07 Apr 2012, 08:53
މަލާވީގެ ރައީސް ބިންގުވާ މުތަރީކާ، ރޭ ވަރަށް ކުއްލިގޮތަކަށް އަވަހާރަވެއްޖެވެ. މަލާވީ ސަރުކާރުގެ ދާއިރާތަކުން ބުނި ގޮތުގައި ބިންގުވާ ކުއްލިގޮތަކަށް ހޭފުޅުނެތިގެން ވެއްޓުމާއެކު އޭނާ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދެވުނުއިރު އަވަހާރަވެފައިވާ ކަމަށާ އަވަހާރަވިކަމަށް ބެލެވެނީ ހާޓްއެޓޭކެއްގައި ކަމުގައެވެ.
އުމުރުން 78 އަހަރުގެ ބިންގުވާއަކީ އިޤްތިސާދީ ތަޖްރިބާކާރެކެވެ. ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން އޭނާވަނީ ވޯލްޑް ބޭންކްގެ މުސްތަޝާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މަލާވީގެ ރައީސް އަވަހާރަވުމުން އެޤައުމުގެ ނައިބުރައީސް ޖޮވިސް ޕަންޑާ ގެންދަވަނީ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ނަމަވެސް އޭނާއަކީ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްނުވާ ބޭފުޅަކަށްވާތީ ސިޔާސީ ބައެއް ދަތިތައް އޭނާއަށްވަނީ ކުރިމަތިވެފަ އެވެ.
ރައީސް ބިިންގުވާ ކުއްލިގޮތަކަށް އަވަހާރަވުމާގުޅިގެން މަލާވީގެ ވެރިރަށުގައި ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ. ނަމަވެސް ހަމަނުޖެހުން ހިނގަމުން ނުދާކަމަށް ޚަބަރުލިބެއެވެ. 13 މިލިޔަން މީހުންގެ އާބާދީއެއްއޮންނަ މަލާވީއަކީ އެފްރިކާގައި ހިމެނޭ އެންމެ ފަގީރު އެއްޤައުމެވެ. އަވަހާރަވި ރައީސް ބިންގުވާއާ ދެކޮޅަށް މިފަހަކަށްއައިސް އެޤައުމުގެ ރައްޔިތުންވަނީ މުޒާހަރާކޮށް އޭނާ ވެރިކަންކުރައްވަމުން ގެންދަވާގޮތާމެދު ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. --އަލްޖަޒީރާ