އޮޅު ޖަނަވާރު ގެންގުޅޭ މީހުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ލިބެން ހުންނާނެ ފިހާރައެއް، "ޕެޓް އެންޑް ސްޓަފް"ގެ ނަމުގައި މާލޭގައި ހުޅުވައިފިއެވެ.

ހ. ފިލިގަސްމަގުގައި، ނޫރު މިސްކިތް ކައިރީ ހުޅުވި ޕެޓް އެންޑް ސްޓަފް ފިހާރައިގެ ވެރި ފަރާތުން "ސަން"އަށް ބުނީ، އޮޅު ޖަނަވާރު ގެންގުޅޭ މީހުންނަށް އާންމު ގޮތެއްގައި ބޭނުންވާ ހުރިހާ އެއްޗެއް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އަދި، މިފަދަ ފިހާރައެއް ހުޅުވަން ނިންމި މައިގަނޑު ސަބަބަކީ ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ތަކެތި އެއްތަނަކުން ވީހާވެސް ހެޔޮއަގެއްގައި ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ފިހާރައިގެ ވެރިފަރާތުން ބުނީ، ބުޅާ ގެންގުޅޭ މީހުންނަށް މި ފިހާރައިން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާކަމަށެވެ. މި ޕެކޭޖުތަކުގައި ބުޅާ ގެންގުޅޭ މީހުންނަށް ބޭނުންވާނެ އެންމެ އަސާސީ ތަކެތި ހިމެނެއެވެ.

"ޕެޓް އެންޑް ސްޓަފް" ފިހާރަ ހުންނަނީ ފިލިގަސްމަގުގައި --

މި ޕެކޭޖުތަކުގެ އަގުތައް 1500 ރުފިޔާއިން ދަށުގައި އުޅޭ އިރު އެކި ޕެކޭޖުތަކުގައި ލިޓާ ބޮކްސް އާއި ތިން ކިލޯގެ ހިކި ކާނާއާއި ޓްރީޓްތަކާއި ނިޔަފަތި ކަނޑާ ދައްޗާއި ފުނަލުގެ އިތުރުންވެސް އެހެނިހެން ސާމާނު ހިމެނެއެވެ.

ޕެޓް އެންޑް ސްޓަފްއަކީ، ބުޅާ ފަދަ ޖަނަވާރު އުފުލުމަށް ބޭނުން ކުރެވޭނެ ކެރިއާ ފަދަ ތަކެތި އުފައްދާ މަޝްހޫރު ޒަމްޕާ ޕެޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

"ޕެޓް އެންޑް ސްޓަފް" ފިހާރައިން ލިބެން ހުންނަ ބައެއް ތަކެތި ---

އެ ފިހާރައިން ބުނީ އެ ފިހާރަ ހާއްސަ ވަނީ، އޮޅު ޖަނަވާރު ގެންގުޅެން ޝައުގުވެރިކަން ހުންނަ މީހުންނަށް އެކަމާ ބެހޭ މައުލޫމާތު އެ ފިހާރައިން ފޯރުކޮށްދޭނެތީ ކަމަށެވެ. އެގޮތުން އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެފަދަ މައުލޫމާތު ދިނުމުގެ ގާބިލުކަން ހުންނާނެ މުވައްޒަފުން ކަމަށް ޕެޓް އެންޑް ސްޓަފްއިން ބުންޏެވެ.

މި ފިހާރައިން ވިއްކާ ތަކެތި ހޯލްސޭލްކޮށްވެސް ލިބެން ހުންނާނެއެވެ. އެއީ ރަށްރަށުގައި އޮޅު ޖަނަވާރު ގެންގުޅޭ މީހުންނަށް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ތަކެތި ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށް ކަމަށް ޕެޓް އެންޑް ސްޓަފް ފިހާރައިން ބުންޏެވެ.