17 Nov 2022, 10:53
ފާއިތުވި 30 އަހަރު ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ ހަމައެކަނި މަސައްކަތަކީ މަސްވެރިކަމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހިފަހައްޓަނީ މަސްވެރިކަމުން ލިބޭ އާމްދަނީ އިންނެވެ. ފަސް ދަރިންނާއި އަތްނބެއް ބަލައި މުޅި އާއިލާ ބަލަހައްޓަނީ މަސްވެރިކަމުން ނަފާ ހޯދައިގެންނެވެ. ރެއާ ދުވާލުއެވެ. ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައެވެ.
މިއީ މ. މުލަކަށް އުފަން 52 އަހަރުގެ ޔޫނުސް ހުސައިންގެ ދިރިއުޅުމުގެ އާދަކާދައެވެ. މީގެ 30އަހަރު ކުރިން މަސްވެރިކަން ކުރަން ފެށީއްސުރެ އޭނާގެ ދިރިއުޅުމަކީ މިއީއެވެ.
ދިރިއުޅުމަށް ބަދަލުތަކެއް އަންނަން ފެށީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. އެއީ މަސްވެރިކަމަކީ ވަކި ދުވަސްވަރަކަށް ތިއާގި މަސައްކަތަކަށްވި ނަމަވެސް މަސްވެރިކަން ތިއާގި ދުވަސްވަރުގައި ވެސް ދަލާއި ލޭ އޮހޮރުވައިގެން ކުރާ މަސައްކަތުން ބޭނޭ މަސް ކިރާފައި ލިބެން ޖެހޭ ލާރިކޮޅު ވެސް ނުލިބެން ފެށި ހިސާބުންނެވެ.

ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ދެކެވެނީ ގައިގެ ހުރިހާ ދަލަކާއި ހިތްވަރެެއް އޮހޮރުވައިގެން ކުރާ މަސައްކަތަށް ހައްގު އުޖޫރަ ނުލިބޭ ވާހަކައެވެ. ފާއިތުވި ފަސްވަރަކަށް މަސް ދުވަހުންސުރެ ޔޫނުސްގެ ދިރިއުޅުމުގެ ހާލަކީ ވެސް އެއީއެވެ. ކިތަންމެ މަސްވެރިކަން ރަނގަޅު ނަމަވެސް ކުރާ ބުރަ މަސައްކަތަށް ލިބެން ޖެހޭ އާމްދަނީ ލިބޭއިރު މީހާ އެހެން މީހުންނަށް ދަރައެވެ.
މަސްވެރިކަމުން ލިބޭ ފައިސާއިން މުޅި އާއިލާގެ ޚަރަދުތައް ބަލަހައްޓާއިރު މަސްކިރާފައި ފައިސާ ނުލިބުމުގެ ސަބަބުން ދަރަންޏަށް އެއްޗެހި ނެގުމަށް މަޖުބޫރުވެއެވެ. ގޭގެ ކަރަންޓު ބިލު ނުދެއްކިގެން ކަރަންޓު ކަނޑާލަން ރެޑް ނޯޓިސް ފޮނުވާ ދަރަޖައަށް ހާލަތު ގޯސްވެއެވެ.
ޔޫނުސްގެ ދަރިންގެ ޓިއުޝަން ފީ ނުދެއްކި ކިތަންމެ ދުވަހެއް ފާއިތުވެއެވެ. މިހެން ގޮސް މުޅި ދިރިއުޅުމުގެ ހާލަތު ފާއިތުވި ފަސް މަހުގެ ތެރޭގައި ޔޫނުސްއަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
މުލަކުގެ ބްލޫ ފިން ޓޫނާ ކިޔާ ދޯންޏެއްގެ ކެޔޮޅަކަށް އުޅޭ ޔޫނުސްއަށް އޭނާ ކުރާ މަސައްކަތުގެ ފައިސާ ލިބެނީ މަސްކިރާތާ 20ވަރަކަށް ދުވަސް ފަހުންނެވެ. އޭގެ ސަބަބުން ޔޫނުސްގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާއި އެ އާއިލާ ތަހައްމަލު ކުރާ އުނދަގުލަކީ ކޮންމެ ކޮންމެ މީހަކަށް އަންދާޒާ ކޮށްލެވޭނެ ކަމެއްވެސް ނޫނެވެ.

