އާމިރު ޚާން އޭނާގެ އެކްޓިންގ ކެރިއަރުގައި ފުރަތަމަ ފަހަރަށް އެކްޓު ކުރުމުން ބްރޭކެއް ނަގަން ނިންމައިފިއެވެ.

އާމިރުޚާންގެ ފެއިލްވި ފިލްމު 'ލާލް ސިންގ ޗައްޑާ' އަށް ފަހު ދިއްލީގައި އޮތް އިވެންޓެއްގައި ވަނީ އައު ވާހަކަތަކެއް ހިއްސާކޮށްފައެވެ. އޭނާގެ ކުޑައިރުގެ ރަހުމަތްތެރިއެއް ބޭއްވި މި 'ޗެޓް ސެޝަން'ގައި ވާހަކަދައްކަމުން އާމިރު ބުނީ ފިލްމު ކުޅުމުގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އިތުރު ކަންކަން ނުކުރެވޭ ކަމަށެވެ.

ލާލް ސިންގް ޗައްޑާ އަށްފަހު 'ޗެމްޕިއަންސް' ކިޔާ ފިލްމެއްގެ މަސައްކަތް ކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް، މިހާރު ބޭނުންވަނީ ބްރޭކެއް ނަގަން ކަމަށް އާމިރު ބުންޏެވެ.

"ޗެމްޕިއަންސް އަކީ ފުރިހަމަ ސްކްރިޕްޓެއް އަދި ރީތި ސްޓޯރީއެއް. އެކަމަށް މިހާރު ބޭނުންވަނީ ބްރޭކެއް ނަގައި، އާއިލާ އާއި މަންމަ އާއި ދަރިންނާއެކު ވަގުތު ހޭދަކޮށްލަން،" އިވެންޓުގައި އާމިރު ބުނެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މިއީ އޭނާގެ 35 އަހަރުވީ ދިގު ކެރިއަރުގައި ނަގާ ފުރަތަމަ ބްރޭކަށް ވާނެ ކަމަަށެވެ.

"އަހަރެންނަށް ގަބޫލު ކުރެވެނީ އަހަންނާ ގާތުގައި އުޅޭ މީހުންނަށް އަސްލު ފެއާ އެއް ނުވާނޭ. ބްރޭކެއް ނުނަގާ 35 އަހަރުވީ އިރު އަބަދު ފޯކަސް ކުރެވެނީ މަސައްކަތަށް. މިފަހަރު ހުސް ވަގުތު ހޯދައިގެން އެމީހުންނާއެކު ވަގުތު ހޭދަކޮށް، ދިރިއުޅުން ތަފާތު ގޮތަކަށް ހޭދަކޮށްލަން ބޭނުންވޭ. އަހަރެން މިހާރު މި އިންތިޒާރު ކުރަނީ ކުރިއަށް އޮތް އަހަރަށް. އެއީ އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރާނެ އަހަރަށް،"

އެހެންނަމަވެސް، 'ޗެމްޕިއަންސް ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އާމިރު އެންމެ ފަހުން ފެނުނު ފިލްމު 'ލާލް ސިންގް ޗައްޑާ' އަކީ ހޮލީވުޑްގެ 'ފޮރެސްޓް ގަމްޕް' އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެެކެވެ. މި ފިލްމަށް ތަފާތު ރިވިއުތައް ލިބިފައިވާއިރު ސިނަމާ އާއި ބޮކްސް އޮފީހުން ނެގަޓިވް ރިވިއުތައް ލިބުނެވެ. އެހެންނަމަވެސް، ނެޓްފިލްކްސްގައި މި ފިލްމު ހިޓުވިއެވެ.