ޖަޕާނުގެ ޓަކަސާގޯ ސިޓީގައި އާއިލާއަކުން ހިންގާ މަސް ފިހާރައެއްގެ ހާއްސަ ޑިޝްއަކަށް އޮތް ޑިމާންޑު ބޮޑުވެ، އެ ޑިޝްއަށް އިންތިޒާރު ކުރާ މީހުންނަށް ދެން ފުރުސަތެއް ލިބެން އޮތީ 30 އަހަރު ފަހުން ކަމަށް އެ އާއިލާއިން ބުނެފިއެވެ.

އެއްގަމު މަހުގެ ބާވަތްތައް ވިއްކާ ޖަޕާނުގެ އާއިލާއަކުން ހިންގާ ފިހާރައެއް ކަމަށްވާ އަސަހިޔާއިން މަޝްހޫރުވެފައި ވަނީ ކަޓްލަސް ގޮތަށް ތައްޔާރު ކުރާ 'ބީފް ކްރޮކެޓް'އެކެވެ.

އަސަހިޔާ ހުޅުވީ 1926ގައި ނަމަވެސް އެ ފިހާރައިން ގެރި މަސް އަޅާފައި ހުންނަ ކްރޮކެޓް ވިއްކަން ފެށީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. އެ ކްރޮކެޓް މަގުބޫލު ވާން ފެށީ 2000ގެ ކުރީކޮޅުގައެވެ.

އަސަހިޔާގެ ވެރިޔާ ޝިގެރޫ ނިއްޓާ ބުނާގޮތުގައި ކްރޮކެޓް ވިއްކަން ފެށީ އަސްލު ވަރަށް އަގުހެޔޮކޮށް، އަޖުމަ ބަލާލުމުގެ ގޮތުންނެވެ. އެ ކްރޮކެޓްގައި ބޭނުންކޮށްފައިވަނީ އެންމެ މޮޅު ކޮލިޓީގެ ކޯބީ ގެރި މަހެވެ. އަދި އެ ވިއްކަން ފެށީ ކޯބީ ގެރި މަސް ގަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އުއްމީދުގައެވެ.

"މި ގެރި މަހުގެ ކޮލިޓީގެ ގޮތުން މިއީ ވަރަށް އަގުބޮޑު އެއްޗެއް. އެހެންވެ އެ ގަންނަން ގިނަ ބަޔަކު ޖެހިލުންވޭ،" އޭނާ ކިޔައިދިނެވެ.

އެހެންކަމުން ނިއްޓާ އުއްމީދުކުރީ އެ ކްރޮކެޓް ކެއުމަށްފަހު، އޭގައި ބޭނުންކޮށްފައިވާ ގެރި މަސް ވަކިން ގަންނަން މީހުން އަންނާނެ ކަމަށެވެ. އަދި ފުރަތަމަ ކްރޮކެޓް ވިއްކަމުން ދިޔައީ ގެރި މަހަށް ވުރެ ވެސް އަގު ހެޔޮކޮށް، ގެއްލުމުގައި ކަމަށް ނިއްޓާ ބުންޏެވެ.

ނަމަވެސް ފަހުން ކްރޮކެޓްގެ އިތުރުން ކޯބީ ގެރި މަސް ގަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އަދި އެހާ އަގުހެޔޮކޮށް ކްރޮކެޓް ވިއްކުމުގެ ނަތީޖާއަކަށްވީ އެއަށް ޑިމާންޑު ބޮޑުވެ ވެއިޓިން ލިސްޓު ދިގުވެގެން ދިޔުމެވެ.

އޭގެ ފަހުން އަސަހިޔާއިން ވަނީ ކްރޮކެޓްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ކޯބީ ގެރި މަސް އަޅާފައިވާ "އެކްސްޓްރީމް ކްރޮކެޓް" އެންމެ ފުރަތަމަ ވިއްކީ 1.8 ޑޮލަރަށެވެ. މިހާރު އެ ކްރޮކެޓް ވިއްކަނީ އެއްޗަކަށް 3.68 ޑޮލަރު އަރާ ގޮތަށް، ފަސް ކްރޮކެޓް ހިމެނޭ ފޮއްޓެއްގައެވެ.