16 Nov 2022, 08:57
ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަކަމަށް ގިނަބަޔަކު ޤަބޫލުކުރާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އަންނަ އަހަރުގެ އޭޕްރިލް 28ގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
މިފިލްމަކީ 2016ވަނަ އަހަރު ކަރަން ގެނެސްދިން ރީތި ލޯބީގެ ފިލްމު "އޭ ދިލްހެ މުޝްކިލް"އަށްފަހު އޭނާ ޑައިރެކްޓަރުގެ ގޮނޑިފުރާނެ ކެރިއަރުގެ ހަތް ވަނަ ޑައިރެކްޝަނެވެ. ބަތަލާ އާލިއާ ބަޓް އަދި އެކްޓަރު ރަންވީރް ސިންގް މުހިއްމު ރޯލްކުޅޭ މިފިލްމުން ފެންނަނެ ޚާއްޞަ ތަރިންގެތެރޭގައި، ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ އަދި ކުރީގެ އެކްޓަރު ދަރްމެންދްރަ (ދަރޭ) ހިމެނެއެވެ.
ފިލްމު ރިލީޒްކުރުމަށް ކަނޑައެޅުނު އާ ތާރީޚު އިއުލާނުކުރަމުން ކަރަން ބުނީ ހަތް އަހަރަށްފަހު އޭނާގެ ފުރަތަމަ ގެދޮރު 'ސިނަމާ'އަށް ރުޖޫޢަވުމުގެ ވަގުތު ޖެހިއްޖެކަމަށެވެ. މިފިލްމުގެ މަސައްކަތްކުރި ދުވަސްވަރަކީ ވަރަށް ގިނަ ތަފާތު ތަރިންނާއެކު މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ކުރެވުނު ދުވަސްވަރެއްކަމަށް ކަރަންވަނީ ސިފަކޮށްފައެވެ.
މިފިލްމުގައި އާއިލީ ގުޅުންތަކުގެ އިތުރަށް އާއިލާތެރޭގައި އެންމެންވެސް ދަމަހައްޓަން މަސައްކަތްކުރާ އާއިލީ ސަޤާފަތްތައް ދަމަހައްޓަން އާއިލާތަކުން ކުރާ މަސައްކަތް ފެންނާނެ ކަމަށް ކަރަންވަނީ ބުނެފައެވެ. އަދި މިއީ އާއިލާއާއި ގާތް ރަޙްމަތްތެރިންނާއެކު ބަލާލަން އެންމެ ރަގަޅު ފިލްމަކަށް ވާނެ ކަމަށް ކަރަން ބުނެފައިވެއެވެ.
ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިއުލާނުކުރުމަށްފަހު ފިލްމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެތެރޭގައެވެ. ފިލްމުގެ ހުރިހާ މަންޒަރުތަކެއް މިހާރު ޝޫޓްކޮށްފައިވާއިރު ނުނިމިވަނީ ބަތަލާ އާލިއާ ބަޓް ހިމަނައިގެން ޝޫޓްކުރަން ހަމަޖެހިފައިވާ ލަވައެކެވެ. ބަތަލާ އާލިއާ ބަޓް ބަލިވެއިނުމާ ގުޅިގެން ހަށިގަނޑަށް އައި ބަދަލާއެކު މިލަވައިގެ ޝޫޓިންގްވަނީ މެދުކަނޑާލާފައެވެ.
އެއާއެކު ފިލްމުކުރިން ރިލީޒްކުރަން ނިންމި ތާރީޚުވެސް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ބަތަލާ އާލިއާ ބަޓް ވިހެއުމާއެކު ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް މާލަސްތަކެއްނުވެ ފަށަން ނިންމާފައިވާކަމަށް ކަރަންވަނީ ބުނެފައެވެ.
ކަރަން ގެނެސްދީފައިވާ ރީތި ލޯބީގެ ފިލްމުތަކުގެތެރޭގައި "ކުޗް ކުޗް ހޯތާހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "ކަލް ހޯނާހޯ"، "ކަބީ އަލްވިދަނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެއެވެ.