07 Apr 2012, 02:32
ބާސެލޯނާ އަކީ ޗެމްޕިއަންސް ލީގުގެ ހޮޓްފެވަރިޓުން ކަމަށް ވާދަވެރި ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނުމުން އޭނާ އަށް ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފި އެވެ.
"އަހަރެން އޭނާ އަށް ޝުކުރުއަދާކުރަން އަހަރުމެންނާމެދު އޭނާ ގެންގުޅޭ ޔަގީންކަމަށްޓަކައި. އެކަމަކު ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމަށް ވެސް ފުރުސަތު އެބައޮތް،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ކުޅުނު ދުވަސްވަރު ބާސެލޯނާގެ ކޯޗުގެ ތަރުޖަމާނަކަށް މަސައްކަތްކުރި މޮރީނިއޯ ބުނީ މުބާރާތުގެ ފައިނަލްގައި ކުޅޭނީ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް ކަމަށެވެ. ސެމީ ފައިނަލުގައި ސްޕޭނުގެ ދެ ޓީމުގެ ތެރެއިން ޗެމްޕިއަން ބާސެލޯނާ ވާދަކުރާނީ މޮރީނިއޯގެ ކުރީގެ ޓީމު ޗެލްސީއާ އެވެ. ރެއާލް ވާދަކުރާނި ބަޔާންއާ އެވެ.
މި ހަތަރު ޓީމުގެ ތެރެއިން މޮރީނިއޯ ބުނީ ޗެލްސީ އަށް ބާސެލޯނާއަތުން މޮޅުނުވެވޭނެ ކަމަށާއި އެއީ ކީއްވެގެންކަން އޭނާ އަށް އެނގޭ ކަމަށެވެ. މޮރީނިއޯ މި އިޝާރާތް ކުރަނީ މި ދެ ޓިމު ސެމީގައި ވާދަކުރި ދެ ފަހަރު ވެސް ރެފްރީންގެ އެހީއާއެކު ބާސެލޯނާ ފައިނަލަށް ދިޔަކަމަށް ތުހުމަތުކޮށެވެ. އޭނާ ބުނީ ބާސެލޯނާއަކީ އަބަދުވެސް ފައިނަލްގައި ކުޅެންޖެހޭ ޓީމެއް ކަމަށެވެ.
ނަމަވެސް ގާޑިއޯލާ ބުނީ ޗެލްސީ އަކީ އިނގިރޭސި ޓީމުތަކުގެ ތެރެއިން ޗެމްޕިއަންސް ލީގުގައި މިހާރު އެންމެ ރަނގަޅު ރެކޯޑް އޮތް ޓީމު ކަމަށާއި އެމީހުންނަކީ މޮޅު ޓީމެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.