ބަތަލާ ކާޖޮލްގެ ކުރިއަށްއޮތް ފިލްމު "ސަލާމް ވެންކީ"ގެ ޓްރެއިލާ ރިލީޒްވުމާއެކު ގިނަބަޔަކު މިފިލްމަކީ ވަރަށް އަސަރުގަދަ ފިލްމެއްކަމަށް ބުނެފިއެވެ.

ތަމަޅަ އަދި މަޅަޔާލަމް ސިނަމާގައި މަޤުބޫލު ޑައިރެކްޓަރު/ބަތަލާ ރެވަތީގެ މިފިލްމަކީ، މަންމަޔަކު ބަލި ފިރިހެން ދަރިފުޅަކު ގޮވައިގެން ކުރާ ދަތުރުގައި ދިމާވާ ގޮންޖެހުންތަކަށް ބެލުމެއްނެތި ދިރިއުޅުން ހޭދަކުރާގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި މަންމަގެ ދައުރުން ކާޖޮލް ފެންނައިރު ކާޖޮލްގެ ދަރިފުޅުގެ ދައުރު ފިލްމުގައި ކުޅެނީ 28 އަހަރުގެ ވިޝާލް ޖެތްވާއެވެ.

ވިޝާލް ޖެތްވީއަކީ ބައެއް ޓެލެވިޒަން ސީރީސްތަކުން ފެނިފައިވާ އެކްޓަރެކެވެ. ވިޝާލް ފިލްމީ މައިދާނަށް ނިކުތީ 2019ވަނަ އަހަރު ރިލީޒްވި ފިލްމު "މަރްދާނީ 2"އިންނެވެ. މިފިލްމުގައި ވިޝާލް ކުޅެފައިވަނީ ނުބައިބައި މީހެއްގެ ދައުރެވެ.

ވިޝާލް ޖެތްވާގެ އިތުރުން ފިލްމުގައި ފެންނާނެ މުހިއްމު ތަރިންގެތެރޭގައި، އެކްޓަރު ރާހުލް ބޯސް، ރަޖީވް ކަންޑޭލްވާލް(ސޫޖަލް) އަދި ޕްރަކާޝް ރާޖް ހިމެނެއެވެ.

މީގެއިތުރުން ވަރަށް ޚާއްސަ ފެނިލުމަކުން އެކްޓަރު އާމިރް ޚާން ފިލްމުގައި ފެންނާނެއެވެ. މީގެކުރިން ފިލްމު "ސަލާމް ވެންކީ"ގެ ޚަބަރުތައް ނެރުނުއިރު އާމިރު ޚާން ފިލްމުގައި ހިމެނޭކަންވަނީ ސިއްރުކޮށްފައެވެ. އެހެންކަމުން ފިލްމުގެ ޚާއްސަ ފެނިލުމަކުންވިޔަސް އާމިރު ޚާން ފެނިގެންދާ ޚަބަރާއެކު ފިލްމު ބެލުމަށް ގިނަ ބަޔަކުވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އަސަރުގަދަ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ މިފިލްމާ ގުޅޭގޮތުން ބަތަލާ ކާޖޮލް ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓް އަޑުއެހުމަށްފަހު ކާޖޮލްކުޅޭ ރޯލް ކުޅެން ތިން ދުވަސްވީއިރުވެސް އެއްބަސްނުވާކަމުގައެވެ. އެހާވެސް ފިލްމުގައި ކިޔައިދޭ ވާހަކަތައް އަސަރުގަދަވެފައި ނާޒުކުކަމަށް ބަތަލާވަނީ ބުނެފައެވެ.

އުފަން ދަރިފުޅަކު ބަލިވެ ވޭނުގައި އުޅޭތަން ބެލުމަކީ އެއްވެސް މަޔަކަށް ބަލަން ކެތްކުރެވޭނެ މަންޒަރެއް ނޫންކަމަށާއި ފިލްމަށް އާނ ބަސް ބުނަން ވަގުތު ނެގި އެންމެބޮޑު އެއް ސަބަބަކީ އެއީކަމުގައި ބަތަލާވަނީ ބުނެފައެވެ.

ފިލްމު ބެލުމަށްފަހު ފިލްމުގެ ޙަޤީޤީ ތަރިއަކީ ޑައިރެކްޓަރު ރެވަތީކަމަށް ބެލުންތެރިން ޤަބޫލުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. ގިނަ ބަޔަކު އިންތިޒާރުކުރާ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.