ޗެމްޕިއަންސް ލީގު ފައިނަލްގައި މިފަހަރު ކުޅޭނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި ޗެމްޕިއަން ބާސެލޯނާ ކަމަށް ބްރެޒިލްގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.

މި ދެ ކުލަބަށް ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ، 35، ބުނީ ސެމީ ފައިނަލުގައި ރެއާލް އާއި ޖަރުމަނުގެ ބަޔާން މިއުނިކް ވާދަކުރާ މެޗަކި ވަރަށް ވަރުގަދަ މެޗަކަށް ވާނެ ކަމަަށެވެ.

"ސްޕޭން އޮތީ އިގްތިސާދީ ދަތިތަކެއްގެ ތެރޭގައި. އެކަމަކު މި ދެ ކުލަބު އޮތީ އެހެން ކުލަބުތަކަށްވުރެ މަތީގައި. މިއީ ސްޕޭންގެ ފަހަރެއް،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ވޯލްޑް ކަޕުގެ އޯލްޓައިމް ގޯލް ސްކޯރަރު ބުންޏެވެ.

ސެމީ ފައިނަލުގައި ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ޗެލްސީ ބައްދަލުކުރާ މެޗުން ބާސެލޯޏާ ކާމިޔާބު ހޯދާނެ ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ މޭމަހުގެ 19 ވަނަ ދުވަހު ޖަރުމަނުގެ އެލިއާންޒް އެރީނާގައި ފައިނަލް ކުޅޭނީ އޭނާ ކުޅުނު ދެ ޓީމު ކަމަށެވެ. އަދި ރެއާލް މެޑްރިޑް ކޮޅަށް ބުރަވެ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ މޮޅުވާން އަބަދުވެސް ފިކުރުގެންގުޅޭ ކޯޗެއް ކަމަށާއި މިހާރުގެ ރެއާލް މެޑްރިޑަކީ ކޮންމެ މުބާރާތެއް ވެސް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ.

ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތީން ކާމިޔާބު ކުރި ރޮނާލްޑޯ ވަނީ ބާސެލޯނާ އަށް ކުޅުނު ސީޒަނުގައި 49 މެޗުން 47 ގޯލު ޖަހައިފަ އެވެ. އަދި ރެއާލް އަށް ކުޅެދިން ފަސް އަހަރު ތެރޭގައި އެކުލަބަށް 177މެޗުން 104 ގޯލު ޖަހައިދީފަ އެވެ.