ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ލަންކާގެ ފޮރިން މިނިސްޓާ ޖީއެލް ޕީރިސް އާއި ޑރ. އަބްދުއް ސަމަދު އަބްދުﷲ އާއި ދެބޭފުޅުން ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި މިއަދު މަޝްވަރާތަކެއް ކުރައްވައިފި އެވެ.

ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ލަންކާއާ އެކު ބޭއްވި ފުރަތަމަ ރަސްމީ ވާހަކަތައް އޮތީ މިއަދު މެންދުރު ފަހު ފޮރިން މިނިސްޓްރީގަ އެވެ. އެ ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަން ދެބޭފުޅުންވެސް ފާހަގަކުރެއްވި އެވެ. އަދި ލަންކާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ލަންކާގެ މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާއިން ރާއްޖެއަށް އިޖްތިމާއީ ގޮތުންނާއި އިގްތޮސޯދީ ގޮތުން ފޯރުކޮށްދެމުން އަންނަ އެހީއަށް ސަމަދު ވަނީ ޝުކުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހީތެރިކަމުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގަތް ލަންކާގެ ފޮރިން މިނިސްޓަރު ވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފަ އެވެ.