އުމުރުން އެންމެ ނުވަ އަހަރެވެ. އައިސްކްރީމް ބޯލާ، ޗޮކޮލެޓް ކާލާ، އެންމެ އުޅެން ބޭނުންވި ދުވަސްވަރެވެ. ނަމަވެސް ކުއްލިއަކަށް އާދަޔާ ޚިލާފަށް ކަރުހިއްކަން ފެށިއެވެ. ކިތަންމެ ވަރަކަށް ފެން ބުއި ނަމަވެސް ކަރުހިއްކުން ނުފިލައެވެ. ދެން ދިމާވާނީ ކުއްލިއަކަށް މާ ބޮޑަށް ބަރުދަން ލުއިވާން ފެށުމުގެ މައްސަލައެވެ. އަދި ގައިގައި އިން ފާރުކޮޅެއް އެތައް ދުވަހެއްވީއިރު ވެސް ރަނގަޅެއް ނުވިއެވެ. އެކަމަށް ފަރުވާ ކުރަން އުފަން ރަށް، އައްޑޫ ސިޓީ، މީދޫ ސިއްހީ މަރުކަޒަށް ދިއުމުން ޓެސްޓްތަކެއް ހެދިއެވެ. ނަތީޖާއިން އެނގުނީ ހަކުރު 400 އިން މައްޗަށް ގޮސްފައިވާ ކަމެވެ. އެހާ ހަގު އުމުރުގައި "ޓައިޕް 1 ޑައިބެޓީސް" ނުވަތަ ހަކުރު ބަލި ޖެހުނީއެވެ.

މިއީ މިދުހާ ލުތުފީގެ ވާހަކައެވެ. މިހާރު އުމުރުން 30 އަހަރުވެފައިވާ މިދުހާ ހަކުރު ބައްޔާއެކު އުޅޭތާ 21 އަހަރުވީއެވެ. އެންމެ ޅައިރުގެ ހަނދާންތަކުން ފެށިގެން ގޮސް މިއަދު މަންމައަކަށް ވީއިރު ވެސް ހަކުރު ބަލީގެ ސަބަބުން ގިނަ ވޭންތަކެއް އޭނާ ތަޖުރިބާ ކުރަން ޖެހުނެވެ. އެތައް ކަމަކުން މަހުރޫމްވާން ޖެހުނެވެ.

މިދުހާއަށް ޓައިޕް 1 ޑައިބެޓީސް ޖެހިފައިވާއިރު އެ ބަލި އާއްމުކޮށް ޖެހެނީ ޅައުމުރުގައެވެ. އެ ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ.

މިދުހާ އޭނާގެ ދަރިފުޅާއެކު: ދަރިފުޅަށް ހަކުރު ބަލީގެ އަސަރެއް ނުކުރޭ --

ގިނަ ބަޔަކަށް ހަކުރު ބަލި ޖެހޭ މައިގަނޑު އެއް ސަބަބަކީ އާއިލީގޮތުން ވާރުތަ ކުރުމެވެ. މިދުހާގެ މަންމަ އާއި ބައްޕަގެ ވެސް ހަކުރު ބައްޔެއް ނުހުރެއެވެ. މިދުހާގެ މަންމަ އާއި ބައްޕަގެ 14 ދަރިންތިބިއިރު އޭގެ ތެރެއިން އެހާ ޅައުމުރުގައި ހަކުރު ބަލި ޖެހުނީ އޭނާއަށް އެކަންޏެވެ. ވަރަށް ފަހަކުން އޭނާގެ ދައްތައަކަށް ހަކުރު ބަލި ޖެހިފައިވާއިރު އަނެއް 12 މީހުންނަށް އެ ބަލި ނުޖެހެއެވެ. މިދުހާ އުފަންވިއިރު އޭނާގެ އެއްވެސް މާމައެއް އަދި ކާފައެއް ދުނިޔެއަކު ނެތެވެ. ނަމަވެސް މަންމަމެން ފަރާތުން އެނގުނު ގޮތުގައި މަންމަ ފަރާތު މާމަގެ ހަކުރު ބަލި ހުރެއެވެ.

