ޑްރަގަށް ފަރުވާ ދޭނެ ތަންތަނުގެ ސާވޭއެއް މިހާރު ހެލްތު މިނިސްޓްރީން ހަދައިފި ކަމަށާއި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް ދެނެގަނެވިފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ގާއިމް ކުރި ހާފްވޭ ހައުސްގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ނަސީމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމް ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ގާއިމްކޮށްދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދުރުވެވޭނީ އަމިއްލައަށް އެކަމުން ދުރުވާން ނިންމައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ މީހުން ދުރުކުރުވުމުގައި ނަސޭހަތް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމަށް މައިންބަފައިން ވެސް ތަމްރީނުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމަށް ކުރީކޮޅު ކުއްޖަކު ޝައުގުވެރިކަން ނަގާކަމަށް ވަންޏާ މައިންބަފައިން އެބަޖެހޭ އެކަން ދެނެގަންނަން،" ނަސީމް ވިދާޅުވިއެވެ.

އެގޮތުން މައިންބަފައިންނަށް ޚާއްސަކޮށް ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙް ވިދާޅުވީ، ގައުމީ މައްސަލައަކަށް ހައްލު ހޯދުމަކީ ހަމައެކަނި އެންޑީއޭއަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އެކަމުގައި ވަރަށް ގިނަ މިނިސްޓްރީތަކާއި މުއައްސަސާތައް ޝާމިލްވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހާފްވޭ ހައުސް ހުޅުވުމަސް ބޭއްވި ރަސްމިއްޔަތުގައި އިމާދު ޞާލިޙް ވާހަކަދައްކަވަނީ -- ފޮޓޯ/ އެޗްޑީސީ

"މި މަސައްކަތުގެ ނަތީޖާ ނެރެވޭނީ ގައުމީ ލެވެލްއެއްގަ ގައުމީ ވިސްނުމަކުން މަސައްކަތާ ދޭތެރޭ ވިސްނައިގެން،" އިމާދު ވިދާޅުވިއެވެ.

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާދިނުމުގައި އެންޑީއޭއަށް މިނިސްޓްރީ ތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

އެންޑީއޭގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ، އެ އެޖެންސީގެ ހާފްވޭ ހައުސް ހުޅުވަނީ އާ އުންމީދަކާ އެކީ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އަށަގެންފައިވާ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ޑްރަގަށް ޒުވާނުން ދެވިހިފާފައިވާ މައްސަލަކަމަށެވެ.

ފަރުވާއަށް ފަހު ވެސް މަސްތުގެ ތެރެއަށް މީހުން ދިއުމުގެ ފުރުސަތު ބޮޑުކަން ޝަމާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަމަށް އޮތް ފަރުވާއަކީ ލޯތްބާއި އެހީތެރިކަން ކަމަށެވެ. އަދި މުޖުތަމައުއިން އެމީހުން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހާފްވޭ ހައުސް ހުޅުވުމަސް ބޭއްވި ރަސްމިއްޔަތުގައި ޝަމާއު ވާހަކަދައްކަވަނީ -- ފޮޓޯ/ އެޗްޑީސީ

އޭނާ ވިދާޅުވީ، ހާފްވޭ ހައުސް ހުޅުވީ އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަކުރުމަށްފަހުކަމަށެވެ. އަދި އެތަނުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތައް ވެސް ވަނީ ދުރާލާ ތައްޔާރުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަދު މި ފެށޭ މަސައްކަތުގައި މަދަމާއިން ފެށިގެން، މިތަނަށް ފަރުވާއަށް މީހުން ނެގޭނެ. އަދި ފަރުވާ ނިންމާފައި ނުކުންނަ މީހުން ވެސް ރަނގަޅު، ފުރިހަމަ ޓީމަކާއެކީގައި އަޅުގަނޑުމެނަށް ބެލެހެއްޓޭނެ،" ޝަމާއު ވިދާޅުވިއެވެ.