ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވި ފަހުން ރާއްޖެއަށް ވަނީ ސިޔާސީ ގޮތުން ހަލަބޮލި، ހަމަނުޖެހުން ބޮޑު ދުވަސްތަކާ ކުރިމަތި ވެފައެވެ. އެއްބަޔަކު އަވަސް އިންތިހާބަކަށް ގޮވާލާއިރު އަނެއް ބަޔަކު ބުނަމުން ދަނީ އެފަދަ އިންތިހާބެއް ގާނޫނީ ގޮތުން ނުބޭއްވޭނެ ކަމަށާއި އެފަދަ މާހައުލެއް ވެސް ނެތް ކަމަށެވެ.

ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާތައް ހުއްޓުމަކަށް އައިސް ސިޔާސީ ހަމަނުޖެހުންތަކަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ފުރުސަތު ހަނިވެފައިވާއިރު ދެފަރާތުން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ބައިނަލް އަގުވާމީ ތާއީދު އިތުރުކޮށް، ބައިނަލް އަގުވާމީ ގޮތުން ހައްލަކާ ހަމައަށް ދިއުމަށެވެ.

އެމްޑީޕީން ވަނީ ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވަން ސަރުކާރަށް ބާރު އަޅައި ދިނުން އެދި ރާއްޖޭން ބޭރުގައި ވަރުގަދަ ކެމްޕޭނެއް ފަށާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެމެރިކާގެ ތާއީދާ މަދަދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. އަދި އަވަސް އިންތިހާބަކަށް އިންޑިޔާގެ ތާއީދު ހޯއްދެވުމަށް މިމަހުގެ ތެރޭގައި އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާނެ ކަން ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. މިނޫނަސް ގިނަ މަސައްކަތްތަކެއް އެމްޑީޕީން ވަނީ ބޭރުގައި ފަށާފަ އެވެ.

"އިންޑިޔާގެ ރައްޔިތުންނާ އަޅުގަނޑު ވާހަކަ ދައްކާނަން، އިންޑިޔާދެކެ އަޅުގަނޑުމެންވާ ލޯބި މަރެއް ނުވާނެ. އިންޑިޔާ ރައްޔިތުންނާ އަޅުގަނޑުމެން ވާހަކަ ދައްކަން ފެށީމާ އިންޑިޔާ ސަރުކާރުން ވެސް އަޑު އަހާނެ. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އަޅުގަނޑުމެން ބޭނުންވި ގޮތަށް އިންޑިޔާއަކަށް ކަންތަކެއް ނުކުރެވުނު. ނަމަވެސް އަޅުގަނޑަށް ހީވަނީ އެމީހުން އެނބުރި އަންނާނެ ހެން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އަނެއް ކޮޅުން ސަރުކާރުން ވެސް އަންނަނީ ސަރަހައްދީ ގައުމުތަކުގައި ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބުދުﷲ މިދިޔަ ހަފުތާފައި އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފައި ވާއިރު ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންނަ މޭމަހު އިންޑިޔާއަށް ވަޑައިގަންނަވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.

މިހުރިހާ ކަމެއް މިގޮތަށް އޮތް ނަމަވެސް ރާއްޖޭގެ ކަންތައްތައް އެންމެ ކައިރިން ބަލަމުން އަންނަ ބޭރުގެ ގައުމުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އަންނަނީ ރާއްޖޭގެ މައްސަލައަށް ހައްލެއް ލިބޭނީ ރާއްޖެއިން ކަމަށެވެ.

"މިމައްސަލަތަކަށް ބޭރުން ވަންނާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ، އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ސިޔާސީ މައްސަލަތައް ރާއްޖެއިން ހައްލުކުރަން، އެންމެނަށް އެއްބަސްވެވޭ ގޮތަކާ ހަމައަށް ވާސިލުވާނެ ހިކުމަތް ތެރިކަން ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ހުންނާނެ ކަން އަޅުގަނޑުމެން ޔަގީން ކުރަން، މިމައްސަލައަށް ހައްލެއް ލިބޭނީ ރާއްޖެއިން" ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ، ޕޮލިޓިކަލް އެންޑް ސާކް ޕީއެސް، ކަރިތު ގެޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިޔާ ނުވަތަ ރާއްޖޭން ބޭރުގެ އެހެން ފަރާތަކަށް އެންމެ ބޮޑު މިންވަރަކަށް ވެސް ކޮށްދެވޭނެ ކަމަކީ މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމެވެ. އަދި އެކަން އިންޑިޔާއިން އަންނަނީ ކުރަމުންނެވެ. ރާއްޖެއާ ދުރު ނަމަވެސް ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުން އަންނަ އަދި ދުނިޔޭގެ ނުފޫޒު ގަދަ ގައުމެއް ކަމަށްވާ އެމެރިކާގެ ވިސްނުން ވެސް މިކަމުގައި ވަރަށް އެއްގޮތެވެ.

"ހުރިހާ ޕާޓީތައް ބައިވެރިވާ ވާހަކަތައް ވަރަށް ފެށޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން، ހުރިހާ ޕާޓީތަކަކުން އެ ވާހަކަ ތަކުގައި ބައިވެރި ވާނަމަ އެވާހަކަތައް ވާނީ ކުރިއެރުން ލިބޭ ވާހަކަ ތަކަކަށް، " ސްރީލަންކާގައި ހުންނަ، ރާއްޖެ އަށާއި ސްރީލަންކާއަށް އެކްރިޑިޓްކޮށްފައިވާ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން، ޗާޖް ޑިފެއާސް ވެލަރީ ފައުލާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިންޑިޔާގެ ސިޔާސަތު ރާއްޖެއާ މެދު މިހާ އެއްގޮތް ކޮށް ހުރި އިރު އިންޑިޔާއިން ދެކޭ ގޮތުގައި މި ސަރަހައްދުގެ މައްސަލަތަކުގައި އިންޑިޔާގެ ސިޔާސަތުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުން ބަރޯސާ ކުރެއެވެ.

"އޭގެ މާނައަކީ އިންޑިޔާއާ އެމެރިކާއާއިން ރާއްޖެއާ މެދު އެއް ސިޔާސަތެއް ގެންގުޅުމަށް އެއްބަސް ވެފައި އޮތުމެއް ނޫން، މިސަރަހައްދުގެ ކަންކަމުގައި އިންޑިޔާއިން ފިޔަވަޅު އަޅަނީ ވަރަށް ވިސްނާފައި ރަނގަޅަށް ކަން އެންމެން ވެސް ގަބޫލުކުރޭ، އެހެން ވީމާ އެމީހުން އަހަރެމެން އަމަލުކުރާ ގޮތަކަށް ތަބާވާން މަސައްކަތް ކުރޭ، އެމެރިކާ ވިޔަސް، ޔޫކޭ ނުވަތަ ޔޫއެން އާ ކޮމަން ވެލްތުން ވިޔަސް،" ކަރިތު ގެޔަން ވިދާޅުވި އެވެ.