"ޑޮކްޓަރުން ބުނަނީ އަޅުގަނޑަށް މި ބަލި ޖެހުނީ އާއިލީ ގޮތުން ވާރުތަ ކޮށްގެން ކަމަށް،" މިދުހާ ކިޔައިދިނެވެ.

އިންސިއުލިންނާ ނުލާ ނޫޅެވޭ

ވޭތުވެދިޔަ 21 އަހަރު އޭނާ އުޅެމުން އެ އަންނަނީ ކޮންމެ ދުވަހަކު އިންސިއުލިން ޖަހައިގެންނެވެ. އުމުރުން ނުވަ އަހަރުގައި އިންސިއުލިން ޖަހަން ފެށީ ހެނދުނު ސައިބުއިމުގެ ކުރިންނާއި ރޭގަނޑު ކެއުމުގެ ކުރިންނެވެ. ފަލަމަސްގަނޑަށް ކައްޓެއް ހަރައިގެން އެކަން ކުރަން ޖެހޭއިރު ފުރަތަމަ އެކަންވީ އޭނާއަށް ވޭނަކަށެވެ.

"އޭރު ކުޑަވެފައި އަލަށް ވީމައި އަބަދު ކަށިހަރަންވީމައި އޭރު ވަރަށް ރުޅިގަދަވޭ،" ޅަދުވަހުގެ ތަޖުރިބާ މިދުހާ ކިޔައިދިނެވެ.

ފޮނި ހުރިހާ އެއްޗެއް ކެއުން ޑޮކްޓަރު މަނާކުރިއެވެ. ނަމަވެސް އެކަންވީ އުނދަގޫ ކަމަކަށެވެ. ފޮނިއެއްޗެހި ކެއުމަށް އޭނާ ލޯބި ކުރާތީއެވެ. އެހެންކަމުން އާއިލާއާ ސިއްރުން ފޮނި އެއްޗެހި ކައި އުޅުނެވެ. އޭގެ ނަތީޖާވެސް ގޯހެވެ. ހަކުރު މައްޗަށްގޮސް އުނދަގޫތަކެއް އިހުސާސް ކުރަން ޖެހުނެވެ.

"ވަރަށް ދެރަވޭ އޭރު ފޮނިއެއްޗެހި ކާން މަނާވީމައި. އެހެންވެ ކެވެނީ ދެން. ކެވޭތީ ހަކުރު ކޮންޓްރޯލެއް ނުވޭ. ހަކުރު މަތި ވީމައި ވަރަށް މޫޑީ ވާނެ. ކަންކަން ކުރަން ފޫހިވާނެ. އަބަދު ނިދިއައިސް ހުންނާނީ. އެހެންވެ ކިޔަވަން ވެސް އުނދަގޫވި،" އޯލެވެލްއާ ހަމައަށް ތައުލީމް ހާސިލް ކޮށްފައިވާ މިދުހާ ބުންޏެވެ.

ކޮންމެ ދުވަހަކު ހަށިގަނޑަށް ކައްޓެއް ހެރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކުރާ ހިތްވާނެ ކަމެއް ނޫނެވެ. ނަމަވެސް މިދުހާއަށް އެ ނޫން ގޮތެއް ނެތީއެވެ.

ކޮންމެ ދުވަހަކު ދުވާލަކު ދެ ގަޑީގައި އިންސިއުލިން ބޭނުން ކުރަމުން ދާތާ 10 އަހަރު ފަހުން، 2011 ވަނަ އަހަރު ޑޯޒް އިތުރު ކުރަން ޖެހުނެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށް ދުވާލަކު ހަތަރު ފަހަރު އިންސިއުލިން ނަގަން ޖެހެއެވެ. އެއީ ކޮންމެ ދުވަހަކު އެންމެ އިސްކަމެއް ދޭން ޖެހޭ ކަންތަކެވެ.

