07 Apr 2012, 01:52
އޭއެފްސީގެ އާ ރައީސަކު ހޮވަން އިންތިހާބު ކުޑަތަންވަމުންދަނިކޮށް އެ ޖަމާއަތުގެ މެމްބަރު ގައުމުތަކަށްދޭ އެހީއަށް 50000 ޑޮލަރު އިތުރުކުރަން ނިންމައިފި އެވެ.
އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތުން މިހާރު ނިންމާފައިވަނީ އެ ޖަމާއަތުގެ މެމްބަރު ކޮންމެ ގައުމަކަށް ވެސް 250،000 ޑޮލަރުގެ އެހީދޭ ގޮތަށެވެ. މި ގޮތަށް ނިންމީ މިދިޔަ މަހު ފަހުކޮޅު ބޭއްވި ބައްދަލުވުމުގަ އެވެ. އޭ.އެފްސީގެ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ވަގުތީ ރައީސް ޗައިނާގެ ޒަންޖިލޮން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި މެމްބަރު ގައުމުތަކަށް ދޭ އެހީ އިތުރުކުރަން ނިންމިއިރު ކުރިން އަހަރަކު ދެމުން އައީ 200،000 ޑޮލަރެވެ.
އޭއެފްސީގެ މެމްބަރު ގައުމުތަކުގެ އަދަދު 47 އަށް އަރާއިރު އެ ޖަމާއަތުގެ ބައްދަލުވުމުގައި ޖިލޮން ވިދާޅުވީ 2012 ވަނަ އަހަރަކީ ވަރަށް ޗެލެންޖް ބޮޑު އަހަރެއްގެ ގޮތުގަ އެވެ. އޭ.އެފްސީގެ ރައީސްކަން ހުސްވީ އެ މަގާމުގައި ހުންނަވައި ފީފާގެ ރައީސްކަމަށް ކުރިމަތިލެއްވި ގަތަރުގެ މުހައްމަދުބިން ހައްމާމް ފީފާގެ ރައީސްކަން ހޯއްދެވުމަށް ރިޝްވަތުދިންކަމަށް ސާބިތުވެ ފުޓްބޯޅައިން އޭނާ އުމުރު ދުވަހަށް ފީފާއިން ސަސްޕެންޑްކުރުމުންނެވެ. އާ ރައީސަކަށް އިންތިހާބުވުމަށް ވަގުތީ ރައީސް ޒަންޖިލޮން މަސައްކަތްކުރައްވާއިރު އޭނާއާ ވާދަކުރައްވާނީ ބަހުރޭނުގެ މަހުޖަނު ސަލްމާން ޙަލީފާ އެވެ. މީގެ ތެރެއިން އޭއެފްސީގެ އެންމެ ފަހުގެ އިންތިހާބުގައި ހައްމާމްއާ ވާދަކުރައްވައި ސަލްމާން ބަލިވީ އެންމެ ދެ ވޯޓުންވެ. އެ ފަހަރު ރާއްޖެއިން ވޯޓުދިނީ ވެސް އޭނާ އަށެވެ.
އޭއެފްސީން ނިންމާފައވަނީ 2013 ވަނަ އަހަރަކީ އޭޝިޔާގެ ގްރާސްރޫޓް އަހަރުގެ ގޮތުގަ އެވެ.
އޭއެފްސީގެ ހިންގާ ކޮމިޓީގައި އެފް.އޭ.އެމުގެ ރައީސް އަލީ އާޒިމް ވެސް ހިމެނިވަޑައިގެންނަވަ އެވެ. އޭނާ އަކީ އޭއެފްސީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތް ފުރަތަމަ ދިވެހި ބޭފުޅާ އެވެ.