ބައެއް ކަހަލަ ތަރުކާރީ ކެއުމަކީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން އެ ބަލިން ސަލާމަތްވުމުގައި އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކަކުން ދައްކައިފިއެވެ.

އެމެރިކަން އެސޯސިއޭޝަން ފޯރ ކެންސަރ ރިސަރޗަށް ހުޅަހެޅުނު ދިރާސާއެއްގައިވާ ގޮތުން ޗައިނާގެ އެތައް ހާސް އަންހެނުންނެއް މި ދިރާސާގައި ބައިވެރިވެފައިވެއެވެ. މި ގޮތުން ކެބެޖާއި ކޮލިފްލާވަރ އާއި ބްރޮކޮލީ ބޭނުންކުރި ފަރާތްތަކުގެ ސަރވައިވަލް ރޭޓް މިފަދަ ތަކެތި ބޭނުން ނުކުރާ ފަރާތްތަކަށް ވުރެ ރަނގަޅެވެ. ދިރާސާވެރިން ބުނާ ގޮތުގައި ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ ބަޔޯއެކްޓިވް ކޮމްޕައުންޑްތަކެއް މިތަކެތީގައި ހިމެނެއެވެ.

ދިރާސާވެރިން ވަނީ ޕްރޮސްޓޭޓް ކެންސަރާއި ބަރުދަނާ ދެމެދު ހުރި ގުޅުމެއް ވެސް ފާހަގަކޮށްފައެވެ. އެމެރިކާގެ ޗިކާގޯގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ފަރުވާ ހޯދުމަށް ފަހު އަލުން ކެންސަރުގެ ބަލީގެ ހާލަތަށް ރުޖޫއަވުމުގައި ބަރުދަން އިތުރުވުން ބޮޑު ދައުރެއް އަދާ ކުރެއެވެ. އެހެން ކަމުން ބަރުދަން އިތުރު މީހުންނަށް ކެންސަރު ބަލި އަލުން އިޔާދަވުމުގެ ނުރައްކާތެރިކަން ބޮޑެވެ. މި ގޮތުން އެންމެ ބަރު މީހުންނަށް އަލުން ބަލި އިޔާދަވުމުގެ ފުރުސަތު އަށް ގުނައަށް އިތުރެވެ.

ހަމަ އެހެންމެ ހަމުގެ ކެންސަރުން ރައްކާތެރިކޮށް ދިނުމުގައި ކެފެއިން އާއި ކަސްރަތު މުހިންމު ދައުރެއް އަދާކުރާކަން ވެސް ދިރާސާވެރިން ވަނީ ހާމަކޮށްފައެވެ. ހަމުގެ ކެންސަރާ ބެހޭ މި ދިރާސާކޮށްފައިވަނީ މީދާ ބޭނުންކޮށްގެންނެވެ.