މަޝްހޫރު ސްޕޯޓްސް އަދި ފެޝަން ކުންފުނި, އެޑިޑާސް އާއި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާ ގުޅިގެން އުފެއްދި ބްރޭންޑު "ޔީޒީ"ގެ ދަށުން ޕްރޮޑަކްޓު ވިއްކާނެ ކަމަށާއި އެކަން ކުރާނީ އެހެން ނަމެއްގެ ދަށުން، ކަމަށް އެޑިޑާސް ކުންފުނިން ބުނެފިއެވެ.

ކާންޔޭގެ އަމަލުތަކާ ގުޅިގެން ބޮޑެތި ބްރޭންޑުތަކުން ކާންޔޭ އާ އެކު އޮތް ގުޅުން ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި ކަނޑާލާފައެވެ. އޭގެތެރޭގައި އެންމެ ބޮޑު އެއް ގުޅުމަކީ އެޑިޑާސް އާއި ކާންޔޭ އާ ދެމެދުގައި އޮންނަ ގުޅުމެވެ. ކާންޔޭ އާއި އެޑިޑާސް އިން ގުޅިގެން ވަނީ ޔީޒީ ނަމުގައި ބްރޭންޑެއް އުފައްދާފައެވެ. މިއީ އެޑިޑާސްއަށް ބޮޑު ފައިދާއެއްވާ އަދި ކާންޔޭއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ބްރޭންޑެވެ.

ނަމަވެސް އެޑިޑާސްއިން ވެސް ކާންޔޭއާއެކު އޮންނަގުޅުން ކަނޑާލުމުން ޔީޒީ ބޭނުންކުރުން ހުއްޓާލުމުގެ ވާހަކަތަކެއް ދެކެވުނެވެ. އެއީ ޔީޒީއަކީ ކާންޔޭއާ ގުޅިގެން އުފެއްދި ބްރޭންޑަކަށް ވި ނަމަވެސް އެއީ އެޑިޑާސްގެ ބެލުމުގެ ދަށުގައި އިންނަ ބްރޭންޑަކަށް ވުމެވެ.

މިހާރު އެޑިޑާސް އިން މަސައްކަތް ކުރަމުން އަންނަނީ ޔީޒީ ބްރޭންޑުގެ ދަށުން އުފައްދާ ޕްރޮޑަކްޓުތައް އަލުން ވިއްކަން ފެށުމަށެވެ.

ނަމަވެސް މިގޮތަށް ކަންތައް ކުރާނީ ޔީޒީގެ ބަދަލުގައި އެހެން ނަމެއްގެ ދަށުން ކަމަށް އެޑިޑާސް އިން ބުނެއެވެ.

އެޑިޑާސް އިން ބުނަނީ ކާންޔޭ އާއެކު އޮތް ގުޅުން ކަނޑާލުމުގެ ސަބަބުން އެކުންފުންޏަށް 250 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށެވެ. ނަމަވެސް އެ ގެއްލުމަކީ ކުޑަ މުއްދަތަކަށް ދެމިގެންދާނެ ގެއްލުމެއް ކަމަށާއި އެއީ ފޫބައްދާލެވޭނެ ވަރުގެ ގެއްލުމެއް ކަމަށް އެޑިޑާސްއިން ބުނެއެވެ.

އެޑިޑާސްގެ އިތުރުން މިހާރު ވަނީ ވޯގް އާއި ބަލެންސިއާގާ ވެސް ކަންޔޭ އާ އެކު އޮތް ގުޅުން ކަނޑާލާފައެވެ. އަދި ބައެއް ސޯޝަލް މީޑިއާތަކުން އޭނާ ސަސްޕެންޑުކޮށްފައިވާއިރު އޭނާގެ ޓެލެންޓް އޭޖެންސީ، ސީއޭއޭ އިން ވެސް ވަނީ އޭނާގެ ނަން މިހާރު ނަގާފައެވެ.