއްނު ބައިވަރު ކަންތައް ކުރަން ޖެހޭ.." ރިފްއަތު ބުނެލިއެވެ.
"ބައްޕާ... އަޅުގަނޑުމެން ދެމީހުންވެސް ބޭނުމެއް ނުވޭ މާ ބޮޑުކޮށް ކައިވެނި ޕާޓީއެއް ބާއްވާކަށް. ގާތް އާއިލާގެ މީހުންނާއި ރަޙްމަތްތެރިންނަށް ކެއުމަކަށް ދައުވަތު ދީގެން އެކަންތައް...." މާކިން ނައިރާއަށް ވެސް ބަަލައިލިއެވެ. ކައިވެނީގެ ހަފްލާ ބާއްވަން މާކިން ނައިރާގެ ކައިރީގައި އެދުނު ނަމަވެސް، ނައިރާ އެކަމަށް އެއްބަސްނުވާތީ ދެމީހުންވެސް އެގޮތަށް ނިންމީ އެކަކު އަނެކަކާ މަޝްވާރާ ކުރުމަށްފަހުއެވެ.
"ޔަޤީންތަ ދެ ކުދިން ބޭނުންވަނީ ތިހެންކަން. ކިތަންމެ ބޮޑަކަށް ބާއްވަން ބޭނުންވިޔަސް ބައްޕަ އެކަންތައް ކޮށްދީފާނަން. ނައިރާ އަކީ އެކަނި އުޅޭ ކުއްޖެއްކަމުގައި މާކިން ބުނި. ވަރަށް އުފާވި އަސްލު. މި ޒަމާނުގައި އަންހެން ކުއްޖަކު އިންޑިޕެންޑެންޓް ވެގެން އެކަނި އުޅުން އެއީ ފަސޭހަކަމެއް ނޫން... ދެން ބުނި ބޮޑުދައިތަ ފަރާތުން ނައިރާއަށް އެހީތެރިކަން ލިބޭ ވާހަކަ... ނައިރާގެ މަައިންބަފައިންނާ ބެހޭ މާގިނަ ވާހަކައެއް މާކިން ނިޔައެއް ނުދޭ." ރިފްއަތު ބުނެލިއެވެ.
ރިފްއަތުގެ އެ ވާހަކައިން ނައިރާއަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ. އޭނާއަށް މާކިންއަށް ބަލައިލެވުނެވެ. ނައިރާއަށް ބަލައިލުމަށްފަހު މާކިން ބޯ ޖަހައިލީ ހާސްނުވާށޭ ބުނާ ފަދައަކުންނެވެ. ނައިރާ ވެސް ބޯ ޖަހައިލުމަށްފަހު މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ރިފްއަތު އެ އިންތިޒާރުކުރަނީ އޭނާގެ ޖަވާބަކަށްކަން އެނގުމުން ނައިރާ ވާހަކަ ދައްކަން ގަސްތުކުރިއެވެ.
"ލައްބަ. މަންމައަކާއި މާ ބޮޑު ގުޅުމެއް އަޅުގަނޑަކާ ނޯވޭ... މަންމައާއި ބައްޕަ ވަރިވުމަށްފަހު އަޅުގަނޑު އުޅެމުން އައީ ދައްތަ ކައިރީގައި. ދައްތަގެ އިތުރު ކުއްޖަކު ނުހުންނާނެ. ބައްޕައަކާ ވެސް ގުޅުމެއް ނޯވޭ. ބައްޕަ އުޅެނީ ރާއްޖެތެރޭ ރަށެއްގައި. ކައިވެނީގެ ވާހަކަ ދެއްކުމުން ދައްތަ ބުނި އެ ވާހަކަ ބައްޕަ ކައިރީގައި ބުނާނެ ވާހަކަ. ވަލީގެ ކަންތައްތައް ނިންމަން. އަޅުގަނޑު ބުނިން ބައްޕައަށް ދަޢުވަތު ދޭން. މަންމަ އެބަ އުޅޭ މާލޭގައި. އެހެންވީމަ މަންމަ ކައިރިއަށް ގޮސްލާފަ އެ ޙަބަރު ދޭންވެގެން ނިންމައިގެން މިހުރީ..." ނައިރާ އޭނާ ނިންމާފައިވާ ގޮތް ރިފްއަތާ ހިއްސާކުރިއެވެ. ރިފްއަތު ބޯ ޖަހައިލިއެވެ.
