16 Nov 2022, 08:30
މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް މަރާލަން އޭނާގެ ބައްޕަ މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމުގެ ހެކި ހުރި ކަމަށް އޭނާ ބުނެފިއެވެ.
ބްރިޓްނީގެ ފުރަތަމަ ކުއްޖާ ލިބި، އޭނާގެ ކެރިއަރުގެ އެންމެ ބޮޑަށް ކުރިއަރަމުން ދިޔަ ދުވަސްވަރު އޭނާއަށް ނަފްސާނީ ގޮތުން ދިމާވި މައްސަލަތަކާ ގުޅިގެން އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ ބާރު އޭނާގެ ބައްޕަ ޖޭމީ ސްޕިއާސްގެ އަތް ދަށަށް ދިޔައެވެ. އޭރު އޭނާގެ އުމުރުން 26 އަހަރެވެ.
އޭރު ޖޭމީ ސްޕިއާސްގެ އެދުމުގެ މަތިން ކޯޓުން އޭނާއަށް ދިން ކޮންސަވޭޓާޝިޕް ބާރުގެ ސަބަބުން ބްރިޓްނީގެ ހަޔާތާއި އަގުބޮޑު މިލްކިއްޔާތުވެސް އޭނާގެ ބައްޕަގެ ކޮންޓްރޯލްގެ ދަށަށް ދިޔައެވެ.
ޖުމްލަ 13 އަހަރަށް ދެމިގެން ދިޔަ ކޮންސަވޭޓާޝިޕްގައި ޖޭމީ ވަނީ ބްރިޓްނީ އަށް އެކި ކަހަލަ ގޮތްގޮތަށް އަނިޔާތައް ދީފައެވެ. އޭގެތެރޭގައި ބްރިޓްނީ އާއި އޭނާގެ ދަރިންނާ ދުރުކޮށް އެކުދިންނާ ބައްދަލުކުރުން މަނާކުރުމުގެ އިތުރުން ނަފްސާނީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހެދުން ހިމެނެއެވެ. ކޯޓުން މި ކޮންސަވޭޓާޝިޕް ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
ދާދި ފަހުން އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ބްރިޓްނީ ބުނެފައި ވަނީ އޭނާ އަމިއްލަ އަތުން ފިހާރައިން އެއްޗެއް ގަތުމުގެ ހުއްދަ ލިބި، ފުރަތަމަ ފަހަރަށް ފިހާރައިން އެއްޗެއް ގަނެފައިވަނީ މީގެ އަހަރެއް ކުރީން ކަމަށެވެ. އޭގެކުރިން ހަޔާތުގެ ހުރިހާ ކަމެއް ކޮންޓްރޯލު ކުރީ ޖޭމީ ކަމަށް ބްރިޓްނީ ބުންޏެވެ.
ބްރިޓްނީ އިތުރަށް ބުނެފައިވަނީ އޭނާއަށް އޭނާގެ ބައްޕަގެ ފަރާތުން ލިބިފައިވާ އެކި އަނިޔާތަކަކީ އޭނާ މަރާލުމަށް އޭނާ ބައްޕަ ކޮށްފައިވާ ކަންތައްތައް ކަމަށެވެ. އެ އަނިޔާތަކުގެ ހެކިތައް ވެސް އޭނާ އަތުގައި ހުރި ކަމަށް ބްރިޓްނީ ބުންޏެވެ.
ޖޭމީ ދިން އަނިޔާތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ އިތުރުން ލޭބާގެ ހައްގުތައް ވެސް ނިގުޅައިގަތުން ހިމެނޭ ކަމަށް ބްރިޓްނީ ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި ކޯޓަށް ދާން ބޭނުންނުވާ ކަމަށާއި މިހާރު ބޭނުންވަނީ އުފަލުގައި ދިރިއުޅެން ކަމަށް ބްރިޓްނީގެ ޕޯސްޓުގައިވެއެވެ.