މި ސަރުކާރަކީ ދީނީ ކަންކަމަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭ ސަރުކާރެއް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތްތަކާއި ސްކޫލްތަކެއް އެޅުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ހ. މީރުމާގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާތިފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މިސްކިތްތަކުގައި ބަންގިވެސް ނުގޮވާނެ ކަމަށް ކުރިން މީހުން ކިޔާ ކަމަށެވެ.

"މިއީ ހަމަ ދައްކާފަ ހުރި ވާހަކަ. އެހެން ނަމަވެސް އަޅުގަނޑުމެން މީކީ ސިޔާސީ ކަމަކަށް ހަދަނީއެއް ނޫން،" މިސްކިތްތައް އެޅުމަށް ޕްރައިވެޓް ދެ ކުންފުންޏަކާ ހަވާލުކުރި ކުރުމަށް އިޝާރާތް ކުރައްވަމުން އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާތިފް ވިދާޅުވީ މިސްކިތް އެޅުން ފަދަ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓާ ކުންފުނިތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ހޯދައިދިނުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އާތިފްގެ ވާހަކަފުޅުގައި، ސަރުކާރާއި އެޗްޑީސީއިން އިޖްތިމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން މި ސަރުކާރުން މިހާރުވެސް 4،000 އަށް ވުރެ ގިނަ އިޖްތިމާއީ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ އިޖްތިމާއީ ހައުސިންގެ މަސައްކަތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާ ކަމަށާއި، އެޗްޑީސީގެ ޒިންމާ އަކީ އެކަންކަމަށް ބޭނުންވާ ބިން ހަވާލުކޮށް އެކަންކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް ފަހި ކޮށްދިނުން ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

"އަމާޒު ކުރެވިގެންދާ ސުވާލެއް އެޗްޑީސީއާ ކީއްވެގެންތޯ ހުޅުމާލޭން އަގުބޮޑުކޮށް ބިން ވިއްކަނީ. އެހެން ސެގްމެންޓްތަކަށް ހައުސިން ނެރެނީ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ހުޅުމާލެ، ހުޅުމާލެއަށް ވަނީ ހުރިހާ ގިންތިއެއްގެ މީހުން ދިރިއުޅެގެން ކަމަށާއި އެހެންކަމުން އެކި ގިންތީގެ މީހުންނަށް ބޭނުންވާ އަދި އެކަށީގެންވާ ވަސީލަތްތައް ގާއިމް ވެފައި ހުންނަން ޖެހޭ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތަކާއި ފަސް ސްކޫލެއް އެޅުމަށް އެކި ފަރާތްތަކާއެކު އެޗްޑީސީއިން މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގައި ޕްރިމިއަމް ލަގްޒަރީ ވިލާތަކެއް އެޅުމަށް ބެޗް ކޮންސްޓަރަކްޝަނާ މިއަދު ހަވާލުކޮށްފައިވެއެވެ.

އެ ހުރިހާ ކަންކަމަކީވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައްޔިތުންނަށް ހިތް ފަސޭހަކަމާއެކު ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރާ ކަންކަން ކަމަށް އެޗްޑީސީއިން ބުންޏެވެ.