މަސްވެރިން ލ. މާންދޫގައި ކުރި އިހްތިޖާޖުގެ ތެރެއިން --
ނަމަވެސް މިއީ ހަމައެކަނި ޔޫނުސްގެ އެކަނި ހާލަތެއް ވެސް ނޫނެވެ. މިއީ މިއަދު ހުރިހާ މަސްވެރިން ވެސް ކުރާ ޝަކުވާއެކެވެ. އެ އެންމެން ވެސް ތަހައްމަލު ކުރަމުންދާ ވޭނެކެވެ. އެތައް މަހެއް ފާއިތުވި ނަމަވެސް ހައްލެއް ލިބިފައިނުވާ ކަންބޮޑުވުމެކެވެ.
އެގޮތުން މަސްވެރިން ބުރަ މަސައްކަތުން ބާނާ މަސް ކިރުމަށްފަހު ފައިސާ ލިބެން އެތައް ދުވަހެއް ނަގާ ވާހަކަ މަަސްވެރިން ދައްކާތާ މިހާރު ކިތަންމެ ދުވަހެކެވެ. އާއްމު އުސޫލެއްގެ ގޮތުން މަސް ކިރާތާ ހަފުތާއެއްގެ ތެރޭގައި މަސްވެރިންނަށް އެމީހުން ބާނައި އަދި ކިރާ މަހުގެ އުޖޫރަ ލިބެން ޖެހޭނެއެވެ. ނަމަވެސް މިހާރު ބައެއް މަސްވެރިންނަށް އެމީހުން ބާނާ މަސް ކިރާފައި ލިބެން ޖެހޭ ފައިސާ އެންމެ އަވަހަށް ވެސް ލިބެނީ މަސްކިރާތާ ދެ ހަފުތާ ފަހުންނެވެ.
އެކަމުގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަށް ވެސް ދަތިވެއެވެ. މަސްވެރިން ވަނީ އެވާހަކަ އެމީހުންގެ ތަޖުރިބާއިން ހިއްސާކޮށްފައެވެ.
"އެކި މީހުންނާ ކުރިމަތިވާނީ އެކި ދަތިތައް. މަސްވެރިކަން ކުރާ ކޮންމެ މީހެއްގެ ދިރިއުޅުމަކީ އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫން. ހުރިހާ ކަމަކަށްވުރެ ބޮޑު މައްސަލައަކީ ކުރާ މަސައްކަތަަށް އުޖޫރަ ނުލިބުން. ދިރިއުޅުމުގެ ހާލަތު ތަފާތަކަސް ހުރިހާ މަސްވެރިންނަކީ ވެސް އެމީހުންގެ ވުގުތުތައް ހަމައެކަނި މިކަމަށްދޭ ބައެއް. އެހެންވީމަ ހައްގު އުޖޫރަ ލިބެން ޖެހޭނެ،" ތ. އަތޮޅު މަސްވެރިއެއް ކަމަށްވާ މުހައްމަދު ހާނިމް ބުންޏެވެ.
މަސްވެރިންނަށް ދޭން ޖެހޭ އުޖޫރަ ދޭން އެހާ ގިނަ ދުވަސް ނެގުމަކީ މަސްވެރިކަމަށް ވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. އެގޮތުން މަސްވެރިންނަކީ އެމީހުންނަށް މަސްވެރިކަމުން ލިބޭ ލާރިން ދޯންޏަށް ތެޔޮ އަޅައި ދަތުރަށް ކުރަން ޖެހޭ ކަންކަން ކުރާ ބައެކެވެ.

ދޯންޏަކުން މަސް ބާނަނީ --- ސަން ފައިން ފޮޓޯ
ނަމަވެސް އެކަމަށް ވެސް އެޅޭ ހުރަހަކީ އެމީހުންނަށް އުޖޫރަ ނުލިބުމެވެ. އުޖޫރަ ނުލިބިގެން މަސްވެރިން ދެން އޮންނަ ދަތުރަށް ތައްޔާރުވާން އުޅެން ޖެހޭ ގޮތުގެ ވާހަކަ އަކީ ކޮންމެ ކޮންމެ މީހަކަށް އެނގޭ ވަަހަކަތަކެއް ނޫނެވެ.
"ދަތުރުތަކަށް ތެޔޮ އަޅައި ދޯންޏަށް ހޯދާ އެއްޗެހި ހޯދަނީ މަސް ކިރާފަ ލިބޭ ލާރިން. އެކަމު ލާރި ނުލިބޭތީ ކިތަންމެ ފަހަރަކު ކްރެޑިޓަށް ނަގަން. އެންމެ ފަހުން ލާރި ދެއްކީމަ ނޫނީ އެމީހުން ތެޔޮ ނާޅަދޭ ހިސާބަށް ގޮސް އެބަހުރި. މިކަމާހުރެ އެއްހަފުތާ ނުވަތަ ދެހަފުތާ މަހަށް ނުފުރާ އެބަތިބެން. މިކަމުގަ ނޫޅޭ މީހަކަށް ނޭނގުނަސް މި މަސައްކަތުން ދިރިއުޅޭ ބަޔަކަށް މިއީ ވަރަށް ބޮޑު ގެއްލުމެއް،" މ. އަތޮޅުގައި މަސްވެރިކަން ކުރާ ކެޔޮޅަކު ބުންޏެވެ.