ކެއުުމުގެ ވަގުތުގައި ތަފާތު އެކި އެކި ވާހަކަތައް ދެކެވުނެވެ. ރިފްއަތު ބުނީ ކައިވެނި ކުރާނެ ތާރީޚެއް ވެސް ދެކުދިން އެކުގައި ކަނޑައަޅާ ފައިނަލް ކުރުމަށްފަހު އޭނާއަށް އެންގުމަށެވެ. ކައިނިމިގެން އެންމެން ބޮޑުކޮޓަރިއަށް ނުކުތީވެސް އެކުއެކީގައެވެ. ރިފްއަތަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ކުޑަކަމަކު ބޭރަށް ދާން ޖެހުމުން މާކިންގާތުގައި އެވާހަކަ ބުނެލާފައި ބޭރަށް ނުކުތެވެ.
"ވޯހް. މެރީކޮށްގެން ދެން އަވަހަށް މިގެއަށް އާދޭ..." މިޝްޔާ ބުނެލިއެވެ. ނައިރާއަށް ވަށައިގެން އެގެއަށް ބަލައިލެވުނެވެ. އައި ގަޑީގައި ހާސްވެފައި ހުރުމުގެ ސަބަބުން އޭނާއަށް ރަނގަޅަށް އެ ގެއަށް ބަލައިވެސް ނުލެވުނެވެ. ބަލައިލި ކޮންމެ ދިމާލަކުން މުއްސަނދި ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ތަނުގައި ހުރި ފަރުނީޗަރުން ފަށައިގެން، ދޮރު ފޮތިތައްވެސް ހުރީ އެހާ ޝާހީކޮށެވެ. ގޭގެ އިންޓީރިއަރ ވެސް ޑިޒައިން ކޮށްފައިވާލެއް އެހާ ފުރިހަމައެވެ. ގޭތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ތަނުގައި ބަހައްޓާފައި ހުރި އެކި ވައްތަރުގެ އިންޑޯ ގަސްތަކުގެ ސަބަބުންނެވެ. އެ ގެ ކިތަންމެހާވެސް ތަނަވެނެވެ. ނައިރާ ކުޑަކޮށް ކަންބޮޑުވިއެވެ. މާކިންއާއި އޭނާއާއި ދެމީހުންގެ ފެންވަރާ މެދު މީގެ ކުރިން ނުވިސްނޭ ވަރަށް ނައިރާއަށް ވިސްނެން ފެށުނެވެ. މާކިންމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އޭނާއާ ތަފާތު ވާނެ ވަރު ނައިރާއަށް އަންދާޒާކޮށްލެވުނެވެ. ވީއިރު އޭނާއަށް އެގެއަށް އައިސް އުޅެން ފަސޭހަ ވެދާނެހެއްޔެވެ؟
"އެބަ އަންނަން އިނގޭ!" އެހެން ބުނެލުމަށްފަހު މިޝްޔާ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ނައިރާ މާކިންއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އެހެންނަމަވެސް އެމޫނުމަތީގައިވީ ނުތަނަވަސްކަން މާކިންއަށް ވެސް ފަހުމްވިއެވެ. އޭނާ ނައިރާގެ އަތުގައި ހިފައިލިއެވެ.
"ކިހިނެއްވީތަ؟ ކީއްވެ ތިހާ ހާސްވީ؟ ބައްޕަވެސް އޯކޭއެއްނު." މާކިން ބުނެލިއެވެ.
