ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، މަޖިލިސް ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނެވުން ކުށްވެރި ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި އިއްޔެގެ ޖަލްސާ ނިންމާލުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފައެވެ. އެގޮތުން ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ގަވާއިދުގައިވާގޮތުން ވޯޓަށް އެހުމަށް ޖަހަން ޖެހޭ ރަނގަބީލު ޖެހުމެއްވެސް ނެތި ކަމަށާއި، އެކަން ކުރެއްވީ ގަވާއިދާ ޚިލާފަށް ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އިއްޔެގެ ޖަލްސާ އަފީފު ނިމްނަވާލެއްވީ ގަވާއިދާ ޚިލާފަށް ނޫން ކަމަށެވެ. އެހިސާބުން ނިޒާމީ ނުކުތާއެއް ނަންގަވައި، މެމްބަރު ޝަރީފް ވިދާޅުވީ އިއްޔެގެ ޖަލްސާ ނިންމަވާލެއްވުމުގައި ތިން ގޯހެއް ހެއްދެވި ކަމަށާއި، ކޯރަމް ގެއްލުނުކަމަށް އަފީފު ވިދާޅުވީވެސް ކޯރަމް އޮއްވައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބަހުސް ނިންމުމަށް ފަހު ވޯޓަށް އެހުމަށް ތިންވަނަ ކިއުން ކިޔާނެ ކަމަށާއި އެހެން ނަމަވެސް އެ މަރުހަލާ އިއްޔެގެ ޖަލްސާގައި ކުރިއަށް ނުގެންދާ ކަމަށެވެ.

"އިއްޔެގެ ރިޕޯޓުގެ ތިންވަނަ ކިޔުން ނުކިޔާތީވެ، ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ. ބަހުސްގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތީ. ބަހުސަށް ހުޅުވާލުމާއި މަޖިލިސް ނިންމުމާ ދެމެދުގައި މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ވާހަކަތައް ޔައުމިއްޔާ ކުރެވޭނެ. އެހެންވީމާ މަޖިލީހުގެ ނިންމުން ގަވާއިދާ ޚިލާފު ކަމަަށް މެމްބަރުންނަށް އޮޅިވަޑައިގެންފައިވާތީވެ އަޅުގަނޑު ދެންނެވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކަ މެދުކަނޑާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ގަވާއިދާއި ހުރިހާ އުސޫލްތަކާ ޚިލާފަށް މެމްބަރު ޝަރީފް ރިޔާސަތުގައި ވަޑައިގެން އިށީންނެވިތަން އެމަނިކުފާނު ފެނިވަޑައިގެންނެވި ކަމަށާއި، މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމަކަށް ވީ ހިނދު، އެކަން ނުކުރައްވާ ރިޔާސަތުގައި އިށީންނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.