18 Nov 2022, 10:20
އެޕަލްގެ އައިފޯން ޕޮލިސީއަށް އެފަދަ ބޮޑު ބަދަލެއް ގެންނާނެކަމަށް ގަބޫލުކުރީ މަދު ބައެކެވެ. އެކަމަކު އެންމެ ފަހުން އެޕަލް އިން ވަނީ އައިފޯނަށް ޔޫއެސްބީ-ސީ ޕޯޓް ގެންނަން އުޅޭކަން ކަށަވަރުކޮށްދީފައެވެ. މިއީ އައިފޯނަށް ޝައުގުވެރިވާ ގިނަ ބަޔަކު އުފާކުރާނެ ކަމެކެވެ.
އެއީ އެޕަލްއަށް އިތުރު ގޮތެއް ނެތުމުން ނިންމަން ޖެހުނު ނިންމުމެކެވެ. ސަބަބަކީ 2024 ވަނަ އަހަރަށް، ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއްގެ އާންމު ޗާޖިން ޕޮއިންޓެއްގެ ގޮތުގައި ޔޫއެސްބީ-ސީ ހިމެނުމަށް ޔޫރަޕިއަން ޔޫނިއަނުން ގާނޫނަކުން ލާޒިމް ކޮށްފައިވާތީއެވެ. އެހެންކަމުން އެޕަލްއިން ކިތަންމެ ނުރުހުނަސް 2024 ވަނަ އަހަރުގެ ނިޔަލަށް އައިފޯން އާންމު ޗާޖިން ޕޮއިންޓަކަށް ޔޫއެސްބީ-ސީ ހަދަން މަޖުބޫރުވާނެއެވެ. އެހެންނަމަވެސް އެއީ މީގެ ދެ އަހަރު ފަހުން އެޕަލްއިން ކުރަންޖެހޭނެ ކަމަކަށްވާތީ އެޕަލްއަށް އަދިވެސް އެމީހުންގެ އަމިއްލަ ގޮތް 'ލައިޓްނިން ޕޯޓް' ހިމަނައިގެން ކުރިއަށް އޮތް އައިފޯން ނެރެވިދާނެއެވެ.
އެޕަލްގެ ވިސްނުން ހުރީ ކިހިނެއް؟
އަންނަ އަހަރުގެ އައިފޯން މޮޑެލް އަކީ އައިފޯން 15 ކަމަށް ބެލެވޭ އިރު، އެފޯނަށް ޔޫއެސްބީ-ސީ ޕޯޓެއް އިތުރު ކުރުމާއެކު ލައިޓްނިން ޕޯޓް ދޫކޮށްލާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެކަމަކު އެ ސުންގަޑިން އެޕަލްއަށް ފުރުސަތެއް ލިބޭތީ ފަހަރެއްގައި ޔޫއެސްބީ-ސީ ޕޯޓް އައިފޯން 15 ގައި ނުހިމަނައި އައިފޯން 16 ގައި ހިމެނުންވެސް އެކަށީގެންވާ ކަމަށް ދިރާސާވެރިން ބުނެއެވެ.
ކަމުގެ މާހިރުން ދެކިލައްވާ ގޮތުގައި އައިފޯނުގައި ޔޫއެސްބީ-ސީ ޓެކްނޮލޮޖީ ހިމެނުމަކީ އައިފޯނުގެ އެހެން ހުރިހާ އެކްސެސަރީތަކަށް އަސަރު ކުރާނެކަމެކެވެ. އެގޮތުން އެއާޕޮޑްސް އާއި އެހެނިހެން އެކްސެސަރީތަކުގައި އެޕަލްއިން ޔޫއެސްބީ-ސީ ޕޯޓެއް ހިމަނަފާނެކަމަށް ބެލެވެއެވެ. އެކަމަކު އެޕަލްގެ ލައިޓްނިން ޕޯޓަކީ އެޕަލްއަށް މުހިންމު ޓެކްނޮލޮޖީއަކަށް ވީއިރު، އައިފޯން ފިޔަވައި އެޕަލްގެ އެހެން ޑިވައިސްތަކުން އެ ޕޯޓް މާ އަވަހަށް ފިލައިގެން ދާނެ ކަމަކަށް ނުބެލެވެއެވެ.
އެޕަލް އިން ލައިޓްނިން ކަނެކްޓަރު ތައާރަފްކުރީ މީގެ ކުރިން 2012 ވަނަ އަހަރު އައިފޯން 5، އައިޕޮޑް ޓަޗް (ފަސް ވަނަ ޖެން)، އަދި އައިޕޮޑް ނޭނޯ (ހަތް ވަނަ ޖެން) ނެރުނު ދުވަހުއެވެ.