"އަހަންނަށް މީގެ ކުރިން ވިސްނައިނުލެވުނު ކަމެއް ކުއްލިއަކަށް ހަނދާންވީމަ..." ނައިރާ ބުނެލިއެވެ.
"އަނެއްކާ ކޮންކަމެއް؟ ނައިރާއަށް އަހަރެން ކައިރީގައި ނުބުނެވޭ އެއްވެސް ވާހަކައެއް އޮވެގެނެއް ނުވާނެއެއްނު މިހާރަކު. ޓެލްމީ..." މާކިން އެހެން ބުނެލުމުން ނައިރާ އިސްޖަހައިލިއެވެ. މާކިން މަޑުމަޑުން އޭނާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވައިލުމުން ނައިރާ މާކިންގެ ދެލޮލަށް ބަލައިލިއެވެ.
"ޓެލްމީ..." މާކިން އަނެއްކާވެސް ބުނެލިއެވެ.
"މާކިން! އަހަރެމެން ދެމީހުން ހާދަ ތަފާތޭ... " ނައިރާއަށް ބުނެވުނެވެ.
"ތިބުނީ ކިހިނެއް ތަފާތު ވާހަކަތަަ؟" މާކިން ސުވާލުކޮށްލުމުން ނައިރާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
"އަހަރެމެން ދެމީހުންގެ ފަރަގުގެ ވާހަކަތަ ތި ދައްކަނީ؟ އަހަންނަށް މުހިންމު ކަމެއް ނޫނޭ އެއީ... އަހަންނަށް މުހިންމީ ނައިރާ. ލޯބިވަނީ މުއްސަނދުން މުއްސަނދިން، ފަގީރުން ފަރީރުންނެއް ނޫނެއްނު. އެކަމާ ނުވިސްނައްޗޭ ދެން." މާކިން ޔަޤީންކަން ދިނީ އެ ތަފާތުތައް ހުރި ނަމަވެސް އޭނާ ނައިރާ ދެކެ ލޯބިވާނެ ކަމުގައެވެ. އޭނާ ނައިރާ ޙަޔާތުގެ ބައިވެރިއަކަށް ހޮވީ ހަސަބާ ނަސަބާ މުއްސަނދި ކަމަށް ބަލާފައި ނޫންކަމުގައެވެ. އެހެންނަމަވެސް އޭނާ ބެލީ ނައިރާގެ ރިވެތި އަޚްލާގާ މަޑުމައިތިރިކަމަށް ކަމުގައެވެ. މާކިން މަޑުމަޑުން ނައިރާގެ ނިތުގައި ބޮސް ދިނެވެ. ނައިރާ ލޯ މަރައިލިއެވެ. މާކިންގެ ވާހަކަތަކުން އޭނާއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.
"ދެން ތިހާ ރޮމޭންޓިކް ނުވިޔަސް ވެދާނެޔޭ. އަހަރެން ނުގޮސްގެންތަ ދެމީހުން ތި ތިބީ؟" ކުއްލިއަކަށް އިވުނު މިޝްޔާގެ އަޑާއެކު މާކިންއާއި ނައިރާއަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު އެ ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި މިޝްޔާ ފެނި ދެމީހުންނަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.
މިޝްޔާ އެގޭގެ އެކި އެކި ތަންތަން ނައިރާއަށް ދެއްކިއެވެ. ރިފްއަތުގެ ސްޓަޑީގެ އިތުރުން މިޝްޔާގެ ކޮޓަރިވެސް ދެއްކިއެވެ.
"ދޮންބެގެ ރޫމް ބަލައިލަން ބޭނުންތަ؟" މިޝްޔާ ބުނެލިއެވެ. ނައިރާ އެއްޗެއް ނުބުނެ އިންނަން ފެށުމުން މިޝްޔާ ނައިރާގެ އަތުގައި ހިފައިގެން އޭނަ ގެންދަން ފެށުމުން މާކިންއަށް އޭނާގެ ބޯ ކަހައިލެވުނެވެ. ކުރަން ފެށި ކަމެއްވެއްޖެއްކާ ކޮށްފައިނޫނީ މިޝްޔާ ހުއްޓާ ނުލާނެކަން މާކިންއަށް އެނގުނެވެ.