މަސް ކިރާފައި ފައިސާ ލިބުން ލަސްވާ މައްސަލައިގައި އިހުތިޖާޖު ކުރި މަސްވެރިން ސަރުކާރާ މެދު ހުރި ޝަކުވާތައް ގުޅިފައިވަނީ އެމީހުންގެ ހިތާއެވެ. ބުރަ މަސައްކަތުން ހައްގުވާ މިންވަރު ހޯދަން ވެސް ގަނަތެޅެން ޖެހޭތީއެވެ.
"މަސްކިރީމަ ލާރިކޮޅު ދޭން ބުނީމަ ބުނަނީ ފަހުންނޭ. އެކަމު ސަރުކާރު އޮފީސްތަކަށް ދިޔައީމަ ޚިދުމަތް ހޯދާއިރު ވަގުތުން ފައިސާ ދައްކަން ޖެހޭ. މިއީ ކޮންހަމައެއްތޯ،" މަސްވެރިން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި ކެޔޮޅަކު ބުންޏެވެ.
ފާއިތުވި ފަސްވަރަކަށް މަސްދުވަހު މަސްވެރިންގެ ހާލަތަކީ މިއީއެވެ. އާއްމުންނަށް މިކަމުގައި ހުރި ދައްޗާއި ވޭނުގެ ވާހަކަ ދެނެގަަންނަން އުނދަގޫވި ނަމަވެސް ޔޫނުސް ކަހަލަ ކެޔޮޅުންނަށް މިއީ އެމީހުންގެ މުޅި ދިރިއުޅުން ބަނަ ކޮށްލާ ކަމެކެވެ. މުޅި އާއިލާއަށް އެކަމުގެ އަސަރުކޮށް ފުދުންތެރިކަން ދަށްވެ އާއިލާގެ އުފާވެރިކަން ގެއްލިދާ ކަމެކެވެ.
މިހާރު ކޮންމެ މަސްވެރިއަކުވެސް އެދެނީ އެމީހުން ކުރާ ބުރަ މަސައްކަތުގެ އުޖޫރަ އެމީހުންނަށް ދިނުމަށެވެ. އެއީ އެމީހުންނަށް ހައްގު އުޖޫރައެވެ. ނަމަވެސް އެ އުޖޫރަ ދޭން ޖެހޭނީ ބޭނުންހާ ދުވަހެއް ފަހުން ނޫން ކަމަށް އެމީހުން ބުނެއެވެ. އެ އުޖޫރަ ލިބެން ޖެހޭނީ އެމީހުންގެ ދިރިއުޅުމަށް ދަތިނުވާހާ އަވަހަށެވެ.

ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަމައެކަނި މިކަމުން ވެސް އަންގައިދެނީ އެންމެން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ދިވެހީންގެ ލޭނާރު ވެއްޓިފައިވާ އަނދަވަޅުގަނޑެވެ. އެންމެ ކުރިންސުރެ ވެސް ދިވެހީންގެ މަސައްކަތްތެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ މި މަސައްކަތަކީ ދެވަނައަށް ދިވެހީންގެ އެންމެ ބޮޑު ސިނާއަތެވެ.
އެ ސިނާއަތް މި ހާލަތުގައިވާއިރު ޔޫނުސްގެ ދިރިއުޅުމާ އެއްގޮތް ދިރިއުޅުމެއް އުޅޭ އިތުރު ކިތައް މަސްވެރިން އަޅުގަނޑުމެންގެ ތެރޭގައިވާނެބާއެވެ. މިކަމާ ދޭތެރޭގައި ވިސްނާލެވެނީވެސް މަދު ބަޔަކަށެވެ. ނަމަވެސް ކޮންމެ މަސްވެރިއެއްގެ ޝަކުވާތަކާއި ކަންބޮޑުވުން ގުޅިފައިވަނީ މިކަމާއެވެ. އެއީ އެމީހުންގެ ދިރިއުޅުން އެކައްޗެއްގެ ގޮތުގައި ހިފަހައްޓައިދެނީ މަސްވެރިކަމުން ލިބޭ ނަފާއިން ކަމުގައިވާތީއެވެ.