ކޮލަންބޯ (މާޗް 7): ސްރީލަންކާގެ އިޤްތިސާދީ ކުރިއެރުން 2011 ވަނަ އަަހަރު ފާހަގަކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި 2011 ވަނަ އަހަރު ޤައުމުގެ އިޤްތިސާދަށް 8.3 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ އިރު މިއީ 2010 ވަނަ އަހަރު ލިބުނު ކުރިއެރުމަށް ވުރެ 0.3 ޕަސެންޓް އިތުރު ކުރިއެރުމެކެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއް ބުނާ ގޮތުން މިކުރިއެރުުމުގައި ބޮޑަށް ޙިއްސާކޮށްފައި ވަނީ ސަވިސް ސެކްޓަރާއި ސިނާޢީ އުފެއްދުންތަކުގެ ސެކްޓަރެވެ. ދަނޑުވެރިކަމާއި މަސްވެރިކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއްނުވެ އެވެ.

މިއީ 1948 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިސްތިޢްމާރުން ސްރީލަންކާ މިނިވަންވުމަށް ފަހު އިޤްތިސާދީ ކުރިއެރުން މިހާބޮޑުވެގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ވެސް މަރުކަޒީ ބޭންކުގެ ބަޔާނުގައިވެ އެވެ. ތިރީސް އަހަރުގެ ދިގުލީ އަހްލީ ހަނގުރާމައެއްގައި އިޤްތިސާދު ހީނަރުވެގެން ދިޔުމަށް ފަހު އެކަމުން ސްރީލަންކާ ސަލާމަތްވީ 2009 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަހްލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާގެ އިޤްތިސާދު ކުރިއަރާފައި ވަނީ އެވްރެޖްގޮތެއްގައި އަހަރަކު ދޭކާއި ފަސް ފަސެންޓާ ދެމެދުގެ މިންވަރެއްގަ އެވެ.

އަހްލީ ހަނގުރާމަ ނިމުމަށް ފަހު ބޭރުގެ އިންވެސްޓަރުން ޚާއްސަކޮށް ޗައިނާ އިން ގެންދަނީ ސްރީލަންކާގައި ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންނެވެ. މިއަހަރު ވެސް ސްރީލަންކާގެ އިޤްތިސާދަށް އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކުރެ އެވެ. ސްރީލަންކާގެ އިޤްްތިސާދުގެ ދުވެލި ހަލުއިކުރުމަށް ޓަކައި އެޤައުމުގެ ސަރުކާރުން ވަނީ އެޤައުމުގެ މަގުތަކާއި އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ މެގަ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. (ޒިންހުވާ)