15 Nov 2022, 10:55
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ އެމޭޒަންގެ ފައުންޑާ ޖެފް ބޭޒޮސްގެ ފަރާތުން މަޝްހޫރު އައިކޮނިކް ތަރި ޑޮލީ ޕާޓަން އަށް 100 މިލިއަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.
ބޭޒޮސްގެ ފަރާތުން ޕާޓަން އަށް އެހާ ބޮޑު ފައިސާގެ ހަދިޔާއެއް ދީފައިވަނީ ބޭޒޮސްގެ "ކަރެޖް އެންޑް ސިވިލިޓީ" އެވޯޑުގެ ދަށުންނެވެ. ޑޮލީއަށް މި އެވޯޑު ދީފައިވާއިރު މި އެވޯޑަކީ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދުމުގައި ވަރަށް ހިތްވަރާއި އަޒުމު ދައްކާ މީހުންނަށް ބޭޒޮސް ދޭ އެވޯޑެކެވެ.
މި އެވޯޑު އިއުލާނުކޮށްފައިވަނީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ރަސްމިއްޔާތުގައި ޑޮލީ އަށް 100 މިލިއަން ޑޮލަރުގެ ފައިސާ އިނާމު ލިބޭކަން އިއުލާނު ކުރުމުން އެކަން ޑޮލީއަށް ގަބޫލުވެސް ނުކުރެވުނެވެ.
ބޭޒޮސްގެ ޕާޓުނަރު ލޯރެން ސެންޗެޒް އާއެކު ބޭއްވި އެ ރަސްމިއްޔާތުގައި ލޯރެން ބުނެފައިވަނީ ޑޮލީއަށް ހަދިޔާ ކުރާ ފައިސާއިން ކުރާނެ ހުރިހާ ރަނގަޅު އަދި ފައިދާހުރި މަސައްކަތްތައް ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
އަދި ޑޮލީ ބުނެފައިވަނީ އެ ފައިސާ ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ފިލޭންތުރޮޕިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ 76 އަހަރުގެ މިއުޒިކް ލެޖެންޑު ޑޮލީ ވަނީ ވެންޑަބިލްޓް ޔުނިވާސިޓީގެ މެޑިކަލް ސެންޓާއަށް އެއް މިލިއަން ޑޮލަރުގެ ޑޮނޭޝަނެއް ދީފައެވެ. ކޮވިޑް ދުވަސްކޮޅުގައި ދިން އެ ޑޮނޭޝަނަކީ ކޮވިޑް ވެކްސިން ހެދުމަށް ދިރާސާ ކުރުމަށްޓަކައި ދިން ފައިސާއެވެ.
ޑޮލީ އަކީ އެމެރިކާގެ މިއުޒިކް އިންޑަސްޓްރީގައި އެތައް އަހަރެއް ވަންދެއް ހަރަކާތްތެރިވަމުން އަންނަ އާޓިސްޓެކެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އައި ވިލް އޯލްވޭސް ލަވް ޔޫ" އާއި "ޖޯލީން" ފަދަ އައިކޮނިކް ލަވަތައް ހިމެނެއެވެ.