މެންޗެސްޓާ ޔުނައިޓެޑުން އޭނާއަށް ބޭވަފާތެރިވެއްޖެ ކަމަށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޕިއާސް މޯގަންއަށް ދިން އެކްސްކުލޫސިވްއިންޓަރވިއުއެއްގައި ރޮނާލްޑޯ ބުނީ މި ސީޒަންގެ އިތުރުން ނިމިދިޔަ ސީޒަންގައިވެސް ވަކި ބަޔަކު އޭނާ ޔުނައިޓެޑްގައި ހުންނަން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެބަޔަކު ބޭނުންވަނީ އޭނާ ޔުނައިޓެޑް ދޫކޮށްލުމަށް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"ސަރ އެލެކްސް ފާގެސަން ކްލަބް ދޫކޮށް ދިޔަ ފަހުން ކްލަބުގެ ކުރިއެރުމެއް އަހަންނަކަށް ނުފެނޭ. ކްލަބްގެ ޕްރޮގްރެސް ހުރީ ސުމެއްގައި،" ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ ބުނީ ޔުނައިޓެޑުން އެޓީމުގެ ކުރީގެ ކޯޗު އޮލެ ވަކި ކުރިފަހުން ރެގްނިކް ގެނައި ގެނައުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ރެގްނިކް އަކީ ކޯޗެއްވެސް ނޫން ކަމަށް ރޮނާލްޑޯ ފާހަގަކުރިއެެވެ.

"މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ސްޕޯޓްސް ޑިރެކްޓިވްއެއްގެ ގޮތުގައި ރަލްފެ ރެގްނިކް ގެނައުމުން ހަމައެކަނި އާޝޯހުވީ އަހަރެންނެއް ނޫން. މުޅި ދުނިޔެ" ރޮނާލްޑޯ ބުންޏެވެ.

މެންޗިސްޓާ ޔުނައިޓެޑްއަށް ކުރިއެރުން ނުލިބޭކަން ރޮނާލްޑޯ ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި ޖިމާއި، ޓެކްނޮލޮޖީ، އިންފްރާސްޓްރަކްޗާ އަދި ބަދިގެވެސް ހުރީ ކުރިން ހުރި ގޮތަށް ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއަށް މި ސީޒަންގައި ޔުނައިޓެޑާ އެއްކޮށް މާމޮޅު ކުޅުމެއް ނުދެއްކެއެވެ. ނަމަވެސް ނިމިދިޔަ ސީޒަންގައި ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައި ކުޅުނު 40 މެޗުން 19 ގޯލް ޖަހާފައެވެ.