މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ބަޔާން މިއުނިކް ކަމަށް ވާދަވެރި ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް މޮރީނިއޯގެ ރެއާލް ވާދަ ކުރަން ޖެހޭ ޓީމަކީ ބަޔާން އެވެ. ބާސެލޯނާ ވާދަކުރަން ޖެހެނީ މޮރީނިއޯގެ ކުރީގެ ޓީމު ޗެލްސީއާ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ ޗެލްސީ އަށް ބާސެލޯނާ ބަލިކުރެވޭނެހެން. ބާސެލޯނާ އަކީ (މުބާރާތުގެ) ފެވަރިޓުންނެއްނޫން. އެއީ ސުޕަ ފެވަރިޓުން. އެމީހުން މާމޮޅު،" ކުރިން ބާސެލޯނާގެ ތަރުޖަމާނަކަށް މަސައްކަތް ކުރި މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އަކީ ބާސެލޯނާ އަށް ވަރަށް ގިނައިން ހަސަދަ ފިލުވާ ކޯޗެކެވެ. ސަބަބަކީ ރެއާލްއާ އެންމެ ވާދަވެރި ޓީމަކީ ބާސެލޯނާ ކަމަށްވުމެވެ. އަދި އޭނާ ޗެލްސީ އަށް ކޯޗުކޮށްދިން އިރު ބާސެލޯނާ އަތުން ޗެލްސީ ދެ ފަހަރެއްގެ މަތީން ސެމީ ފައިނަލުގައި ބަލިވެފައިވުމެވެ. ނަމަވެސް އޭނާ ވަނީ 2010 ވަނަ އަހަރު އިންޓަމިލާނުގައި ބާސެލޯނާ ސެމީ ފައިނަލުން ކަޓުވާލައިފަ އެވެ.

މިހެންވެ، މަލާމާތުގެ ރާގެއްގައި އޭނާ ބުނީ ފައިނަލުގައި ރެއާލް އާއި ޗެލްސީ ނުކުޅޭނެ ކަމަށެވެ.
"ތެދަށް ބުނަންޏާ އަހަންނަކަށް ހިޔެއްނުވޭ ރެއާލް އާއި ޗެލްސީ ފައިނަލް ކުޅޭނެހެން. ފައިނަލްގައި ކުޅޭނީ ބާސެލޯނާ އާއި ބަޔާންމިއުނިކް. އަހަންނަށް އެނގޭ އެއީ (އެ ދެ ޓީމު ފައިނަލްކުޅޭނީ) ކީއްވެގެންކަން؟. ބާސެލޯނާ އަކީ އަބަދުވެސް ފައިނަލް ކުޅޭނެ ބައެއް،" މޮރީނިއޯ ބުންޏެވެ.
ޕޯޓޯގައި 2004 ވަނަ އަހަރު އަދި 2010 ވަނަ އަހަރު އިންޓަމިލާނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މޮރީނިއޯ ބުނީ އޭނާގެ ހީކުރުންތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ފައިނަލަށް ދިއުމަށް އޭނާގެ ޓީމު ރަނގަޅަށް ތައްޔާރުކުރާނެ ކަމަށެވެ.

"ބަޔާން މިއުނިކަކީ ވަރަށް ވަރުގަދަ ޓީމެއް. ހާއްސަކޮށް އެއީ ވަރަށް މޮޅު ވަކިވަކި ކުޅުންތެރިން ތިބި ޓީމެއް. އަހަންނަށް އެކަން އެނގުނު އިންޓަމިލާނުގައި ހުރި އިރު. ސެމީ ފައިނަލް މެޗަށް އަހަރުމެން އެބަޖެހޭ ކުޅުންތެރިން ރެސްޓް ކުރުވަންވެސް،" ބަޔާން ބަލިކޮށް އިންޓަމިލާނަށް ތަށި ހޯދައިދިން މޮރީނިއޯ ބުންޏެވެ.