"ޗުއްޓީއަކަށް ދިޔަސް. ކޮންމެ ތާކަށް ދިޔަސް، އަދި ހަޔާތުގައި ކިތަންމެ ހާއްސަ ދުވަހަކަސް ހަމަ އިންސިއުލިންނާއެކު އުޅެން މިޖެހެނީ،" ކަންބޮޑުވެފައިވާ ރާގަކަށް މިދުހާ ކިޔައިދިނެވެ.

"އަސްލު ވަރަށް އުނދަގޫ ކޮންމެ ދުވަހަކު މިކަން ކުރަންވީމައި. ބައެއް ފަހަރު ހަނދާން ވެސް ނެތޭ. ހަނދާން ނެތުނީމައި ހަކުރު ވަރަށް މަތިވޭ،"

އިންސިއުލިން ނުޖެހިއްޖެ ނަމަ ހަކުރު މަތިވެ ވޭންތަކެއް ތަޖުރިބާ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ގައިން ދިލަ ނެގުމާއި އިންތިހާއަށް ކަރުހިއްކުމުގެ އިތުރުން ވަރުދެރަވުމާއި ނިދި ނުފިލާ ހުރުން ފަދަ އުނދަގޫތައް ހިމެނެއެވެ.

މިދުހާ އޭނާގެ ފިރިމީހާ އާއި ދަރިފުޅާއެކު: ހަކުރު ބަލީގެ ސަބަބުން މިދުހާއަށް ގިނަ އުނދަގޫތަކެއް ތަޖުރިބާ ކުރަން ޖެހުނު ---

އޭނާއަށް ހަމައެކަނި ދިމާވަނީ ހަކުރު މަތިވުމުގެ މައްސަލައެއް ނޫނެވެ. މިންހެޔޮވަރުކޮށް ނުކެވިއްޖެނަމަ ނުވަތަ އިންސިއުލިން ޑޯޒް މަތިވެއްޖެނަމަ ހަކުރު ދަށްވުމުގެ މައްސަލަ ވެސް ކުރިމަތިވެއެވެ. އެހެންވެއްޖެ ނަމަ ވަރަށް ބޮޑަށް މީހާ ހިކެއެވެ. ދާހިތްލުމާއި ތުރުތުރު އެޅުން ފަދަ ކަންކަން ދިމާވެއެވެ. އޭގެ ސަބަބުން މީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވެއެވެ.

"އެހެން ހިކުނީމައި ބުނާނެ މިހާރު ހަކުރު ބޮނީއޭ، [މަސްތުވާތަކެތި ބޭނުން ކުރަނީ]. އާއިލާ މީހުން ކައިރި ވެސް މީހުން އެކަހަލަ ވާހަކަ ދައްކާ. އެކަމަކު ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރަން،" މިދުހާ ބުންޏެވެ.

މިދުހާގެ އަލަތު ކައިވެނި 2019 ވަނަ އަހަރު ކުރިއެވެ. ބައިވެރިޔާ ވަރަށް އެހީތެރިއެވެ. ކައިވެންޏަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އަލަތު ދަރިފުޅު ލިބުނެވެ. ބަނޑުބޮޑުއިރު ވެސް ހަކުރު ބަލީގެ ސަބަބުން އުނދަގޫކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނެވެ. އެގޮތުން ބަނޑަށް ހަތް މަހުން ފެށިގެން މިދުހާގެ ހަކުރު ހުރީ ވަރަށް މަތީގައެވެ. ސިއްހީ އެހެން މައްސަލަތަކެއް އޭނާއަށް ވެސް އަދި ދަރިފުޅަށް ވެސް ކޮށްފާނެތީ ބިރުހީވިއެވެ. ނަމަވެސް ނަސީބު ގަދަކަމުން ދަރިފުޅަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަދި މިހާރު ދަރިފުޅުގެ އުމުރުން ދެ އަހަރުވީއިރު ހަކުރު ބަލީގެ އެއްވެސް ކަމެއް ދަރިފުޅަށް ދިމާވެފައެއް ނުވެއެވެ.

