16 Nov 2022, 09:24
ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އަށް އެކި ދާއިރާތަކުގައި ހިޔާލު ހިއްސާކުރުމަށް ކަނޑައަޅާ އެޑްވައިޒަރުންގެ ލިސްޓަށް މިހާތަނަށް ހަމަޖެއްސި އެންމެ ހަގު އެޑްވައިޒަރަކަށް 20 އަހަރުގެ ޒުވާނެއް ހަމަޖައްސައިފިއެވެ.
ދުނިޔެއަށް ދިމާވާ ތަފާތު އެކި ކަހަލަ މައްސަލަތަކުގައި ހުރިހާ ބައެއް ވެސް ޝާމިލުވާނެ ގޮތަށް ހިޔާލު ހިއްސާކޮށް އެމީހުންގެ އަޑުތައް އިވޭނެ ގޮތަށް އެކި އުމުރުފުރައަށް ކަނޑައަޅައިގެން މައުލޫމާތު ދޭނެ މީހުން ހަމަޖެއްސުމަކީ ޔޫއެންގެ އަމާޒެއް ކަމަށް ޔޫއެން އިން ކުރިން ބުނެފައިވެއެވެ.
އެއާއެކު މިހާރު ގިނަ ޖަމިއްޔާތަކުން އެންމެ ބޮޑަށް ބާރުއަޅާ އެއް ޑެމޮގްރާފް އަކީ މިއަދުގެ ޒުވާނުންގެ ގޮފި ނުވަތަ "ޖެން ޒީ" ޒުވާނުންނެވެ. މިއީ މިހާރު ފުރާވަރު އުމުރުފުރައިން ފެށިގެން 26 އަހަރާ ދެމެދުގައި ހިމެނޭ ޒުވާނުންގެ ގްރޫޕެވެ. މި ގްރޫޕުގެ ސަބަބުން ބޮޑެތި ބަދަލުތައް ގެނެވޭނެ ކަމަށް ބޮޑެތި ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން ވެސް މިހާރު ގަބޫލުކުރެއެވެ.
އެއާއެކު ޔޫއެން އަށް މިހާރު ވަނީ ޖެން ޒީގެ ހިޔާލުތައް ހިއްސާކޮށް މައުލޫމާތު ދިނުމަށް 20 އަހަރުގެ ޒުވާނެއް ހަމަޖައްސާފައެވެ. އިރާނާއި އެމެރިކާއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ސޯފިއާ ކިއާނީ މިދުވަސްވަރު އެންމެ ބިޒީކޮށް އުޅެނީ ތިމާވެއްޓާ ގުޅޭ ކޮޕް27ގެ ކަންތައްތަކުގައެވެ. ސޯފިއާ ހަމަޖައްސާފައި ވަނީ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖްގެ މެމްބަރަކަށެވެ.
ސޯފިއާ ބުނެފައިވަނީ އެންމެ ފަހުން ޖެން ޒީއަށް މިއޮތީ ކަންތައްތަކުގެ ނިންމުންތައް ނިންމާ މޭޒުން ޖާގައެއް ލިބިފައި ކަމަށެވެ. އަދި ޒުވާނުންގެ ހިޔާލުތަކާއި އުދާސްތައް ޔޫއެންގެ މޭޒުތަކަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ސޯފިއާ އާންމުކޮށް ވާހަކަދައްކައި ވަކާލާތު ކުރަނީ ދުނިޔޭގެ ތިމާވެށީގެ ހާލަތަށެވެ. އެގޮތުން ފާސްޓް ފެޝަންގެ މައްސަލައާއި ތިމާވެށްޓަށް ނުރައްކާތެރި މާއްދާތައް ބޭނުންކުރުން ހުއްޓާލުމަށް ސޯފިއާ އަންނަނީ ޔޫއެންގެ އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަމުންނެވެ. ސޯފިއާއަކީ ކްލައިމެޓް ކާޑިނަލް ނަމަކަށް ކިޔާ ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތު ކުރާ ޖަމިއްޔާއެއްގެ އެގްޒެކިއުޓިވް ޑިރެކްޓަރެވެ.