15 Nov 2022, 21:53
އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްއިން އަރަބި ބަސް މަތީ ފެންވަރަށް އުނގަނައިދިނުމުގެ މަޝްރޫއެއް މިއަދު ފަށައިފިއެވެ.
އިލްމް އިންސްޓިޓިއުޓުން ބުނީ، މިއީ ރާއްޖޭގެ މުޖުތަމައުގައި އަރަބި ބަހަށް އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވޭނެ ގޮތެއްގައި އަރަބި ބަސް އުނގަންނައިދިނުމުގެ މަގުސަދުގައި ފަށާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ އަމާޒަކީ، މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން އަރަބި ބަހުން މުއާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާއެކު، ކީރިތި ގުރްއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ މާނަ ފަސޭހަކަމާއެކު ދެނެގަތުމުގެ ގާބިލުކަން ހުރި ޖީލެއް ބިނާކުރުންކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

އިލްމް އިންސްޓިޓިއުޓުން އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫއު ފެށުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިލްމް އިންސްޓިޓިއުޓް
އެ އިންސްޓިޓިއުޓުން ބުނީ، ބައިނަލްއަގްވާމީ މުގައްރަރެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ އުމުރުން ހަތް އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއަށް އަމާޒުކޮށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ކުރިއަށްގެންދާނީ 12 މަރުހަލާއަކަށް ބަހާލައިގެން، ހަފުތާގެ ފަސް ދުވަހު ކްލާހަށް ހާޒިރުވާން ޖެހޭ ގޮތަށް ކަމަށް އިލްމް އިންސްޓިޓިއުޓުން ބުންޏެވެ.
މި ޕްރޮގްރާމްގެ މަރުހަލާތަކަކީ ފަށާ މަރުހަލާއާއި މެދު މަރުހަލާ އަދި މަތީ މަރުހަލާ އާއި ފުރިހަމަ ކުރާ މަރުހަލާއެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް ދެއެއް ނުވަތަ އެއަށްވުރެ މަތީ މަރުހަލާއެއްގައި ބައިވެރިވާނަމަ ދަރިވަރުގެ އަރަބި ބަހުގެ ފެންވަރު ވަޒަން ކުރުމަށް ޓެސްޓެއް ނަގާނެ ކަމަށް އިލްމު އިންސްޓިޓިއުޓުން ބުންޏެވެ.
އެ އިންސްޓްޓިއުޓުން ބުނީ މި ޕްރޮގްރާމް ފުރިހަަމަކުރާ ދަރިވަރުންނަށް އަރަބި ބަސް އެކެޑެމިކް ލެވެލްގައި ބޭނުން ކުރަން އެނގޭނެކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދުމުގެ ފަހު ވަގުތަކީ މި މަހުގެ 26 ވަނަ ދުވަހެވެ.
މި ޕްރޮގްރާމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އިލްމް އިންސްޓިޓިއުޓްގެ އަރަބިކް ލެންގުއޭޖް އެންޑް އިސްލާމިކް ސްޓްޑީސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު މުތީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ ދަރިވަރުން އެއް ލެވެލުން އަނެއް ލެވެލަށް ބަދަލުވާނީ އެ މަރުހަލާއެއްގައި ހާސިލްކުރަންޖެހޭ މިންވަރު ހާސިލްވުމުންކަމަށެވެ.
"މި ޕްރޮގްރާމް އަޅުގަނޑުމެން ކުރިއަށްގެންދާއިރު، ވަކި ފިކްސްޑް ޑޭޓެއް ނީއްނާނެ ޕްރޮގްރާމް ފުރިހަމަ ކުރާކަށް. އަޅުގަނޑުމެން އިންނާނީ ރޭންޖެއް ދީފަ. މާނައަކީ މި ރޭންޖުގެ ތެރޭގައޭ ކޮންމެ މަރުހަލާއެއް ވެސް ނިންމާނީ،" މުތީޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ، ޕްރޮގްރާމް ފެށި އިންސްޓިޓިއުޓުން އެދެވޭގޮތަށް ޕްރޮގްރާމް ކުރިއަށް ދާން ފެށުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އަރަބި ބަސް ދަންނަ ޖީލުތަކެއް ދިވެހި ރާއްޖޭގަ އުފެދިގެން ދިއުން،" މުތީއު ވިދާޅުވިއެވެ.