އެންމެ ފަހުން ލޮލަށް އަސަރުކޮށް ފުސްވެއްޖެ

ހަކުރާ ނުލައި އުޅުމަކީ މިދުހާއަށް އުނދަގޫ ކަމަކަށްވިއެވެ. އެހެންކަމުން ހަކުރު ހުންނަ ބުއިންތަކާއި ކެއުންތައް ބޭނުން ކުރަމުންދިޔައެވެ. އޭގެ ތެރޭގައި އެނާޖީ ޑްރިންކްސް ހިމެނެއެވެ. އޭގެ ނަތީޖާ ވަރަށް ހިތިވިއެވެ. ލޮލުގެ ނާރުތަކުން ލޭ ބޭރުވެ ލޯ ފުސްވުމުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ވަނީ ކުރިމަތިވާން ފަށައިފައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުން އެކަމަށް ފަރުވާ ހޯދި ނަމަވެސް ހައްލެއް ނުލިބެއެވެ.

"އެމަޖެންސީކޮށް އިންޑިއާއަށް ގެންގޮސް ސާޖަރީ ހެދީ ލޮލުގެ. އެކަމަކު އަދިވެސް ރަނގަޅަކަށް ނުފެނޭ ވާތު ލޮލަކަށް. ވަރަށް ބޮޑަށް ފުސްވެފައި އިންނަނީ،" މިދުހާ ކިޔައިދިނެވެ.

ހަކުރުބަލިން ރައްކާތެރިވުމަށް، ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން މުހިއްމު - ފޮޓޯ: އީބްލޮގްލައިން

ހަކުރު ބަލިޖެހިފައިވާ މީހުން ހަކުރު ކޮންޓްރޯލް ނުކޮށް އުޅޭނަމަ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެން ގުނަވަންތަކަށް އަސަރު ކުރެއެވެ. މިދުހާގެ ނަސޭހަތަކީ އުނދަގޫ ދިރިއުޅުމެއް ނަމަވެސް ހަކުރު ކޮންޓްރޯލް ކޮށްގެން އުޅުމެވެ. ނޫނީ ދިމާވެދާނެ އެހެން މައްސަލަތަކުގެ ސަބަބުންނެވެ.

ހަކުރު ބައްޔާއެކު ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިދުހާ އެ ތަޖުރިބާ 21 އަހަރު ކޮށްފިއެވެ. އެއާއެކު އޭނާ ދޭ ނަސޭހަތަކީ ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. މި ބަލި ނުޖެހޭނެ ގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ.

"އަޅުގަނޑު ބުނަން ބޭނުންވަނީ ކެއުމަށް ބަލައިގެން ކާށޭ. ގަވައިދުން ކަސްރަތު ކުރާށޭ. ނުބަލަންޏާ މިއީ ވަރަށް ވޭންހުރި ކަމެއް،" މިދުހާ ބުންޏެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް އިއްޔެ ފާހަގަ ކުރިއިރު މިއީ ދިވެހީންނަށް ވެސް ޚާއްސަ ދުވަހެކެވެ. ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 14 ޕަސެންޓް މީހުންނަށް ވަނީ ހަކުރު ބަލި ޖެހިފައެވެ. އަދި ރާއްޖޭން މަރުވާ މީހުންގެ 3.7 ޕަސެންޓް މީހުން މަރުވާ ސަބަބަކީ ހަކުރު ބައްޔެވެ.

ވޭން ހުރި ބައްޔެކެވެ. އަދި މީރު ބައެއް ކެއުންތައް ފަދަ ކަންކަމުން މަހުރޫމް ވެސް ވާ ބައްޔެކެވެ. ހަށިގަނޑުގައި ވޭން އަޅައެވެ. މިދުހާ ވޭތުވެދިޔަ 21 އަހަރު އެ ކުރީ އެ ތަޖުރިބާއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަކީ އިންސިއުލިންނެވެ. އެ ތަޖުރިބާއިން ނަމޫނާ ލިބިގަންނާށެވެ. ހަކުރު ބައްޔާމެދު ސަމާލު ވާށެވެ.