އެއީ ގާތްގަނޑަކަށް އެޕަލްގެ ހުރިހާ ޑިވައިސްތަކަށް އެންމެ ކޭބަލަކުން ޗާޖު ކުރެވޭ ދުވަސްވަރެކެވެ. އަދި މީގެ ދެތިން އަހަރު ކުރިން އައިފޯން ޔޫޒަރުންނަށް ކޭބަލް ހޯދުމަށް އުނދަގޫވި ނަމަވެސް، އައިފޯންގެ މަގުބޫލުކަން އިތުރުވި ވަރަކަށް އެދަތިކަން ފިލައިދިޔައެވެ.
އެހެންކަމުން، ބައެއް މާކެޓްތަކަށް ކުޑަ އުނދަގުލެއް ހުރިނަމަވެސް އެޕަލް އިން ދިޔައީ އެ ކުންފުނީގެ ޔޫޒަރުންނަށް ފަސޭހަތަކެއް ހޯދައި ދެމުންނެވެ.
އެކަމަކު 2018 ވަނަ އަހަރު އެޕަލް އިން ކުޑަކޮށް މަންޒަރު ބަދަލުކޮށްލިއެވެ. އެއީ އައިޕެޑްގައި ހުންނަ ލައިޓްނިން ޕޯޓް ދޫކޮށްލައި، ޔޫއެސްބީ-ސީ އެއް އެކުލެވޭ އާ އައިޕެޑް ޕްރޯ މޮޑެލްތައް ލޯންޗުކުރުމެވެ. އެ ނިންމުން އައީ ވިސްނުމެއް ނެތިއެއް ނޫނެވެ. އެޕަލް އިން އައިޕެޑް ޕްރޮމޯޓު ކުރަމުން ދިޔައީ ޕޯޓަބަލް ކޮމްޕިއުޓަރެއްގެ ގޮތުގައެވެ. އެހެންކަމުން އެޕަލްގެ އެންމެ ވަރުގަދަ ޓެބްލެޓްގައި ލައިޓްނިން ޕޯޓެއް ހުރެ، ޗާޖު ކުރަން ދަތިތަކާ ކުރިމަތިވާ ނަމަ އެއީ ރަނގަޅު ކަމަކަށް ނުވާނެކަން އެ ކުންފުނިން ބަލައިގަތެވެ.
އޭގެ ފަހުން އެޕަލް އިން ވަނީ ހުރިހާ އައިޕެޑެއްގައި ޔޫއެސްބީ-ސީ ޕޯޓް ހަރުކޮަށްފައެވެ. އެ ބަދަލު ގެނައީ، ވަކިން ޚާއްޞަކޮށް ޕްރޮފެޝަނަލް ފަރާތްތަކަށް ފަސޭހައިން އައިޕެޑް ޗާޖު ކުރެވޭނެ ގޮތް ހެދުމަށްޓަކައެވެ. ޔޫއެސްބީ-ސީ ހުރިހާ ތަނެއްގައި ވެސް ހުރިއިރު، އެޕަލްއިން ބޭނުންވީ މުއްސަނދީންނަށް އެއްވެސް ކަހަލަ އުނދަގުލަކާ ނުލައި އެފަދަ ޑިވައިސް ބޭނުންކުރެވޭގޮތް ހެދުމަށެވެ.
އެކަމަކު އެ ނިންމުމުގެ ދިގު މުއްދަތުގެ އަސަރުތަކެއް ކުރާނެއެވެ. ކުރިއަށް އޮތް އައިފޯން ލައިނަޕްތަކުގައި ޔޫއެސްބީ-ސީ އާންމު ވުމުން، އެޕަލް އިން ކުރިއަށް އޮތް އައިފޯންތަކާއި އައިޕެޑްތަކުގެ ވެރިންނަށް ޗާޖިން ތަޖުރިބާ އެއްގޮތް ކުރާނެ ކަމަށް ބެލެވެއެވެ. އަދި އައިފޯންތަކާ އެކު ތަފާތު އެކްސެސަރީޒް ޔޫއެސްބީ-ސީއަށް ބަދަލުވުން ވެސް އެކަށީގެންވެއެވެ.
މީގެ އިތުރުން އެޕަލް އިން ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ވަޔާލެސް ޗާޖިން ރަނގަޅުކޮށްފައެވެ.