މިޝްޔާ ނައިރާ ގެންގޮސް މާކިންގެ ކޮޓަރިއަށް ވެއްދިއެވެ.
"މީ އޭ ދޮންބެ ދައްތަ އަންނަން އޮތް ކޮޓަރިއަކީ..." ވަށައިގެން ކޮޓަރި ތެރެއަށް ބަލައިލި ނައިރާއަށް މިޝްޔާގެ އެ ވާހަކައިން ލަދުވެތިކަން އިޙްސާސްކުރެވުނެވެ. އޭނާ ވަށައިގެން ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ތަނަވަސް ކޮޓަރިއެކެވެ. ހުރިހާ އެއްޗެއް ވެސް އެހާ ތަރުތީބެވެ.
އެރޭ މާކިން ނައިރާ ގެއަށް ލާފައި ގެއަށް އައި މަގުމަތީގައި ނާޒިލްގެ ފޯނު ކޯލެއް އޭނާއަށް ލިބުނެވެ. މާކިން ފޯނު ނަގާ ވާހަކަ ދެއްކިއެވެ.
"ކަލޭ ހަބަރެއްވެސް ނުވޭ. ބައްޕަ އެއްބަސްވިތަ އަނެއްކާ؟" މާކިން އޮތީ ނައިރާއާއި ރިފްއަތާ ދެމީހުން ބައްދަލުކުރުވަން އުޅޭކަމަށް ބުނެފައިކަމުން ނާޒިލް ގުޅީ އެކަމުގެ ޚަބަރު އޮޅުން ފިލުވުމަށެވެ. މާކިން ކަންތައް ވީ ގޮތް ނާޒިލްއަށް އޮޅުން ފިލުވައިދިނެވެ.
"މޭން. ގަދަ ކަލޭ..." ނާޒިލް ބުނެލިއެވެ.
"ކަލޭ ކޮންމެހެން ގަދައޭ ނުކިޔާ. މީހަކު ހޯދައިގެން އިންނަން އުޅެބަލަ!" މާކިން ބުނެލިއެވެ.
"ތިކަމާ އުޅެންވީ ދޯ" ނާޒިލް ބުނެލިއެވެ.
"ކަލޭ ހަމަ ލައިކްވާ ކުއްޖަކު ވެސް ނެތީތަ؟" މާކިންގެ އެ ސުވާލާއެކު އޭނާގެ ގޭ ޓެރެސްގައި ހުރި ނާޒިލްއަށް ސިފަވީ މިޝްޔާގެ ސޫރައެވެ. އޭނާގެ ހިތުގައި މިޝްޔާއާ މެދު ހިނގަމުން ދިޔަ އިޙްސާސްތަކުގެ އަސްލަކީ ކޮބައިކަން އެ ކަމުން އެކަނިވެސް ދޭހަވިއެވެ. އެހެންނަމަވެސް ނާޒިލް އެހިތާ އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ.
