ރާއްޖޭގައި ވޯލްޑްކަޕްގެ ފޯރިގަދަ ކުރުމަށް އުރީދޫ މޯލްޑިވްސްއިން ޚާއްސަ މުބާރާތްތަކެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ.

އުރީދޫއިން ވޯލްޑްކަޕާ ދިމާކޮށް ބާއްވާ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނިން ވަނީ، ދިވެހި އެޕްލިކޭޝަނެއް ކަމަށްވާ "ގޯލްއާ"އާއެކު މުބާރާތެއް ކުރިއަށްގެންދިޔުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ބުނެފައެވެ.

އެ މުބާރާތުގައި ފަށާނީ ވޯލްޑްކަޕް ފަށާ ދުވަހުއެވެ. އަދި ނަތީޖާ ދިމާކުރާ މީހުންގެ ލިސްޓެއް އެ އެޕުން އެކުލަވާލާނެއެވެ. އެއަށް ފަހު، މުބާރާތް ނިމުމުން، އެންމެ ގިނައިން ނަތީޖާ ރަނގަޅަށް ލަފާ ކުރި ހަތް މީހުންނަށް އިނާމުތައް ދޭނެއެވެ.

އެ މުބާރާތް ކާމިޔާބު ކުރާ މީހުންނަށް ދޭ އިނާމުތަކުގެ ތެރޭގައި އައިފޯން 14 އާއި މޫދުގައި ބޭނުންކުރާ ސާމާނާއި ގަޑިއާއި ރިސޯޓު ދަތުރު ވެސް ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއިން ގޯލްއާ އެޕާއެކު ހިންގާ ޕްރޮމޯޝަން ---- ސަން ފޮޓޯ؛ މުހައްމަދު ހައްޔާން

ވޯލްޑްކަޕަށް އުރީދޫއިން ބާއްވާ އަނެއް ހަރަކާތަކީ ޕްލޭސްޓޭޝަނުން ފީފާ ފުޓްބޯޅަ ކުޅޭ މުބާރާތެކެވެ. އެ މުބާރާތް ބާއްވާނީ އުރީދޫއިން ވޯލްޑްކަޕް "ފޭން ޒޯން"ތައް ތައްޔާރު ކުރާ ސަރަހައްދުތަކުގެ ތެރެއިން ހަތަރު ސަރަހައްދެއްގައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. އެ މުބާރާތުން ވަނަތަކަށް ހޮވޭ މީހުންނަށް ޕީއެސް5 އާއި ޓީވީ ހޯދުމުގެ ފުރުސަތު އޮންނާއެވެ.

އުރީދޫއިން ވަނީ ކައުންސިލްތަކާ ގުޅިގެން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފޭން ޒޯންތައް ހަދަން ނިންމާފައެވެ. އެ ތަންތަނުގައި ވޯލްޑްކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން ވޯލްޑްކަޕަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ވެސް އުރީދޫއިން ވަނީ މިއަދު އިއުލާންކޮށްފައެވެ. އެގޮތުން އެއް މަސް ދުވަހަށް ބޭނުން ކުރެވޭ ގޮތަށް، 100 ޖީބީގެ ޑޭޓާ 250 ރުފިޔާއަށް ލިބޭ ޕެކޭޖެއް ތައާރަފް ކުރާނެކަން އެ ކުންފުނިން ހާމަކުރިއެވެ.

ހަމައެއާއެކު، ވޯލްޑްކަޕް ބަލަން ގަތަރަށް ދާ ދިވެހިންނަށް އެއް ޓީބީގެ ޑޭޓާ ލިބޭ ރޯމިން ޕެކޭޖެއް ވެސް އުރީދޫއިން އިއުލާންކުރިއެވެ. އެ ޕެކޭޖް ލިބެން ހުންނާނީ 1000 ރުފިޔާއަށެވެ.

އުރީދޫ މޯލްޑިވްސްއިން ބާއްވާ ނޭޝަން ފީފާ ޓާނަމެންޓް ---- ސަން ފޮޓޯ؛ މުހައްމަދު ހައްޔާން

މި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވަނީ، އުރީދޫއިން ވޯލްޑް ކަޕަށް ޚާއްސަކޮށް ތައްޔާރުކުރި ދިވެހި ލަވައެއް އިފްތިތާހުކޮށްދެއްވާފައެވެ.

އަންނަ އާދިއްތަ ދުވަހު ވޯލްޑްކަޕް ފަށާއިރު އެ މުބާރާތަށް ޚާއްސަކޮށް އިތުރު ޕްރޮގްރާމްތައް ވެސް އިއުލާން ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި އަހަރު ރާއްޖޭގައި ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް މީޑިއާނެޓުން ގަނެފައިވާއިރު، މީޑީއާނެޓް ވޯލްޑްކަޕް ކަވަރޭޖްގެ ޓައިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.