އެމެރިކާގެ ސިފައިންގެ މީހަކު ފޭސްބުކުގައި ރައީސް އޮބާމާއާ ދިމާއަށް ހުތުރު އެއްޗެހި ކިޔައި ޝާއިއު ކުރި ކޮމެންޓްތަކާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފި އެވެ. އުމުރުން 26 އަހަރުގެ އެ މީހާ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިފައިންގެ ވަޒީފާ އިން ވަކިވާއިރު އާންމުކޮށް ދޭ އިއްޒަތް ވެސް ނުދީ އެވެ.

ސިފައިންގެ އިދާރީކަންކަމާ ބެހޭ ބޯޑުން ސާޖެންޓް ގެރީ ސްޓެއިން (ފޮޓޯގައި) ވަޒީފާ އިން ވަކިކުރުމަށް ނިންމީ ސުލޫކީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް އޭނާ ހިންގި ކަމަށް ނިންމައިފަ އެވެ.

ސަރޖެންޓް ސްޓެއިން ފޭސްބުކުގައި ލިޔެފައިވާ ގޮތުގައި ރައީސް އޮބާމާއަކީ ބޮޑު ފިނޑިއެކެވެ. އިގުތިސާދާއި ދީނުގެ ދުޝްމަނެކެވެ. ސްޓެއިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އޮބާމާ ބަލިކުރުމަށް އެންމެން އަތު ގުޅައިލައިގެން މަސައްކަތްކުރުމަށް ގޮވައިލައިފަ އެވެ. ސްޓެއިން ބުނާ ގޮތުގައި އޭނާގެ ކޮމެންޓްތަކަކީ ގާނޫނު އަސާސީން އޭނާ އަށް ލިބިފައިވާ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކޮށްގެން ކޮށްފައިވާ ކޮމެންޓްތަކެއް ކަމުގަ އެވެ. އެހެން ނަމަވެސް ޕެންޓަގަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިފައިންގެ ވަޒީފާގައި ތިބޭ މީހުންނަށް އެފަދަ ހައްގުތައް ބޭނުންކުރެވޭނީ އެހެންމީހުންނަށް ވުރެ ބޮޑަށް ހިފެހެއްޓިފައިވާ ހުދޫދެއްގެ ތެރޭގައި ކަމުން ސިފައިންގެ މީހެއްގެ އެފަދަ އަމަލެއްް ގަބޫލެއް ނުކުރެވޭނެ އެވެ.

ސްޓެއިން ވަނީ ގާނޫނު އަސާސީ އިން އޭނާ އަށް ލިބިފައިވާ ހައްގު ކަށަވަރު ކުރުމުގެ ގޮތުން ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ. -- ޕޮލިޓީކޯ