އެލައިޑް އިންޝުއަރަންސްގެ އަޔާދީ ތަކާފުލްއިން ޝަރުތު ހަމަވާ ކަސްޓަމަރުންގެ މެދުގައި 2020ވަނަ އަހަރުގެ ސާޕްލަސް ބަހަން ނިންމައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ ތަކާފުލް ފަންޑުން ސީދާ ތަކާފުލްއާ ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ ޚަރަދުތައް އުނިކުރުމަށްފަހު ބާކީވާ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑުގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއެވެ.

ތަކާފުލްއާ ގުޅޭ ޚަރަދުތަކުގެ ތެރޭގައި ގެއްލުމުގެ ބަދަލު ދިނުމާއި ރީ ތަކާފުލް ކުރުން ފަދަ ކަންކަން ހިމެނެއެވެ.

އަޔާދީ ތަކާފުލްއިން ބުނިގޮތުގައި އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ އެ ދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ހޯދައި ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތުގައި ބަދަލަށް އެދި ހުށަހަޅާފައި ނުވާނަމައެވެ.

އަޔާދީ ތަކާފުލްއިން ބުނީ ސާޕްލަސްއަށް ހުށަހެޅޭނީ ޖެނުއަރީ 13ވަނަ ދުވަހުގެ 16:00ގެ ކުރިން ކަމަށެވެ.

އެއާއެކު ފޯމު ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އޮންލައިންކޮށް ފޯމު ލިބޭނެއެވެ. އަދި އަޔާދީ ކަސްޓަމާ ފްރަންޓު އޮފީހުން ވެސް ފޯމު ދޫކުރާނެއެވެ. މީގެ އިތުރުން އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށް ވެސް ސާޕްލަސްއަށް އެދެވޭނެއެވެ.