"އޭތް. ކަލޭ ކީއްވެތަ އެއްޗެއް ނުބުނެ ތިހުރީ؟ އަނެއްކާ އެކުއްޖާ ސިފަވަނީތަ؟" މާކިން ސުވާލުކޮށްލިއެވެ. ނާޒިލް ނޫނެކޭ ބުނެ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހުވެސް އޭނާ އެތަކެއް އިރަކު އެތަނުގައި ވިސްނަން ހުއްޓެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އޭނާ އުޑުމައްޗަށް ބަލައިލިއެވެ. ހަނދު އޭގެ ދަރުބާރުގައި ރަސްކަން ކުރަމުން ދިޔައިރު ތަރިތައް ހަނދުގެ ވަށައިގެން އިސްތިގްބާލުގައި ތިބި ފަދައެވެ. އުޑުމަތި ޖަރީވެފައިވަނީ އެތައް ހާސް ކުދި ކުރި ޖަވާހިރުތަކެއް ފަދައިންނެވެ. އެ ހިތްގައިމު ވަގުތަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެމުން ދިޔައީ ޖެހެމުން ދިޔަ ތެތްފިނި ލުއިލުއި ވައިރޯޅިތަކެވެ. ނާޒިލް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެ އިޙްސާސްތަކުގެ ވާހަކަ ހިއްސާކުރާނީ ކާކާ ހެއްޔެވެ؟
****
ޖެހިގެން އައި ހަފްތާގެ ތެރޭގައި ނައިރާ އޭނާގެ މަންމަ ޒުބައިދާއާ ބައްދަލުކުރަން ދިޔައީ ކައިވެނީގެ ތާރީޚް ކަނޑައަޅާ ހުރިހާކަމެއް ކޮށްނިންމުމަށްފަހުއެވެ. ރިއުމާ އޭނާގެ ބައްޕައާ ވާހަކަ ދެއްކުމުން ބައްޕަވެސް ބުނީ ވަލީ ދޭން އެ ދުވަހަށް މާލެ އަންނާނެކަމުގައެވެ. އެކަމުން ނައިރާއަށް އުފާވެރިކަން ލިބުނެވެ. ލޭގެ ގުޅުމަކީ ކެނޑޭނޭ އެއްޗެއް ނޫނެވެ. ވާހަކަ ނުދެއްކި ނަމަވެސް އެހާ ދުވަސްފަހުން ބައްޕަ ފެންނާތީ އޭނާ އުފާވިއެވެ. އޭނާގެ އަނެއް އެދުމަކީ މަންމަވެސް އެކައިވެނީގައި ބައިވެރިވުމެވެ. ނައިރާ ގޮސް އެ ޙަބަރު ޒުބައިދާއަށް ދިނުމުން ޒުބައިދާގެ މޫނުމަތިން މާ ބޮޑު އަސަރުތަކެއް ނުފެނުނެވެ.
"އަހަރެން އުފާވެއްޖެ ނައިރާ މީހަކާ އިންނާތީ. އިނދެގެން ވެސް ރަނގަޅަށް އުޅުނީމަ ރަނގަޅުވާނެ. ތީ އަނެއްކާ ކޮން ކަހަލަ ކުއްޖެއްކަން ބަލައިފިންތަ؟" ޒުބައިދާ ސޯފާގައި އިށީންނަމުން ސުވާލުކޮށްލިއެވެ.
"އާ. ވަރަށް ރަނގަޅު ކުއްޖެއް އެއީ..." ނައިރާ ބުނެލިއެވެ.
"އަހަންނަށް ފަހަރެއްގައި ނައިރާގެ ކައިވެންޏަށް ނުދެވިދާނެ."
"އެއީ ކީއްވެ މަންމާ..." ނައިރާ މާޔޫސްވިއެވެ.
"ފަހަރެއްގައި މާލޭގައި ނުހުރެދާނެ!" ޒުބައިދާ ބުނެލިއެވެ.
"ހުރިއްޔާ މަންމަ ގޮސްދެއްޗޭ. އަހަރެން ވަރަށް އުފާވާނެ." ނައިރާ ބުނެލިއެވެ.
"އާނ. އަހަރެން ހާޝިމް ކައިރީގައިވެސް ބުނެލާނަން." ޒުބައިދާ އެހެން ބުނެލުމުން ނައިރާއަށް އުނދަގޫވިއެވެ. އެންމެ ފުރަތަމަ ދުވަހު ހާޝިމް އޭނާ ސްކޭންކޮށްލި ނަޒަރު އަދިވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.
(ނުނިމޭ)