15 Nov 2022, 15:12
އައްޑޫ ސިޓީގައި ޓެރަރިސްޓުން އުޅޭކަމަށް ސަލާމަތީ ބާރުތަކުން ސިޓީ ކައުންސިލަށް އަންގާފައިނުވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށްދާ އޮޕަރޭޝަނަކުން އެފަދަ ނުރައްކާތެރި ބަޔަކު އުޅޭކަން ތަހުގީގަށް ހާމަވުމުން ރައްކާތެރިވުމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ވާހަކަތަކެއް ވެސް ސަލާމަތީ އެއްވެސް ޚިދުމަތަކާއެކު ދެކެވިފައިނުވާކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ އެފަދަ ކަމެއް ހިނގަމުން އަންނަކަމެއް. އަޅުގަނޑުމެން ކައިރީ ނުއެއް ބުނޭ. ދެން އެ ކަމުގައި އަޅާނެ ފިޔަވަޅެއް އަޅުގަނޑުމެންނަށް ނުއެއް އެނގޭ އަދި،" ނިޒާރު ވިދާޅުވިއެވެ.
މިހާރު ފުލުހުން ހިންގަމުން އަންނަ ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 14 މީހުންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވަނީ ވިދާޅުވެފައެވެ.
އުސްވަތު ވިދާޅުވީ އޭގެތެރެއިން ނުވަ މީހުންނަކީ މީގެކުރިން ވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންކަމަށެވެ.
އެ މީހުން ހައްޔަރުކުރީ ބޮން ގޮއްވާލުންތަކެއްގައި ގިނަ ބައެއްގެ ފުރާނަ ދުއްވާލަން ރާވަނިކޮށެވެ.