މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި، މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ނިންމާލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން މަޖިލީސް މެމްބަރަކު މިއަދު ވިދާޅުވީ އެ ބިލަށް ވޯޓަށް އެހުން ލަސްވެ، އެކަމާ ގުޅުހުންހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށް، އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

ބިލު ދިރާސާކުރުމަށް ފަހު މަޖިލީހުން ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް އިއްޔެގެ ޖަލްސާގައި ވެސް ތާވަލް ކޮށްފައިވެއެވެ. ނަަމަވެސް އިއްޔެ ވެސް އެ ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ ގަވާއިދާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވަނީ އެ ރިޕޯޓުގެ ތިން ވަނަ ކިޔުން ނުކިޔާތީ ކަމަށެވެ. އަދި ކުރެވުނީ ހަމައެކަނި ބަހުސްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވުމާއެކު މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ ގަވާއިދާ ޚިލާފަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވެސް ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަން އެޖެންޑާގައި ވަނީ ހިމަނާފައެވެ. އަދި އެ ރިޕޯޓަށް މެމްބަރުން ބަހުސް ވެސް ކުރެއްވިއެވެ. ނަމަވެސް މިއަދު ވެސް އެ ކޮމިޓީ ރިޕޯޓުގެ ތިން ވަނަ ކިޔުން އިއްވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނަވާ، ވޯޓުގެ ވަގުތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވަނީ އެދުވަހަކަށް ނިމިފައިވާ މަސައްކަތްތަކަށް ވޯޓަށް އެހުމަށް ކަމަށެވެ.

"މިހާރު ނިމިފައިވާ މަސައްކަތަކީ ޗާގޯސް ރަށްތަކުގެ ގަރާރުގެ މަސައްކަތް. އެހެންވީމާ ވޯޓަށް އެހެން އޮތީ އެ ގަރާރަށް. އަޅުގަނޑު ދެކިހުރީ ޓެކްސް ބިލުގެ ރިޕޯޓަށް ވެސް ބަހުސް ކޮށް ނިންމަވާނެ ކަމަށް. އެހެން ނަމަވެސް އެހެން ނޫން އެކަން ހިނގާފަ މިވަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ބިލަށް ވޯޓަށް އެހުން ލަސްވެ، ބައެއް މެމްބަރުންގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރައްވާފައިވާއިރު އެ ބިލާމެދު އެމްޑީޕީގެ މެދުގައި ވެސް ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ. އެގޮތުން އެމްޑީޕީގެ މެދުގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންދަނީ ޓެކްސް ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ވެސް އޮތް ރައީސް ޞާލިހުގެ ފެކްޝަނުން ދަނީ އެ ބިލު އޮތް ގޮތަށް، ވީހާވެސް އަވަހަށް އެ ބިލު ފާސް ކުރުމަށް ގޮވާލައި، އެކަމަށް ބާރުއަޅަމުންނެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ.