މީގެ ތިން އަހަރު ކުރިން ބާސެލޯނާ އަތުން ޗެލްސީ ކެޓި މެޗުގެ ރެފްރީ ނޯވޭގެ ޓޮމް ހެނިން އޮވެބޯ އަށް އަދިވެސް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް އޭނާ ބުނެފި އެވެ.

އޮވެބޯ މިހެން ބުނެފައިމިވަނީ މި މަހުގެ ފަހުކޮޅު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަނެއްކާވެސް ބާސެލޯނާ އާއި ޗެލްސީ ބައްދަލުކުރަން ޖެހިފައިވަނިކޮށެވެ.

އޭނާ ބުނީ މިހާރު ވެސް އަހަރަކު މަދުވެގެން ތިނެއް ނޫނީ ހަތަރު ފަހަރު އޭނާގެ މެއިލް އަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށެވެ. ނަމަވެސް އެއީ ނާތަހުޒީބު އަމަލެއް ކަމަށް ސިފަކުރަމުން އޮވެބޯ ބުނީ އެކަމާ ކަންބޮޑު ނުވާ ކަމަށެވެ. އަދި އޭނާ އަށް މިފަދަ މެސެޖްތައް ލިބޭކަން އޭނާގެ އާއިލާ އަށް ވެސް މަދު ފަަހަރެއްގައި މެނުވީ ނޭނގޭނެ ކަމަށް ވެސް ރެފްރީ ބުންޏެވެ.

"އަހަރެން އެ މެސެޖްތައް އާއިލާ މީހުންނަށް ނުދައްކަން. އެހެންވެ އެ މީހުންނަށް މިކަމެއް މާބޮޑަކަސް ނޭނގޭނެ،" އޮވެބޯ، 45، ބުންޏެވެ.

ޗެލްސީގެ ސަޕޯޓަރުން އޭނާ އަށް މަރުގެ އިންޒާރު ދެނީ އެ މެޗުގައި ޗެލްސީ އަށް ހަތަރު ޕެނަލްޓީ ދޭން ޖެހި ދޫކޮށްލާފައިވާ ކަަމަށްބުނެ އެވެ. އަދި ދެ މެޗުގެ އެގްރިގޭޓުން ނަތީޖާ އެއްވަރުވެ އަވޭ ގޯލުން ބާސެލޯނާ އަށް ކުރި ލިބުނު ލަނޑު އަންދްރޭސް އިނިއެސްޓާ ޖެހީ މެޗުގެ އިތުރު ވަގުތު ކުޅެ ނިމުނު ފަހުން ކަމަށްބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޮވެބޯޯ ބުނީ ކޮންމެ މީހަކަށް ވެސް ރަނގަޅަށް ކަންކަން ކުރެވޭ ފަހަރު އަންނަ ފަދައިން އެންމެ ރަނގަޅަށް ނިންމުންތައް ނުނިންމޭ ފަހަރު އަންނާނެ ކަމަށެވެ. އަދި އެމެޗުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށާއި އެ ނިންމުންތައް މިހާރު ނިންމަންވެއްޖެނަމަ ތަފާތުވެދާނެ ކަމަށެވެ.