16 Nov 2022, 09:01
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ރާޖްކުމާރު ރާއޮ، އޭނާގެ ބޮލީވުޑް ކެރިއަރު ފެށުމުގެ ކުރީގެ ހަނދާންތައް ވަނީ މި ފަހުން ހިއްސާކޮށްފައެވެ.
ރާޖްކުމާރުގެ އެންމެ ފަހުގެ ފިލްމު 'މޮނިކާ އޯ މައި ޑާލިންގ' ނެޓްފްލިކްސްއަށް މި މަހު ނެރެފައިވާއިރު ނެޓްފްލިކްސް އިންޑިއާގެ ޔޫޓިއުބް ޗެނަލަަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ ކެރިއަރުގެ ކުރީގެ ދުވަސްތަކުގެ ހަނދާން އައު ކޮށްފައެވެ. ކޮމީޑިއަން ޒާކިރު ޚާން އާ ވާހަކަދައްކަމުން ރާޖްކުމާރު ބުނެފައިވަނީ، އޭނާ އެންމެ ފުރަތަމަ އެހެން މީހަކަށް ނަށަން ދަސްކޮށްދިނީ ގްރޭޑް 08 ގައި އުޅެމުން ކަމަށެވެ.
ބޮޑު އަގުގައި ފިލްމު ކުޅެދޭ ރާޖްކުމާރު ބުނި ގޮތުގައި އެންމެ ފުރަތަމަ ނަށަން ދަސްކޮށްދިނީ ކުޑަ އަންހެން ކުއްޖަކަށް ކަމަށާއި އެކަމުން އޭނާ އަށް ލިބުނީ 300 ރުޕީސް (56 ދިވެހި ރުފިޔާ) ކަމަށެވެ.
"އަހަންނަކީ ނެޝަނަލް ލެވަލްގެ ގޯލްޑް މެޑަލިސްޓެއް. އަހަންނަށް ޓައެވޮންޑޯ އެނގޭ. އަހަރުމެންގެ ގްރޫޕް ވެގެން ސްޓޭޖްގައި ނަށައި ހަދާނެ. ދެން ޓިއުޝަން ދެމުންގޮސް ނަށަންވެސް ދަސްކޮށްދިނީ. އެއީ ކުޑަ އަންހެން ކުއްޖަކަށް"
އޭނާ އިތުރަަށް ބުނި ގޮތުގައި އެންމެ ފުރަތަމަ ލިބުނު މުސާރަައިން ގަތީ ގެއަށް ބޭނުންވާ އެއްޗިއްސެވެ. އެގޮތުން، ކުދި އެތިކޮޅު ކޮޅުން ބައިވަރު ސާމާނު ގަތް ކަމަށް ބުންޏެވެ. ހަކުރާއި ހަނޑުލާއި މުގު ގަނެގެންގެނެސް އެ ދިނީ ގެއަށް ކަމަށް ރާޖްކުމާރު އެ އިންޓަވިއުގައި ބުންޏެވެ.
ރާޖް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ، އޭނާ ލީޑް ރޯލަކަށް ފެނުނު 'މޮނިކާ އޯ މައި ޑާލިންގ' އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ހުމާ ގުރޭޝީ އާއި ރާދިކާ އާޕްޓޭ ވެސް މުހިއްމު ރޯލުތަކުން ފެނެއެވެ. ކޮމެޑީ ތުރިލާ ފިލްމު މި މަހު 11 ގައި ރިލީޒްކޮށްފައިވާއިރު ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވެއެވެ.