ދައުލަތުގެ ރިކަރަންޓް ޚަރަދު ފޫބެއްދުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ޕީޕީއެމުން ފަށާފައިވާ މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

މި ބިލް ފާސް ނުކުރުމަށް ސަރުކާރަށް ގޮވައިލާ ޕީޕީއެމާއި ޕީއެންސީން އިސްނަގައިގެން ރައްޔިތުންގެ މަޖިލީސް ކައިރީގައި އިއްޔެ ފެށި މުޒާހަރާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިއަދުގެ މުޒާހަރާގެ ތެރެއިން ވެސް ތިން މީހުން ހައްޔަރު ކުރިއެވެ. އެއީ ދެ އަންހެނުންނާއި ފިރިހެނެކެވެ.

ޓެކްސް ބިލާ ދެކޮޅަށް އިދިކޮޅުން މިއަދު ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.

ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކާ ބެހޭގޮތުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ ރައްޔިތުންގެ އަތްމަތިދަތިވެ، ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ދެގުނަވެފައިވާ މިފަދަ ވަގުތުގައި އިތުރު ޓެކްސް އަނެއްކާ ވެސް ނަގަން ފަށައިފި ނަމަ އެ ކުރިމަތިވަނީ އިތުރު ތަކުލީފެއް ކަމަށެވެ.

"ސަރުކާރުގެ މަތި އެހާ ބަރު. ބޭކާރު ދަތުރުތައް އެހާގިނަ. ރައްޔިތުން ޖޫރިމަނާ ކޮށްގެން މި އަހަރު ތެރޭގައި އެންމެބޮޑު އާމްދަނީއެއް ހޯދާފައި މި އޮތީ ވެސް. އެހެންވީމަ އަޅުގަނޑުމެން މި ގޮވާލަނީ ރައްޔިތުން އަތުން ޓެކްސް ނެގުމުގެ ބަދަލުގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އެތައް ބިލިއަނަކަށް އަރާއިރު ކީއްވެތޯ އެ ފައިސާ ނުހޯދާ އަނެއްކާ ވެސް ރައްޔިތުންގެ އަތުން ޓެކްސް ބޮޑު ކުރަން މިއުޅެނީ،" ހީނާ ވިދާޅުވިއެވެ.

"މިކަން ކޮޅެއްގައި ނުޖެހެނީސް މި ފެށި އިހުތިޖާޖު ކުރިއަށް ގެންދާގޮތަށް އަޅުގަނޑުމެން މިތިބީ،"

ޓެކްސް ބިލާ ދެކޮޅަށް އިދިކޮޅުން މިއަދު ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅި އެ ބިލު ދިރާސާކުރުމަށް ފަހު މަޖިލީހުން ނިންމީ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް އޮތްގޮތަށް ފާސްކުރުމަށެވެ.

އެގޮތަށް ފާސްކުރުމާ މެދު ވަކި ގޮތެއް ނިންމުމަށް އިއްޔެގެ ޖަލްސާގައި ތާވަލް ކުރިއެވެ. އެކަމަކު އިއްޔެ ބިލަށް ވޯޓަށް އަހާފައި ނުވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ނިންމާލަން ޖެހުނީ ބިލަށް ވޯޓަށް ނޭހިއެވެ.

ސަރުކާރުން ފޮނުވާފައި އޮތްގޮތަށް ޓެކްސް ބިލު ފާސްކުރަން ނިންމައި، އެކަމަށް އެކުލަވާލި ރިޕޯޓު ވެސް އިއްޔެ ފާސްކުރިއެވެ. އެހެންކަމުން މިހާރު އެ ބިލު އޮތީ ވޯޓުގެ މަރުހަލާގައެވެ.