ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް ސާބިތުނުވި ވައްކަމުގެ ދައުވާތައް އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި އަރުޝަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގ. ނިޔުޝާރާޒުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަންސް އޮފީސް ފަޅާލައި އެތަނުގައި ހުރި ދެ ތިޖޫރީ އަކަށާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި އަރުޝަދުގެ މައްޗަށް ވަނީ ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ. ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އޭނާގެ މައްޗަށް ދެ ދައުވާވެސް ސާބިތުނުވާ ކަމަށެވެ.

މި މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަރުޝަދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނި އެ ދައުވާތައް ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެއްގޮތަކަށްވެސް ބެލުމަކާ ނުލައި ކަމަށެވެ.

އެގޮތުން އެ އޮފީހުގެ މޭޒެއް މަތިން ނެގި ފައިވާން ޕްރިންޓަކާ އަރުޝަދުގެ ފައިވާން ކިބައާ ދިމާވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޝަރީއަތުން އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އަދި މި މައްސަލަތަކުގައި ހުށަހެޅި ވީޑިއޯ އިމޭޖް އެނާލިސިސް ރިޕޯޓް ފޫޓޭޖުތަކުގައި ފެންނަ މީހާއަކީ އަރުޝަދު ހާލިދުކަމަށް ބެލެވޭކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް އެކަމަށް ވެސް ޝަރީއަތުން ރިއާޔަތްކޮށްފައި ނުވާ ކަަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް އަލުން ބެލުމަށާއި ހެކިތަކާ ބެހޭ ގޮތުން ރިޕޯޓް ތައްޔާރުކުރި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށްގެން އަލުން މައްސަލަ ބެލުމަށެވެ.

މި ދައުވާތައް އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަރުޝަދަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޮންނަ މީހެކެވެ. މިގޮތުން ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލާގައި ފުލުހުން ވަނީ އަރުޝަދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފައެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އެންމެފަހުން މިދިޔަ އޮކްޓޯބަރުމަހުގެ 26 ވަނަ ދުވަހު އޭނާ ހައްޔަރުކުރިނަމަވެސް ހަމަ އެދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.